ނަޞޭޙަތާއި އިރުޝާދު
ޔޫނުސްގެފާނުގެ ވާހަކަ

އިންސާނުން އަބަދުވެސް މާތްﷲއަށް މުހުތާދުވެ ބޭނުންތެރިވެއެވެ. ދިމާވާ ދަތިތަކާއި މުޞީބާތްތަކުން ރައްކާތެރިކޮށްދެއްވުމަށް އެކަލާނގެ ޙަޟްރަތުގައި އެދެންޖެހެއެވެ. އިންސާނާ ޣާފިލުކަމުން ދުރުކޮށް ޚާލިޤުވަންތަ ﷲ އާއި ގުޅުވައިދޭ އެންމެ މުހިއްމު އެއް ”ވާފަށަކީ“ ދުޢާއެވެ.

ޔޫނުސްގެފާނު ގެ ދަޢުވަތަށް އެކަލޭގެފާނުގެ ޤައުމުގެ މީހުން ބީރު ކަންފަތެއް ދިނުމުން އެކަމާ ހިތާމަ ކުރައްވާ، ކޯފާވެވަޑައިގެން ޤައުމު ދޫކުރައްވާ ވަޑައިގެންނެވިއެވެ.

އަދި އެކަލޭގެފާނުގެ ގައުމާއި ވީއެންމެ ދުރުމިނަކަށް ހިޖުރަ ކުރެއްވުމަށްޓަކައި އެކަލޭގެފާނަށް ނިސްބަތްވާ މުދާތަކުގެ ތެރެއިން މަދު މިންވަރަކާއެކު އެ ގައުމުން ނުކުމެ ވަޑައިގަތެވެ.

ޔޫނުސްގެފާނު އެކަލޭގެފާނުގެ ގައުމުން ނުކުމެވަޑައިގަތުމުން އެ ރަށަށް ނާމާންކަމާއި ބިރުވެރިކަން ވެރިވެގަތެވެ. އުޑުމަތީގެ ކުލަ ބަދަލުވަމުންގޮސް ރަތް އަނގުރު އަލިފާންގަނޑެއް ފަދައިން އުޑު ރަތްވެގެން ދިޔަކަމަށް ވެއެވެ. އަދި އެގައުމުގެ މީހުންނަށް އެބައިމީހުންގެ ހަލާކު އައީކަން ޔަގީންވުމުން އެރަށުގެ އެންމެ އުސް ފަރުބަދަ މައްޗަށް އަރައި މުޅި ގައުމުގެ މީހުން ﷲގެ ހަޟްރަތުން މަޢާފަށް އެދި ތައުބާވިއެވެ. ﷲ ތަޢާލާ އެބައިމީހުންގެ ތައުބާ ޤަބޫލުކުރައްވައި އުޑުގެ ކުލަ ގެންނެވިއެވެ. އަދި އެ ގައުމުގެ މީހުން އެބައިމީހުންގެ ގެތަކަށް ދުރުވުމަށްފަހު ޔޫނުސްގެފާނު އަނބުރައި އެބައިމީހުންގެ ގައުމަށް ވަޑައިގަތުމަށް އެދި ދުޢާ ދެންނެވިއެވެ. އެބައިމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައެވެ.

އެވަގުތު ޔޫނުސްގެފާނު ހުންނެވީ ނާކޮޅަކަށް އަރާވަޑައިގެންނެވެ.

الصافات ސޫރަތުގެ 139-148 ވަނަ އާޔަތުގައި ޔޫނުސްގެފާނު ނާކޮޅަށް އަރާވަޑައިގަތުމަށްފަހު ކަންތައްވީގޮތުގެ ވާހަކަ އައިސްފައިވެއެވެ.

