މި ލިޔުމަށް މަޢުލޫމާތު ނެގިފައިވަނީ އަޞްރު 101: މަރުވުމަށްފަހު ވާނީ ކިހިނެއް؟
ވީޑިއޯއިންނެވެ.
އަލްއަޚް ޢީސަ: މަރުވުމަށްފަހު އިންސާނާގެ ފުރާނަ ދާނީ ކޮންތާކަށްތޯ؟
ޝެއިޚް ޙަސަން މޫސާ ފިކުރީ: އަޅުގަނޑުމެން އީމާންކަމުގެ ހަރުކުނަކަށް އެބަ އީމާންވަމު. އާޚިރަތްދުވަހަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެއް. އަލުންދިރުއްވާނެކަމަށް އީމާންވުމަކީ އީމާންކަމުގެ އެއް އަސާސް. ކީރިތި ޤުރުއާނުގައި މާތް ﷲ އުޚުރަވީ ޙަޔާތް ސިފަކުރައްވާފައިވަނީ ޙަޤީޤީ ޙަޔާތަކީ އުޚުރަވީ ޙަޔާތްކަމުގައި. ނަބަވީ ޙަދީޘްފުޅުތަކުގައި ވަރަށް ގިނައިން އައިސްފައިހުރޭ. مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ
ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާމީހާ ދަންނައެވެ. ދެން އެބަޔާންކުރައްވާ ކަމެއް. މިސާލަކަށް فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ
ފަހެ އޭނާ ހެޔޮބަސް ބުނާށެވެ. ނޫންނަމަ، ހަނުހުންނާށެވެ.
وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيُكْرِمْ جَارَهُ، وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيُكْرِمْ ضَيْفَهُ
އަދި ﷲއަށާއި އާޚިރަތްދުވަހަށް އީމާންވާމީހާ ދަންނައެވެ. ފަހެ އޭނާގެ އަވަށްޓެރިންނަށް ހެޔޮކޮށް ހިތާށެވެ. އަދި ﷲއަށާއި އާޚިރަތްދުވަހަށް އީމާންވާމީހާ ދަންނައެވެ. ފަހެ އޭނާގެ މެހެމާނުންނަށް ހެޔޮކޮށް ހިތާށެވެ. މި ފަދަ ޙަދީޘްތަކުގައި ކުރިއަށް އަންނަނީ އެ ހުރިހާ ހެޔޮ ކަމަކަށް އޭނާއަށް ބާރުއަޅާ ދެކަމެއްގެ ވާހަކަ. އެއީ ﷲއަށާއި އާޚިރަތްދުވަހަށް އީމާންވުން.
މުސްލިމުންނާއި ކާފަރުންގެ އެންމެ ބޮޑު އެއް ތަފާތަކީ އާޚިރަތްދުވަހަށް އީމާންވުން. މިސާލަކަށް ހިންދޫން ޤަބޫލުކުރަނީ އިންސާނާ މަރުވުމަށްފަހު ދެވަނަ ފަހަރަށް އެހެން ގޮތަކަށް ދުނިޔެއަށް އަންނާނެކަމުގައި. އަނެއްބަޔަކު ދެކެނީ މީހާ މަރުވުމަށްފަހު ހަށިގަނޑުގެ ހުރިހާ ކަންކަން ނިމިގެންދިޔައީއްޔޭ. މައްކާގެ މުޝްރިކުންގެ އަޤީދާވެސް ހުރީ މިކަހަލަ ގޮތަކަށް. މާތް ﷲ ވަޙީކުރައްވާފައިވޭ.
}أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَئِنَّا لَمَبْعُوثُونَ {
އެއުރެން ބުނޫއެވެ. ތިމަންމެން މަރުވެ، އަދި ވެއްޔާއި، ކަށްޓަށްވެއްޖެހިނދު، ހަމަކަށަވަރުން، އަލުން ދިރުމަކަށް ފޮނުއްވާނޭ ބަޔަކު ކަމުގައި ތިމަންމެން ވާނޭހެއްޔެވެ؟
މުސްލިމުންގެ ބައެއް މީހުން ދިރިއުޅުމުގައި ޣައިރު މުސްލިމުންގެ ސަޤާފަތްތަކާއި މަސްހުނިވެފައިވާލެއް ބޮޑުކަމުން އާޚިރަތް ދުވަހަށް އީމާންވާންޖެހޭގޮތް ބައެއް މީހުންނަށް ވަނީ ވަރަށް ބޮޑަށް އޮޅިފައި. މިއަދުގެ ޒުވާނުން ގިނަވަގުތު ހޭދަކުރަނީ ސޯޝަލް މީޑިއާގައި. މިފަދަ މަންސަތަކުގައި ޚުރާފީ އަޤީދާތައް ވަރަށް ބޮޑަށް ފެތުރޭ. އެހެންވެ ބައެއް މީހުން ކާފަރުން މަރުވީމަ އެމީހުންނަށް ހެޔޮ ދުޢާވެސް އެބަކުރޭ.
މަރަކީ އުޚުރަވީ ޙަޔާތާއި ދުނިޔެވީ ޙަޔާތާއި ދެމެދުގައި ލެވިފައިވާ ފަރުދާ. އެ ފަރުދާ އުފުލިގެންދާ ހިސާބުން ފެށިގެންދަނީ ބަރުޒަޚުގެ ޙަޔާތް. ލުޣަވީގޮތުން ބަރުޒަޚުގެ މާނައަކީވެސް ފަރުދާ. މީހަކު މަރުވުމުން އަލުންދިރުއްވުމާއި ހަމައަށް ކޮންމެ މީހަކުވެސް އޮންނާނީ ބަރުޒަޚުގެ ޢާލަމުގައި.
الله سبحانه وتعالى މަރާއި ދިރިހުރުން އުފައްދަވާފައިވަނީވަރަށްޙިކުމަތްތެރި ބޭނުމަކަށްޓަކައިކަމުގައި އަންގަވާފައި ވެއެވެ. الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً (سورة الملك 4-2) މާނައީ:” އެކަލާނގެއީ ތިޔަބައިމީހުންގެ ތެރެއިން ރަނގަޅު ޢަމަލުކުރަނީ ކޮންބައެއްތޯ އިމްތިޙާނު ކުރެއްވުމަށްޓަކައި މަރާއި ދިރިހުރުން ލެއްވި ރަސްކަލާނގެއެވެ.”
އެހެންކަމުން މަރުގެ އިމްތިޙާނުން ފާސްވުމަށްޓަކައި ހެޔޮޢަމަލު ކުޅައުންހުއްޓެވެ. އެކަމަށް އަވަސްވެ ގަތުންހުއްޓެވެ.