އާލު ޢިމްރާން ސޫރަތަކީ ޔަޤީންކަމާއި އުއްމީދު ގެނެސްދޭ ސޫރަތެކެވެ. އަތުގައި އެއްވެސް ވަޞީލަތެއް ނެތަސް ﷲ އަށް ވަކީލުކޮށް އެ އިލާހަށް ބަރޯސާވެ އީމާންކަމާއި ތަޤްވާވެރިކަމުގައި ޘާބިތުވުމުން ނަޞްރާއި ކާމިޔާބު ލިބިގެންދާނެކަން މި ސޫރަތުން ކަށަވަރުވެއެވެ. 200 އާޔަތުގެ މިސޫރަތަށް އާލު ޢިމްރާން އަދި އައްޒަހްރާއު މި ދެނަން ދެވިފައިވެއެވެ. އާލު ޢިމްރާންގެ މާނައަކީ ޢިމްރާންގެ އާޢިލާއެވެ. ޢިމްރާނަކީ މަރިޔަމްގެފާނުގެ ބަފައިކަލުން ކަމުގައި ބުނެވެއެވެ. ޒަހްރާއު ގެ މާނައަކީ ”ނޫރު“ އެވެ.
ބަޤަރާ ސޫރަތާއި އާލު ޢިމްރާން ސޫރަތުގެ މާތްކަން ބަޔާން ކުރައްވާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
”ތިޔަބައިމީހުން ޒަހުރާވައިން (ދެނޫރު) ކަމުގައިވާ ބަޤަރާ ސޫރަތާއި އާލު ޢިމްރާން ސޫރަތް ކިޔަވާށެވެ. ޤިޔާމަތްދުވަހު އެދެސޫރަތް ދެވިލާގަނޑުފަދައިން ނުވަތަ ހިޔާއަޅާދޭއެއްޗެއް ފަދައިން ނުވަތަ ފިޔަ ފަތުރާލާފައިވާ ދޫނީގެ ދެބައިގަނޑެއް ފަދައިން، އެދެ ސޫރަތުގެ އަހުލުވެރިން ދިފާޢުކުރުމަށް އަންނާނެއެވެ. އަދި ތިޔަބައިމީހުން ބަޤަރާ ސޫރަތް ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން އޭގައި ހިފުމަކީ ބަރަކާތެކެވެ. (އެބަހީ: އެސޫރަތް ކިޔަވާ އެސޫރަތަށް ޢަމަލުކުރާ މީހުންނަށް އެއީ ބަރަކާތެކެވެ.) އަދި އެދޫކޮށްލުމަކީ ގެއްލުމެކެވެ. އަދި އެދެ ސޫރަތުގެ މައްޗަށް ބާޠިލުގެ އަހުލުވެރިންނަށް ކުޅަދާނަކަން ލިބިގެން ނުވެއެވެ.“ އެބަހީ: ސިހުރުވެރިންނަކަށް އެދެސޫރަތް ބާޠިލްކޮށްލުމަކަށް ކުޅަދާނަވެގެން ނުވެއެވެ. رواه مسلم
އާލު ޢިމްރާން ސޫރަތުގެ ފުރަތަމަ އާޔަތުން ފެށިގެންގޮސް 6 ވަނަ އާޔަތާއި ހަމައަށް އައިސްފައިވަނީ މާތްﷲގެ އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަމުގެ ވާހަކައެވެ. އުޑުތަކާއި ބިމުގެ އެއްވެސް ކަމެއް އެކަލާނގެއަށް ވަންހަނާވެގެންނުވާކަން މި ސޫރަތުގެ 5 ވަނަ އާޔަތުން އެނގެއެވެ. އަދި އެކަލާނގެ އިރާދަކުރައްވާފަދަޔަކުން އިންސާނުން ސޫރަކުރައްވާކަން މި ސޫރަތުގެ 6 ވަނަ އާޔަތުން އެނގެއެވެ. މާތްﷲ ވަޙީކުރައްވައިފައިވެއެވެ.