وَإِنَّ يُونُسَ لَمِنَ الْمُرْسَلِينَ ﴿١٣٩

ހަމަކަށަވަރުން، ޔޫނުސްގެފާނުވަނީ، ރަސޫލުންގެ ތެރެއިންކަން ކަށަވަރެވެ.“

إِذْ أَبَقَ إِلَى الْفُلْكِ الْمَشْحُونِ ﴿١٤٠

އެކަލޭގެފާނު ފިއްލަވައިވަޑައިގެން، ބަރާވެގެންވާ ނަވަށް އަރާވަޑައިގެންނެވިހިނދު ހަނދުމަކުރާށެވެ!“

فَسَاهَمَ فَكَانَ مِنَ الْمُدْحَضِينَ ﴿١٤١

ފަހެ، އެކަލޭގެފާނު (ނަވުގެ މީހުންނާއެކު) ޤުރުޢަތު ލެއްވިއެވެ. ފަހެ، އެކަލޭގެފާނުވީ (ޤުރުޢަތުން) ދެރަވިމީހުންގެ ތެރެއިންނެވެ.“

فَالْتَقَمَهُ الْحُوتُ وَهُوَ مُلِيمٌ ﴿١٤٢

ފަހެ، އެހިނދު މަހެއް (އައިސް) އެކަލޭގެފާނު (އޮތްގޮތަށް) ދިރުވައިލިއެވެ. (އެއީ) އެކަލޭގެފާނަށް މަލާމާތް ލިބިވަޑައިގެންވާ ޙާލުގައެވެ.“

 

މި އާޔަތްތަކުގެ ތަފްސީރުގައި އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ.

އެ ނައު ދަތުރު ކުރަމުންދަނިކޮށް ކުއްލިއަކަށް ވައި ބާރުވެ، ބޮޑެތި ރާޅުތައް ނަވުގެ ތެރެއަށް ބިންދަން ފެށުމާއެކު އިސާހިތަކު ނައު ޢަރަޤްވާނޭހެން ހީވާން ފެށިއެވެ.

އެބައިމީހުންގެ މުދާތައް މޫދަށް އުކާލައި ނާކޮޅަށް އަރާ ބާރު ކުޑަކުރުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެއްވެސް ފައިދާއެއް ނުކުރިއެވެ. އެހެންކަމުން މާލިމީން ނިންމީ ނާކޮޅުގައި ތިބި މީހުންގެ ތެރެއިން އެކަކު މޫދަށް އެއްލާލުމަށެވެ. ނަވަށް އަރާ ތިބި އެންމެންގެ މެދުގައި ގުރު ނެގިއެވެ. ގުރުލުމުން ދިމާވީ ޔޫނުސްގެފާނުގެ ނަންފުޅެވެ. އެހެން ނަމަވެސް ނަވުގެ މީހުން މިކަމާއި ނުރުހުނެވެ. އެހެންކަމުން އިތުރު ދެ ފަހަރު ގުރު ނެގިއެވެ. މި ދެފަހަރުވެސް ހޮވުނީ ޔޫނުސްގެފާނެވެ. އެކަލޭގެފާނު ނަވުން އެއްލާލުމާއިމެދު ނަވުގެ މީހުން ދެކޮޅު ހަދަހަދާ ތިއްބާ، ޔޫނުސް އަލައިހިއްސަލާމް ނާކޮޅުން ފުންމައިވަޑައިގަތެވެ. ޔޫނުސްގެފާނުގެ ހަށިކޮޅަށް ގެއްލުމެއް ނުވާނެހެން ދިރުވާލުމަށް ފެހި ކަނޑުގެ ތެރޭގައިވާ ބޮޑު މަހަކަށް ﷲ ތަޢާލާ އަމުރުކުރެއްވިއެވެ.

އެ ބޮޑުމަސް އައިސް ޔޫނުސްގެފާނު އޮތްގޮތަށް ދިރުވާލިއެވެ. އަދި ކަނޑުގެ އެތައް ހިސާބަކަށް އެކަލޭގެފާނައިގެން އެ ބޮޑުމަސް ދަތުރުކުރިއެވެ.

