ނަޞޭޙަތާއި އިރުޝާދު
ޢިބްރަތްތެރި ވާހަކަ: ހޮހޮޅައެއްގައި ތާށިވި ތިން އެކުވެރިން

ކީރިތި ރަސޫލު ﷲ صلى الله عليه وسلم ބަޔާންކޮށްދެއްވި ވާހަކައެއްްގައިވެއެވެ.

ތިޔަބައިމީހުންގެ ކުރީގެ މީހުންގެ ތެރެއިން 3 މީހަކު ދަތުރަކުނުކުތެވެ. މި ތިން މީހުން ދަތުރުކުރަމުން ދަނިކޮށް ވާރޭވެހެން ފެށިއެވެ. ދެން ފަރުބަދައެއްގެ ހޮހޮޅައަކަށް ވަދެ ހިޔާވަހިކަން ހޯދިއެވެ. ދެން ފަރުބަދައިގެ މަތިން ފުރޮޅެމުން އައި ބޮޑު ހިލައެއް ހޮހޮޅައިގެ ދޮރުމައްޗަށް ވެއްޓި ހޮހޮޅަ ބެދިއްޖެއެވެ.

ދެން އެބައިމީހުން އެކަކު އަނެކަކަށް ބުންޏެވެ.انْظُرُوا أَعْمَالاً عَمِلْتُمُوهَا صَالِحَةً لِلَّهِ فَادْعُوا اللَّهَ تَعَالَى بِهَا لَعَلَّ اللَّهَ يَفْرُجُهَا عَنْكُمْ

ކަލޭމެން ﷲއަށްޓަކައި ކޮށްފައިވާ ޞާލިޙު ޢަމަލުތައް ބަލައި، އެޢަމަލުތައް މެދުވެރިކޮށް ﷲއަށް ދުޢާކުރާށެވެ. އޭރުން އެކަލާނގެ ކަލޭމެންނަށް ދިމާވެފައިވާ ކަމުން ސަލާމަތްކޮށްދެއްވާފާނެއެވެ.

ފުރަތަމަ މީހާ މާތްﷲއަށް ފަރިޔާދުކުރިއެވެ. ”ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ. މިއަޅާގެ ތިބީ މުސްކުޅި މައިންބަފައިންނެވެ. ތުއްތުދަރިންނެވެ. މިއަޅާ ކޮންމެ ދުވަހަކުވެސް ގެރިބަކަރިން ކިރުފެލާފަ، އެކިރު އެންމެ ފުރަތަމަވެސް ދެނީ މިއަޅާގެ މައިންބަފައިންނަށެވެ. އެއްދުވަހަކު މިއަޅާގެ ނަޢަމްސޫފިތަކަށް ކާންދޭފަތް ހޯދުމަށް ދުރު ހިސާބަކަށް ދަތުރުކުރަން ޖެހުނެވެ. އެހެންވެ އެދުވަހު މިއަޅާއަށް މައިންބަފައިންގެ ގެއަށް ދެވުނީ ވަރަށް ލަހުންނެވެ. އެގެއަށް ދެވުނުއިރު މިއަޅާގެ މައިންބަފައިން ނިދައިފިއެވެ. ދެން މިއަޅާ ކިރު ކަންވާރު ހިފައިގެން މައިންބަފައިންގެ ބޯލާކޮޅުގައި ހުރީމެވެ. އެދެމީހުން ހޭލާނެ އިރެއްގެ އިންތިޒާރުގައެވެ. އަދި މިއަޅާގެ ދަރިން މިއަޅާގެ ފައިކައިރީގައި ރޮމުން ދިޔައިރުވެސް، (މިއަޅާގެ މައިންބަފައިންނަށް ނުދީ) އެކުދިންނަށް އެކިރުތަށިން ދިނުމަށް ނުރުހުނީމެވެ. މިގޮތުގައި މިއަޅާ ފަތިސްވަންދެން ހުރީމެވެ. މިއަޅާގެ އެޢަމަލަކީ އިބައިލާހުގެ ވަޖްހުފުޅު އަދައިގެން ކުރި ޢަމަލެއްކަމުގައި ވާނަމަ، އަޅަމެން މިމުސީބާތުން ސަލާމަތް ކޮށްދެއްވާނދޭވެ.

ދެން އެހެން މީހަކު ބުންޏެވެ. ހަމަކަށަވަރުން މިއަޅާގެ ބޮޑުބޭބެގެ އަންހެން ދަރިއަކު ހުރެއެވެ. ފިރިހެނަކު އަންހެނަކު ދެކެ ލޯބިވާނެ އެންމެ ބޮޑަށް މިއަޅާ އެކުއްޖާދެކެ ލޯބިވީމެވެ. ފަހެ، މިއަޅާ އެކުއްޖާގެ ގާތުން ޒިނޭކުރަން އެދުނީމެވެ. އެކުއްޖާ ޒިނޭކުރަން އެއްބަސްވީ ސަތޭކަ ވިހި ދީނާރުދޭމަތިންނެވެ.