هُوَ الَّذِي يُصَوِّرُكُمْ فِي الأَرْحَامِ كَيْفَ يَشَاء لاَ إِلَهَ إِلاَّ هُوَ الْعَزِيزُ الْحَكِيمُ
މާނައީ: “ އެކަލާނގެ އިރާދަކުރައްވާފަދަޔަކުން ރަޙިމްތަކުގައި ތިޔަބައިމީހުން ސޫރަކުރައްވަނީ އެކަލާނގެއެވެ. އެކަލާނގެ ފިޔަވައި (ޙައްޤުވެގެން އަޅުކަމެއްވެވޭ) އިލާހަކު ނުވެތެވެ. (އެކަލާނގެއީ) ގަދަފަދަވަންތަ ޙަކީމްވަންތަ ރަސްކަލާނގެއެވެ.“
( آل عمران:6)
މި ސޫރަތުގެ 8 ވަނަ އާޔަތުގައި ވަނީ ދުޢާއެކެވެ. ސީދާވެގެންވާ ތެދުމަގުގައި ސާބިތުކޮށްދެއްވުން އެދި މި ދުޢާ ގިނަގިނައިން ކުރެވިދާނެއެވެ. އާލު ޢިމްރާން ސޫރަތުގެ 8 ވަނަ އާޔަތުގައި އައިސްފައިވާ ދުޢާއަކީ
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ
މާނައީ: ”އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް ޙައްޤުން އެއްކިބާ ނުކުރައްވާނދޭވެ! އަދި އަޅަމެންނަށް އިބަރަސްކަލާނގެ ޙަޟްރަތުން ރަޙްމަތެއް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގުނަ ނިޢްމަތްތައް ދެއްވާ ރަސްކަލާނގެއެވެ.“
އާލު ޢިމްރާން ސޫރަތުގެ 21 ވަނަ އާޔަތުން ފެށިގެން ގޮސް 25 ވަނަ އާޔަތާއި ހަމައަށް އައިސްފައިވަނީ އަހުލު ކިތާބުންގެ ތަބީޢީ ސިފަތަކުގެ ވާހަކައެވެ. މި ސިފަތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ އެބައިމީހުން ބައެއް ނަބީބޭކަލުންނާއި ޢަދާވާތްތެރިވެ، އެންމެ ފަހުން ބައެއް ނަބީބޭކަލުން ޤަތުލުކޮށްފައިވާކަމެވެ. އާލު ޢިމްރާން ސޫރަތުގެ 28 ވަނަ އާޔަތާއި 29 ވަނަ އާޔަތުގައި އައިސްފައިވަނީ الولاء و البراء ގެ މިންގަނޑެވެ.
އާލު ޢިމްރާން ސޫރަތުގެ 31 ވަނަ އާޔަތާއި 32 ވަނަ އާޔަތަކީ ވަރަށް ޢާއްމުކޮށް އަޑު އިވޭ ދެ އާޔަތެވެ. މި ދެ އާޔަތުން އެނގޭ ގޮތުގައި ﷲ ތަޢާލާ ދެކެ ލޯބިވާކަމުގެ އެންމެ މުހިއްމު އެއް ޢަލާމާތަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ތަބާވުމެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ތަބާވުމުގެ ނަތީޖާއަކީ އަޅުގަނޑުމެންނަށް ﷲ ތަޢާލާގެ ލޯތްބާއި ރުއްސެވުމާއި ފުއްސެވުން ލިބުމެވެ.
އާލު ޢިމްރާން ސޫރަތުގައި ޢިމްރާނުގެ އަނބިކަނބަލުންނާއި މަރިޔަމްގެފާނާއި ޒަކަރިއްޔާގެފާނާއި ޔަޙުޔާގެފާނާއި ޢީސާގެފާނު ވާހަކަ ބަޔާންކުރައްވާފައިވެއެވެ.
މިގޮތުން މަރިޔަމްގެފާނުގެ ވާހަކަ މި ސޫރަތުގެ 33 ވަނަ އާޔަތުން ފެށިގެންގޮސް 37 ވަނަ އާޔަތަށް އައިސްފައިވެއެވެ. މި ސޫރަތުގެ 38 ވަނަ އާޔަތުން 41 ވަނަ އާޔަތާއި ހަމައަށް އައިސްފައިވަނީ ޒަކަރިއްޔާގެފާނުގެ ވާހަކައެވެ.