ޔޫނުސްގެފާނު ބޮޑުމަހުގެ ބަނޑުގައި ޤަރާރުވެވުމާއެކު އެކަލޭގެފާނު ހީފުޅުކުރެއްވީ އެކަލޭގެފާނު ވަނީ އަވަހާރަވެވަޑައިގެންފައި ކަމަށެވެ. މި ޚިޔާލުފުޅުގައި އޮވެ، އެކަލޭގެފާނު ގެ އަތް ފައި ހެލުވެންފެށިއެވެ. އެހިނދު އެކަލޭގެފާނަށް އެނގިވަޑައިގަތީ އެކަލޭގެފާނު އަދި އަވަހާރަވެވަޑައިނުގަންނަވާ ކަމެވެ. ދެން އެކަލޭގެފާނު ތެދުވެވަޑައިގެން ބޮޑުމަހުގެ ބަނޑުތެރޭގައި ނަމާދުކުރައްވަން ފެއްޓެވިއެވެ. އަދި އެކަލޭގެފާނުގެ ވެރި ރަސްކަލާންގެ ހަޟްރަތަށް ޔޫނުސްގެފާނު ދުޢާ ދަންނަވަން ފެއްޓެވިއެވެ. އެކަލޭގެފާނު ބޮޑުމަހުގެ ބަނޑުތެރޭގައި ހޭދަކުރެއްވި މުއްދަތަކާއިމެދު ޢިލްމުވެރިންވަނީ ޚިލާފުވެވަޑައިގެންފައެވެ. މި ޚިލާފުތަކުގެ ޚުލާސާއަކީ: ތިން ދުވަސް، 7 ދުވަސް، 40 ދުވަސް މިއެވެ.

فَلَوْلَا أَنَّهُ كَانَ مِنَ الْمُسَبِّحِينَ ﴿١٤٣ لَلَبِثَ فِي بَطْنِهِ إِلَىٰ يَوْمِ يُبْعَثُونَ ﴿١٤٤

ފަހެ، އެކަލޭގެފާނު ގިނަގިނައިން تسبيح ކިޔާ މީހުންގެ ތެރެއިން ނުވިނަމަ، އެއުރެން محشر އަށް ފޮނުއްވާ ދުވަހަށް ދާނދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ.“

މި އާޔަތުގެ ތަފްސީރުގައި الضحاك بن قيس ވިދާޅުވެފައިވެއެވެ. ”ފަހެ، އެކަލޭގެފާނު އެއްގަމުގައި ސިއްޙަތު ސަލާމަތުންހުރި ދުވަސްވަރު ޞާލިޙް ހެޔޮ ޢަމަލުތައް ކޮށްފައި ނުވާކަމުގައި ވީނަމަ، އެއުރެން محشر އަށް ފޮނުއްވާ ދުވަހަށް ދާންދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ.“

މި މާނައިގައި އައިސްފައިވާ ޙަދީޘެއްގައިވެއެވެ.

“  تعرف إلى الله  فى الرخاء يعرفك فى الشدة – رواه الترمذى – ފާގަތިކަމުގެ ވަގުތު ގައި ﷲ ދެނެގަންނާށެވެ. އޭރުން ދަތިކަމުގެ ވަގުތުގައި އެކަލާނގެ ތިބާ ދެނެވޮޑިގަންނަވާނެއެވެ.“

أنس بن مالك ރިވާކުރައްވައިފައިވާ ޙަދީޘެއްގެ ޚުލާޞާ މިތަނުގައި ޒިކުރުކޮށްލާނަމެވެ.2

”ޔޫނުސްގެފާނުގެ ދުޢާތަކުގެ އަޑު މާތްﷲގެ މަލާއިކަތް ބޭކަލުންނަށް އިވިވަޑައިގަތެވެ. އެކަލޭގެފާނު އެއްގަމުގައި ސިއްޙަތު ސަލާމަތުންހުރި ދުވަސްވަރު ކޮށްފައިހުރި ޞާލިޙް ހެޔޮ ޢަމަލުތަކަށް ބައްލަވާ ވޮޑިގެން އެކަލޭގެފާނު މި މުޞީބާތުން ސަލާމަތްކޮށްދެއްވުންއެދި މަލާއިކަތް ބޭކަލުން މާތްﷲގެ ހަޟްރަތުގައި ދެންނެވިއެވެ. އެހިނދު ރަށެއްގެ އައްސޭރިއަށް އެކަލޭގެފާނު އެއްލާލުމަށް މާތް ﷲ ބޮޑުމަހަށް އަމުރުކުރެއްވިއެވެ.“