މިއަޅާ ނުހަނު ބުރަކޮށް މަސައްކަތްކޮށް އެފައިސާ ޖަމާކުރީމެވެ. ދެން ތިމަންނަ އޭނާއާއި އެކު އެނުބައި ޢަމަލުކުރުމަށް އުޅުނު ހިނދު އެއަންހެންކުއްޖާ ބުންޏެވެ. ” އޭ ﷲގެ އަޅާއެވެ! ﷲއަށް ބިރުވެތިވާށެވެ. ކައިވެނީގެ ގުޅުމާނުލާ ތިޢަމަލަށް އަރައި ނުގަންނާށެވެ. “

ދެން މިއަޅާ (އެމުޑުދާރު ޢަމަލުނުކޮށް) ތެދުވީމެވެ. މިއަޅާގެ އެޢަމަލަކީ އިބައިލާހުގެ ވަޖްހުފުޅު އަދައިގެން ކުރި ޢަމަލެއްކަމުގައި ވާނަމަ، އަޅަމެންނަށްޓަކައި (މި ހިލަގަނޑު) ފެޔަށް ޖައްސަވާނދޭވެ! ދެން މާތް ﷲ، އެހިލަގަނޑު އަނެއްކާވެސް ފެޔަށްޖެއްސެވިއެވެ.

ތިންވަނަ މީހާ ބުންޏެވެ. މިއަޅާއަކީ މީހުން ލައްވާ  އުޖޫރަޔަށް މަސައްކަތްކުރުވާ އުޅުނު މީހަކީމެވެ. އެއެންމެންގެ އުޖޫރަ ހަމައަށް ދިނީމެވެ. އެންމެ މީހަކު ފިޔަވައެވެ. އެމީހާ މަަސައްކަތް ކުރުމަށްފަހު އުޖޫރަ ނުހޯދާ ދިޔައީއެވެ.  ދެން މިއަޅާ އޭނާގެ އުޖޫރަ ބަލަހައްޓައި، ތަރައްޤީކުރުމުގައި ދެމިހުރީމެވެ.

އޭގެ ފައިދާއިން ބައިވަރު ގެރިއާއި އެއެއްޗެހި ހުއިހައްޕާނެ މީހުން ޖަމާކުރެވެންދެނެވެ. ދެން އޭނާ މިއަޅާގެ ގާތަށް އައެވެ. އަދި ބުންޏެވެ. ﷲއަށް ބިރުވެތިވާށެވެ. (އަހަރެންގެ އުޖޫރަ ދޭށެވެ.)

ދެން މިއަޅާ ބުނީމެވެ. އެތިބި ގެރިތަކާއި އެއެއްޗެހި ހުއިހައްޕާ މީހުންގެ ގާތަށް ގޮސް އެހުރިހާ އެއްޗެއް ގެންދާށެވެ. ދެން އޭނާ ބުންޏެވެ. ﷲއަށް ބިރުވެތިވާށެވެ. އަހަރެންނަށް މަލާމާތް ނުކުރާށެވެ. މިއަޅާ ބުނީމެވެ. އަހަރެން ކަލެއަށް މަލާމާތެއް ނުކުރަމެވެ. އެއެއްޗެހި ގެންދާށެވެ. ދެން އޭނާ އެތަކެތި ހިފައިގެން ދިޔައެވެ.

މިއަޅާގެ އެޢަމަލަކީ އިބައިލާހުގެ ވަޖްހުފުޅު އަދައިގެން ކުރި ޢަމަލެއްކަމުގައި ވާނަމަ، އަޅަމެން މިކަމުން ސަލާމަތް ކޮށްދެއްވާ ހިލައިގެ ބާކީ އިން ބައި ދުރަށް ޖައްސަވާނދޭވެ! ދެން ﷲ، އެބައިމީހުން ސަލާމަތްކޮށްދެއްވިއެވެ

[رواه مسلم]

މި ވާހަކައިން ލިބޭ ޢިބްރަތްތައް

މާތް ﷲ އަށް ބިރުވެތިވެ ފާފަތަކުން ދުރުހެލިވެއްޖެނަމަ އެކަމުގެ ހެޔޮ ޖަޒާ މި ދުނިޔެމަތީގައިވެސް އަދި އާޚިރަތުގައިވެސް ލިބިގެންދާނެއެވެ.

މީހަކު ލައްވާ މަސައްކަތްކުރުވާފައި އޭނައަށް އޭނަގެ އުޖޫރަދޭންޖެހޭކަން މިވާހަކައިން އެނގިގެންދެއެވެ.

މައިންބަފައިންގެ ޙައްޤުގައި އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާ މީހާގެ ދުޢާ އިޖާބަވާނެކަން މި ވާހަކައިން އެނގެއެވެ.

މާއްދީ ސަބަބުތަކުން ޙާސިލުނުވާނެ އެތައް ކަމެއް ދުޢާގެ ސަބަބުން ޙާސިލުވާނެއެވެ.

މާތް ﷲއީ ދުޢާ އިޖާބަކުރެއްވުމަށް ލޯބިކުރައްވާ އިލާހެވެ.

ކެތްތެރިކަމާއި އިޚްލާޞްތެރިކަމާއިއެކު އެކަލާނގެއަށް ކުރާ ދުޢާ އެކަލާނގެ އިޖާބަކުރައްވައެވެ.

ކުރިމަތިވާ މުޞީބާތްތަކުގެ ކުރިމަތީގައި މުއުމިނުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ އަދި އައްޑަނައަކީ ދުޢާއެވެ.

ރެފަރެންސްތައް:

އައްޝެއިޚް އިބްރާހީމް ޔާމީން ދިސަލަފިއްޔާގައި ލިޔުއްވައިފައިވާ އަރޓިކަލް ”އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް28“

https://dhisalafiyyah.net/article/24735

އައްޝެއިޚް ޢަބްދުﷲ ޙާމިދު ޢިލްމު.އެމްވީ ގައި ލިޔުއްވައިފައިވާ އަރޓިކަލް

https://ilm.mv/3777/

9