ޒަކަރިއްޔާގެފާނު، މަރުޔަމްގެފާނު ނަމާދުކުރައްވާ، އަޅުކަންކުރައްވަން އިންނަވާ މިޙްރާބަށް ވަދެވަޑައިގަންނަވާ، ކޮންމެފަހަރަކު އެކަމަނާގެ އަރިހުގައި ރިޒްޤު(ކާތަކެތި) ހުއްޓާ ދެކެވަޑައިގަންނަވައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا الْمِحْرَابَ وَجَدَ عِندَهَا رِزْقًا މާނައީ: “އެކަމަނާގެ އަރިހަށް މިޙުރާބުގެ ތެރެޔަށް ޒަކަރިއްޔާގެފާނު، ވެދެވަޑައިގަންނަވާ ކޮންމެފަހަރަކު، އެކަމަނާގެ އަރިހުގައި، ކާތަކެތިވާތީ، އެކަލޭގެފާނު ދެކެވަޑައިގަންނަވައެވެ.” (ސޫރަތު އާލްޢިމްރާން : 37)
ދަރިކަލަކު ދެއްވުން އެދި ޒަކަރިއްޔާގެފާނު ދުޢާކުރެއްވުމުން، ދަރިކަލަކު ލިބިވަޑައިގަންނަވާނޭކަމުގެ އުފާވެރި ޚަބަރާއިގެން މަލާއިކަތަކު ވަޑައިގެންނެވި ވާހަކައެވެ. މި މަލާއިކަތާ ވަޑައިގެންނެވިއިރު ޒަކަރިއްޔާގެފާނު ހުންނެވީ ކީއްކުރައްވަންތޯއެވެ. އާދެ، މަލާއިކަތާ ވަޑައިގެންނެވިއިރު ޒަކަރިއްޔާގެފާނު ޚުޝޫޢަތްތެރިކަމާއެކު ނަމާދުކުރައްވަނީއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. فَنَادَتْهُ الْمَلَائِكَةُ وَهُوَ قَائِمٌ يُصَلِّي فِي الْمِحْرَابِ أَنَّ اللَّـهَ يُبَشِّرُكَ بِيَحْيَىٰ މާނައީ: “ދެންފަހެ، އެކަލޭގެފާނު މިޙުރާބުގައި ނަމާދު ކުރެއްވުމުގައި ޤާއިމުވެވަޑައިގެން ހުންނަވަނިކޮށް، އެކަލޭގެފާނަށް، މަލާއިކަތުން ގޮވާލައްވައި ދެންނެވިއެވެ. ހަމަކަށަވަރުން، اللَّه، ކަލޭގެފާނަށް ޔަޙްޔާގެފާނު ދެއްވާނެކަމުގެ އުފާވެރި ޚަބަރު ދެއްވަތެވެ.” (ސޫރަތު އާލްޢިމްރާން : 39)
ކީރިތި ޤުރުއާނުގެ އާޔަތްތަކާމެދު ވިސްނާ ފިކުރުކޮށް، ތަދައްބުރު ކުރުމުން އަޅުގަނޑުމެންނަށް އެނގި ހާމަވަމުންދާ އެއް ޙަޤީގަތަކީ ނަމާދުޤާއިމުކުރުމުގެ ވާހަކަ އައިސްފައިވާ އާޔަތްތަކުގެ ކުރިއަށް ނުވަތަ ފަހަތަށް ރިޒްޤުގެ ވާހަކަ އައިސްފައިވާކަމެވެ.
ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކުރާމީހުންނަކީ ކާމިޔާބުގެ އަހުލުވެރިންކަމުގައި ބަޔާންކުރައްވާ މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ (104)
މާނައީ: ” ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمر ކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.“
އިސްލާމީ އުއްމަތަށް އެންމެ ހެޔޮކަން ބޮޑު އުއްމަތުގެ ލަޤަބު ލިބިފައިވަނީ އެއުއްމަތުގެ މީހުންނަކީ ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރާ ބަޔަކުކަމުގައިވީތީއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّهِ
މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ أمّة ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް أمر ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް إيمان ވަމުއެވެ
إِنَّ الَّذِينَ كَفَرُوا لَن تُغْنِيَ عَنْهُمْ أَمْوَالُهُمْ وَلَا أَوْلَادُهُم مِّنَ اللَّهِ شَيْئًا ۖ وَأُولَٰئِكَ أَصْحَابُ النَّارِ ۚ هُمْ فِيهَا خَالِدُونَ ﴿١١٦﴾
ހަމަކަށަވަރުން، ކާފިރުވި މީހުންނަކަށް އެއުރެންގެ މުދާތަކެއްވެސް އަދި، އެއުރެންގެ ދަރިންތަކެއްވެސް، އެއުރެންނަށްޓަކައި، اللَّه ގެ ޙަޟްރަތުން އެއްވެސް ކަމެއް ފުއްދައެއް ނުދޭނެތެވެ. އަދި، އެއުރެންނީ ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބެނިވި ބަޔެކެވެ.