فَنَبَذْنَاهُ بِالْعَرَاءِ وَهُوَ سَقِيمٌ ﴿١٤٥

ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނު ބަލިحال ކޮޅުގައި ވަނިކޮށް (މަހުގެ ބަނޑުން) އައްސޭރިއަށް އެކަލޭގެފާނު އެއްލެވީމެވެ.“

وَأَنبَتْنَا عَلَيْهِ شَجَرَةً مِّن يَقْطِينٍ ﴿١٤٦

އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށްޓަކައި، ބަރަބޯ ގަހެއް އެތަނުން ފެޅުއްވީމެވެ.“

وَأَرْسَلْنَاهُ إِلَىٰ مِائَةِ أَلْفٍ أَوْ يَزِيدُونَ ﴿١٤٧

އަދި ސަތޭކަހާސް މީހުން، ނުވަތަ އެއަށްވުރެ ގިނަމީހުންގެ قوم އަކަށް رسول ކަމާއިގެން ތިމަންރަސްކަލާނގެ އެކަލޭގެފާނު ފޮނުއްވީމެވެ.“

فَآمَنُوا فَمَتَّعْنَاهُمْ إِلَىٰ حِينٍ ﴿١٤٨

ފަހެ، އެއުރެން (އެކަލޭގެފާނަށް) إيمان ވޫއެވެ. ދެން އެއުރެންގެ أجل ޖެހިއްޖައުމަށް ދާނދެން އެއުރެން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ.

”ސަތޭކަހާސް މީހުން، ނުވަތަ އެއަށްވުރެ ގިނަމީހުންގެ ޤައުމަކީ ކުރިންވެސް އެކަލޭގެފާނު އެބައެއްގެ ގާތަށް ރަސޫލުކަމައިގެން ފޮނުއްވުނު ނައިނަވާ ސަހަރުގެ އަހުލުވެރިންނެވެ.

”ފަހެ، އެއުރެން (އެކަލޭގެފާނަށް) إيمان ވޫއެވެ. ދެން އެއުރެންގެ أجل ޖެހިއްޖައުމަށް ދާންދެން އެއުރެން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ.“

ޔޫނުސްގެފާނު ޤައުމުގެ މީހުން އެކަލޭގެފާނަށް އީމާންނުވުމުން، ތިން ދުވަހުގެ ފަހުން މާތް ﷲ ގެ އަޒާބު އެބައިމީހުންނާ ކުރިމަތިވާނެކަމުގެ އިންޒާރު ދެއްވުމަށްފަހު، އެކަލޭގެފާނު އެ ޤައުމުން ނުކުމެވަޑައިގަތެވެ. އެކަލޭގެފާނު ގެ އިންޒާރުފުޅާއި އެއްގޮތަށް ތިންދުވަސް ފަހުން އެބައިމީހުންނާ މާތް ﷲ ގެ އަޒާބު ކުރިމަތިވުމުން، އެބައިމީހުންގެ އަނބި ދަރީންނާއި ނަޢަމްސޫފިތައް ގޮވައިގެން ޞަހަރާތެރެއަށް ނުކުތެވެ. އަދި ތައުބާވެ، މި އަޒާބުން ސަލާމަތްކޮށްދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދަންނަވަންފެށިއެވެ. މާތް ﷲ އެބައިމީހުންގެ ތައުބާ ޤަބޫލުކުރައްވާ، އެކަލާނގެ އަޒާބުން އެބައިމީހުން ސަލާމަތްކޮށްދެއްވިއެވެ. އަންނަނިވި އާޔަތުން މިކަމަށް ދަލާލަތުކޮށްދެއެވެ.