مَثَلُ مَا يُنفِقُونَ فِي هَٰذِهِ الْحَيَاةِ الدُّنْيَا كَمَثَلِ رِيحٍ فِيهَا صِرٌّ أَصَابَتْ حَرْثَ قَوْمٍ ظَلَمُوا أَنفُسَهُمْ فَأَهْلَكَتْهُ ۚ وَمَا ظَلَمَهُمُ اللَّهُ وَلَٰكِنْ أَنفُسَهُمْ يَظْلِمُونَ ﴿١١٧﴾
މި ދުނިޔޭގެ ޙަޔާތުގައި، އެއުރެން (އެބަހީ: ކާފިރުވި މީހުން) ހޭދަކުރާ އެއްޗެއްގެ މިސާލަކީ، އެ ވައިރޯޅީގައި ގަދަ ފިނިކަމެއް (ނުވަތަ ގަދަ ހޫނުކަމެއް) ވާ، ވައިރޯޅިއެއް، އެއުރެންގެ އަމިއްލަ ނަފުސުތަކަށް އަނިޔާކުޅަ ބަޔެއްގެ ދަނޑަށްޖެހި، އެ ދަނޑު ހަލާކުކޮށްލި ވައިރޯޅީގެ މިސާލެވެ. اللَّه، އެއުރެންނަކަށް އަނިޔާއެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، އެއުރެންގެ އަމިއްލަ ނަފުސުތަކަށް، އެއުރެން އަނިޔާކުރަނީއެވެ.
ޞައްޙަ ޢަޤީދާއާ ނުލާ އެއްވެސް ހެޔޮ ޢަމަލެއްގެ ފައިދާއެއް ނެތެވެ.
އާލު ޢިމްރާން ސޫރަތުގެ 121 ވަނަ އާޔަތުން ފެށިގެން 200 ވަނަ އާޔަތާއި ހަމައަށް އައިސްފައިވާ އާޔަތްތައް ވަށަރޮނގު އެޅިފައިވަނީ ސީރަތުގެ މުހިއްމު ހާދިސާތަކުންނެވެ.
މި ބިންމަތީގައި މާތްﷲ އިންސާނުން ލައްވާފައިވަނީ އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމަށެވެ. ހެޔޮ އަމަލުތައް ކުރުމުގައި އަވަސްވެގަތުމަށް އެކަލާނގެ އިންސާނުންނަށް އަންގަވާފައިވެއެވެ. ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ ކިޔަމަންތެރިންނަށެވެ. މާތްﷲ ވަޙީކުރައްވައިފައިވެއެވެ.
وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ
އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، تقوى ވެރިންނަށެވެ.
ސުވަރުގެ އެބަޔަކަށް ލިބުން ހައްޤުވެގެންވާ ތަޤްވާވެރީންގެ ސިފަތައް ބަޔާންކުރައްވަމުން އާލު ޢިމްރާން ސޫރަތުގެ 135 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވައިފައިވެއެވެ.
{ وَٱلَّذِینَ إِذَا فَعَلُوا۟ فَـٰحِشَةً أَوۡ ظَلَمُوۤا۟ أَنفُسَهُمۡ ذَكَرُوا۟ ٱللَّهَ فَٱسۡتَغۡفَرُوا۟ لِذُنُوبِهِمۡ وَمَن یَغۡفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمۡ یُصِرُّوا۟ عَلَىٰ مَا فَعَلُوا۟ وَهُمۡ یَعۡلَمُونَ }
މާނައީ: ”އަދި، އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކޮށްފިނަމަ، ނުވަތަ، އެއުރެންގެ ނަފުސުތަކަށް އަނިޔާވެރިވެއްޖެނަމަ، (އެބަހީ: ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) ﷲ ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުންއެދި ދުޢާކޮށް އުޅޭމީހުންނެވެ. ﷲފިޔަވައި ފާފަފުއްސަވާނީ ފަހެ، ކާކުހެއްޔެވެ؟ އަދި، އެއުރެން ދެނެތިބި ޙާލު އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ.“
من أدام الحمد تتابعت عليه الخيرات ومن أدام الاستغفار فتحت له المغاليق
”ﷲއަށް ޙަމްދުކުރުންމަތީ ދެމިހުންނަ މީހަކަށް ހެޔޮކަމަކަށްފަހު ހެޔޮކަމެއް ޙާސިލުވަމުންދާނެއެވެ. އަދި އިސްތިޣްފާރުކުރުންމަތީ ދެމިހުންނަ މީހަކަށް ބަންދުވެފައިވާ ދޮރުތައް ހުޅުވެމުންދާނެއެވެ.“ އިބްނުލް ޤައްޔިމް رحمه الله
އިސްތިޣްފާރުކުރެވިދާނެ ފަސޭހަގޮތެއް
((أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ))
މާނައީ:” ޔާ ﷲ. މިއަޅާގެ ފާފަތައް ފުއްސަވާނދޭވެ. އަދި މިއަޅާ އިބަ ﷲއަށް ތައުބާވަމެވެ.“
ތައުބާގެ ޝަރުތުތަކުގެ ތެރޭގައި ކުރެވުނު ފާފައާއިމެދު ދެރަވެ ހިތާމަކޮށް، އެފާފަ އަލުން ނުކުރުމަށް ޢަޒުމުކަނޑައެޅުން ހިމެނެއެވެ. ފާފަކުރުމުގެ ނިޔަތުގައި ތައުބާވާ މީހާ އެވަނީ ބޮޑު ވެގެންވާ އުރެދުންތެރިކަމެއްގައެވެ.
އާލު ޢިމްރާން ސޫރަތުގެ 139 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވައިފައިވެއެވެ.
{ وَلَا تَهِنُوا۟ وَلَا تَحۡزَنُوا۟ وَأَنتُمُ ٱلۡأَعۡلَوۡنَ إِن كُنتُم مُّؤۡمِنِینَ }
ތިޔަބައިމީހުން (ފިނޑިވެ) ނިކަމެތި ނުވާށެވެ! އަދި، ތިޔަބައިމީހުން ހިތާމަވެސް ނުކުރާށެވެ! މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. (އެއީ) ތިޔަބައިމީހުން މުއުމިނުން ކަމުގައި ވާނަމައެވެ.
މިއާޔަތަކީ ޔަޤީންކަމާއި އުއްމީދު ގެނެސްދޭ އާޔަތެކެވެ.
۞ إِذْ تُصْعِدُونَ وَلَا تَلْوُونَ عَلَىٰ أَحَدٍ وَالرَّسُولُ يَدْعُوكُمْ فِي أُخْرَاكُمْ فَأَثَابَكُمْ غَمًّا بِغَمٍّ لِّكَيْلَا تَحْزَنُوا عَلَىٰ مَا فَاتَكُمْ وَلَا مَا أَصَابَكُمْ ۗ وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ ﴿١٥٣﴾
(އެއީ) ތިޔަބައިމީހުން އެކަކަށްވެސް އެނބުރި ބަލައިނުލައި ދުރަށްދިޔަ ހިނދުގައެވެ. ތިޔަބައިމީހުންގެ ފަހަތުން ރަސޫލާ ތިޔަބައިމީހުންނަށް ގޮވާލައްވާ ޙާލުގައެވެ. ދެން، މޮޅިވެރިކަމަކާ ވިދިގެން މޮޅިވެރިކަމަކުން ތިޔަބައިމީހުންނަށް ޖަޒާ ދެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް (ޣަނީމާއިން) ފާއިތުވީ އެއްޗެއްގެ މައްޗަށާއި، ތިޔަބައިމީހުންނަށް ޖެހުނު ކަންތަކުގެ މައްޗަށް ތިޔަބައިމީހުން ހިތާމަ ނުކުރުމަށްޓަކައެވެ. اللَّه އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