﴿فَلَوْلَا كَانَتْ قَرْيَةٌ آمَنَتْ فَنَفَعَهَا إِيمَانُهَا إِلَّا قَوْمَ يُونُسَ لَمَّا آمَنُوا كَشَفْنَا عَنْهُمْ عَذَابَ الْخِزْيِ فِي الْحَيَاةِ الدُّنْيَا وَمَتَّعْنَاهُمْ إِلَى حِينٍ﴾ يونس: 98

މާނައީ: “ފަހެ، ރަށެއްގެ މީހުން، އެބައިމީހުންގެ އީމާންކަމުން މަންފާކުރާނޭ ގޮތުގައި، އީމާންވީނަމަ ކިހާރަނގަޅު ހެއްޔެވެ! އެހެނެއްކަމަކު، ޔޫނުސްގެފާނުގެ ޤައުމުގެމީހުން އީމާންވުމުން، ތިމަންއިލާހު އެބައިމީހުންގެ ކިބައިން ދުނިޔޭގެ ޙަޔާތުގައި ނިކަމެތިކަމުގެ ޢަޛާބު ދުރުކުރެއްވީމެވެ. އަދި އެބައިމީހުންގެ އަޖަލު ޖެހިއްޖައުމަށް ދާނދެން، އެބައިމީހުން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ.”

ޔޫނުސްގެފާނު އަނބުރައި ނައިނަވާއަށް ވަޑައިގެން މާތް ﷲގެ ޙުކުމްފުޅުތައް ބަޔާންކޮށްދެއްވުމުގައި ދެމިހުންނެވިއެވެ.

މުސީބާތްތައް ކުރިމަތިވާ ވަގުތުގައި ﷲ މަތިން ހަނދުމަކޮށް އެކަލާނގެއަށް ދުޢާކުރުމުގެ މުހިންމުކަން ޔޫނުސްގެފާނުގެ ވާހަކައިން ދޭހަވެގެންދެއެވެ. އަދި ﷲގެ މަތިން ހަނދުމަކޮށް ތަސްބީހަ ވިދާޅުވާ މީހުންގެ އަޑު އެކަލާނގެ އައްސަވާވޮޑިގެން ވާނެކަމަށާއި ފާގަތިކަމުގެ ދުވަސްވަރު ކޮށްފައިވާ ހެޔޮ ޢަމަލުތަކަކީ ދަތި ޙާލުގައި ތިބާ ޖެހޭ ދުވަހު މުޞީބާތްތައް ލުއިވެ، ފިލައިގެން ދިޔުމުގެ ސަބަބެއްކަމުގައި ވާނެކަން ޔޫނުސްގެފާނު ވާހަކައިން އެނގިގެން ދެއެވެ. އަދި ހާސްކަމާއި މުސީބާތްތަކުން ސަލާމަތް ކުރައްވާނެ ހަމައެކަނި ފަރާތަކީ މާތްﷲ ކަން މި ވާހަކައިން ދޭހަވެގެންދެއެވެ.

މުޞީބާތް އިންތިހާ އަށް ބޮޑުވެ، ސަލާމަތްވެވޭނެ އެއްވެސް މަގެއް ނެތް ކަމަށް ހީވިޔަސް، އެކަލާނގެ ރަޙްމަތަށް އުއްމީދު ކަނޑާލައިގެންނުވާނެކަންވެސް މި ވާހަކައިން އެނގެއެވެ. ރޭގަނޑުގެ އަނދިރިކަމުގައި، ކަނޑުގެ ފުންކަމުގެ ތެރޭގައި، ބިޔަސިންގާ މަހެއްގެ ބަނޑުތެރޭގައި، ސަލާމަތްވެވަޑައިގަންނަވާނޭކަމުގެ އެއްވެސް އުއްމީދެއް ނެތް ޙާލަތުގައިވެސް، ﷲގެ ރަޙްމަތުން އުއްމީދުކަނޑުއްވާލެއްވުމެއްނެތި، ތަކްބީރު ތަޙްލީލް އެކަލޭގެފާނު ދަންނަވަމުންދިޔައެވެ. ޚުޝޫޢަތްތެރިކަމާއިއެކު، ﷲގެ ޙަޟްރަތަށް އިބްތިހާލުވެވަޑައިގެން، ފާފަ ފުއްސަވައިދެއްވުމަށް ދަންނަވަމުންދިޔައެވެ.

ރެފަރެންސް:

  1. تفسير ابن كثير
  2. الطبري: 21/109

 

11