(އާލުޢިމްރާން : 153)
އުހުދު ހަނގުރާމައަކީ އެ ހަނގުރާމައިގެ ކުރީކޮޅުގައި މުސްލިމުންނަށް ނާކާމިޔާބުގެ ރަހަ ފެނުނު ހަނގުރާމައެކެވެ. މި ހަނގުރާމައިގައި މުސްލިމުންނާއި އިދިކޮޅު ސަފުތަކުގެ ކުރީގައި ތިއްބެވި ފަހުލަވާނުންގެ ތެރޭގައި ޚާލިދު ބުން ވަލީދާއި ޢަމްރު ބުނުލް ޢާޞު ފަދަ ޢަސްކަރީ ސިޔާސީ ބޮޑެތި ޒަޢީމުންތަކެއްވިއެވެ. އެބޭކަލުން އެވަގުތު މުޝްރިކުންގެ ލަޝްކަރުގައި ތިއްބެވި ނަމަވެސް އެބޭކަލުން ފަހުން އިސްލާމްވެ ޚިދުމަތްތެރި ޞަހާބީންނަށް ވެ ވަޑައިގަތެވެ. މުސްލިމުންގެ ލަޝްކަރުތަކުގައި ޖިހާދުކުރެއްވި ފަޚުރުވެރި ބަޠަލުންނަށް ވެވަޑައިގަތެވެ. އުހުދު ހަނގުރާމައިގެ ދުވަހު ޖެހުނު އެއް މައްސަލައަކީ ދުނިދަނޑީގެ ވެރިން ޢަމަލުކުރެއްވިގޮތެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެބޭކަލުން ތިއްބެވުމަށް ވަކި ތަނެއް ޢައްޔަންކޮށްދެއްވިއެވެ. އެބޭކަލުންނަށްް ޚާއްސަ އިރުޝާދުތަކެއް ދެއްވިއެވެ. މަދު އަދަދެއްގެ ބޭކަލުން ނަބަވީ އިރުޝާދުތަކަށް ތަބާވިނަމަވެސް އެ ބޭކަލުންގެ ތެރެއިން ގިނަ ބޭކަލުންނަށް އެ އިރުޝާދުތަކާއި ޚިލާފުވެ، ޣަނީމާތައް އެއްކުރެއްވުމަށް އަވަސްވެވަޑައިގެންނެވިއެވެ. އުހުދުގެ ދުވަހު ކަންތައް ހިނގާފައިވާ ގޮތުން ފެންނަނީ 70 ބޭކަލަކު ޝަހީދުވިތަނެވެ. އަދި 70 ވަރަކަށް ބޭކަލުން ޒަޚަމްވިތަނެވެ. މުޝްރިކުންނަށް ލިބުނު ކުޑަ ކާމިޔާބީއާއި މެދު އުފާކޮށް މައިދާން ދޫކޮށް ދިޔައެވެ.
ޔޫސުފް ޢަލައިހިއްސަލާމް، އޭނާގެ އަޚަށް ވިދާޅުވިއެވެ. فَلَا تَبْتَئِسْ
يوسف 69 “ ފަހެ ތިބާ މާޔޫސް ނުވާށެވެ. “
މަދްޔަނުގެ ދެ އަންހެން ކުދިންގެ ބައްޕާ، މޫސާ ޢަލައިހިއްސަލާމަށް ވިދާޅުވިއެވެ. لَا تَخَفْ
القصص 25 “ ތިބާ ބިރު ނުގަންނާށެވެ. “
މުޙައްމަދު ﷺ އަބޫބަކުރު ރަޟިޔަ الله ޢަންހަށް ވިދާޅުވިއެވެ. لَا تَحْزَنْ
التوبة 40 “ ތިބާ ހިތާމަ ނުކުރާށެވެ. “
އުޙުދު ހަނގުރާމަ ނިމިގެން ދިޔަ ގޮތުން މުސްލިމުންނަށް ލިބުނު ހިތާމަ އާ ގުޅިގެން ބާވާލެއްވުނު އިލާހީ ތަސައްލީގައި ކީރިތި މާތް الله މުސްލިމުންނަށް އެންގެވިއެވެ. وَلَا تَهِنُوا وَلَا تَحْزَنُوا
آل عمران 139 ތިޔަބައިމީހުން (ފިނޑިވެ) ނިކަމެތި ނުވާށެވެ! އަދި، ތިޔަބައިމީހުން ހިތާމަވެސް ނުކުރާށެވެ!
ހިތާމައާއި ހާސްވުމާއި ކަންބޮޑުވުމުގެ ވަޤުތުތަކުގައިވެސް ނަފުސުތަކަށް ހަމަޖެހުން ވައްދާދިނުމަކީ ނަބަވީ މަންހަޖެވެ.
މި ބިންމަތީގައި މާތްﷲ އިންސާނުން ލައްވާފައިވަނީ އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމަށެވެ. ހެޔޮ އަމަލުތައް ކުރުމުގައި އެއްބަޔަކު އަނެއްބަޔަކާ ވާދަކުރުމަށެވެ. ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ ކިޔަމަންތެރިންނަށެވެ.