އެއްދިމާއަކަށް މުޅި ލަޝްކަރައިގެން މައްކާއަށް ވަދެވަޑައިގަތުމުގެ ބަދަލުގައި މައްކާގެ ހަތަރު ފަރާތުން ލަޝްކަރުތައް ވަންނަ ގޮތަށް ހަމަޖެއްސެވިއެވެ. ޚާލިދު ބުން ވަލީދު ރަޟިޔަﷲ ޢަންހު ގެ ޤިޔާދަތުގައި މައްކާގެ ދެކުނު ފަރާތުން ލަޝްކަރެއްވަނެވެ. ޒުބައިރު ބުނުލް ޢައްވާމް ރަޟިޔަﷲ ޢަންހު ގެ ޤިޔާދަތުގައި މައްކާގެ އުތުރު ފަރާތުން ލަޝްކަރެއް ވަނެވެ. ލަޝްކަރުގެ ކުރީގެ ވެރިކަން ދެއްވީ ސަޢުދު ބުން ޢުބާދަތު ރަޟިޔަﷲ ޢަންހަށެވެ. އެކަލޭގެފާނަށް މައްކާގެ ހުޅަނގު ފަރާތުން ވެންނެވުމަށް އަމުރުކުރެވުނެވެ. ދިމާވި ސަބަބަކާއިހުރެ، މި ލަޝްކަރުގެ ވެރިއަކަށް ފަހުން ހުންނެވީ ޢަލީ ބިން އަބީޠާލިބެވެ.- ރަޟިޔަﷲ ޢަންހު-މައި ލަޝްކަރުގެ ވެރިކަން ދެއްވީ އަބޫ ޢުބައިދާ ޢާމިރު ބިން ޖައްރާހަށެވެ.- ރަޟިޔަﷲ ޢަންހު- އެކަލޭގެފާނަށް މައްކާގެ އިރު އުތުރު ފަރާތުން ވެންނެވުމަށް އަމުރުކުރެވުނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނަށް ޚާއްސަ ލަޝްކަރާއިގެން ވެންނެވީ އަބޫޢުބައިދަތުގެފާނުގެ ލަޝްކަރުގެ ފަހަތުންނެވެ. އަދި މައްކާގެ އުތުރު ފަރާތުގައި އެކަލޭގެފާނަށް ފޭލިގެކޮޅެއް ޖެހެވުނެވެ.
މިގޮތަށް ލަޝްކަރު ބެއްސެވުމުގެ ބޭނުންފުޅަކީ މައްކާގެ ޙަރަމްފުޅުގެ ޙުރުމަތާއި ޤަދަރަށްޓަކައި ލޭއޮހޮރުވުން ވީހާވެސް ކުޑަކުރެއްވުމެވެ. ކޮންމެ ލަޝްކަރެއްގެ ވެރިޔަކަށްވެސް އަމުރުކުރައްވާފައިވަނީ އިސްވެ ހަނގުރާމަ ފަށައިނުގަތުމަށެވެ. މުސްލިމުން މައްކާއަށް ވަނުމުގައި ތަޅާފޮޅުމެއް ހިނގީ ހަމައެކަނި ޚާލިދު ބުން ވަލީދު – ރަޟިޔަﷲ ޢަންހު- ވަދެވަޑައިގެންނެވި ފަރާތުންނެވެ. މައްކާގެ ބޮޑުން ދެކޮޅުވެރިނުވުމަށް ކަނޑައަޅާފައިވަނިކޮށް ޞަފްވާން ބުން އުމައްޔާއާއި ޢިކުރިމަތު ބުނު އަބީޖަހުލު ފަދަ ބަޔަކު ނުކުމެ ހަނގުރާމަ ފެށިއެވެ. ނަތީޖާއަކަށްވީ މުސްލިމުންގެ 2 ބޭކަލުން ޝަހީދުވެ ކާފިރުންގެ 12 މީހުން ޤަތުލުވުމަށްފަހު އެބައިމީހުން ފަސްޖެހުމެވެ. (ޞަފްވާން ބުން އުމައްޔާ- ރަޟިޔަﷲ ޢަންހު- އާއި ޢިކުރިމަތު ބުނު އަބީޖަހުލު- ރަޟިޔަﷲ ޢަންހު- ފަހުން އިސްލާމްވެވަޑައިގަތެވެ.)
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މައްކާއަށް ވަދެވަޑައިގަތީ އެކަލޭގެފާނަށް ﷲ މިދެއްވި މަތިވެރި ކާމިޔާބީއަށްޓަކައި މާތްﷲއަށް ޝުކުރުއަދާކުރައްވަމުންނެވެ. އެކަލޭގެފާނުގެ ލޯފުޅުން ޝުކުރުގެ ކަރުނަފޮދު އޮހޮރެއެވެ. އެންމެ ފުރަތަމަ އެކަލޭގެފާނުގެ އަލްޤަޞްވާއުއޭ ކިޔުނު ޖަމަލުކޮޅުގައި ވަޑައިގެން ކަޢުބަތުﷲ ގެފުޅުގައި ޠަވާފުކުރެއްވުމަށްފަހު، ޙަޖަރުލްއަސްވަދުގައި އިސްތިލާމްކުރެއްވިއެވެ. އޭރު މައްކާގެ އަހުލުވެރިން އަލްމަސްޖިދުލްޙަރާމްގެ ވަށައިގެން އެއްވެ ތިއްބެވެ. ޠަވާފުކުރެއްވުމަށްފަހު ކަޢުބާ ހުޅުއްވަވާ އެތެރެއަށް ވަދެވަޑައިގެން ގެފުޅުގެ އެތެރެއާއި ބޭރުގައި ބެހެއްޓިފައިހުރި ބުދުތައް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުފުޅަށް ހަލާކުކޮށް ނައްތާލެވުނެވެ. ހިޖުރައިން 8 ވަނަ އަހަރުގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހު މައްކާ ފަތަޙަކުރެއްވީ ނުހަނު މަޑުމައިތިރިކަމާއި ޞުލްޙަވެރިކަމާއިއެކުގައެވެ. އިބުނު އިސްޙާޤު ރިވާކުރައްވާފައިވާ ގޮތުގައި މައްކާ ފަތަޙަކުރެއްވި ދުވަހު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މައްކާއަށް ވަދެވަޑައިގެންނެވިއިރު ތަވާޟުޢުވެރިވެވަޑައިގަތުމުގެ ސަބަބުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކަނދުރާފުޅުވަނީ ތިރިވެފައެވެ. ކަޢުބާގެ ދޮރުކޮޅުމަތީ ހުންނަވާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. “މާތްﷲ ފިޔަވާ އެހެން އިލާހެއް ނުވެއެވެ. އެއީ އެއްކައުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ވަޢުދުފުޅު ފުރިހަމަކުރެއްވިއެވެ. އެކަލާނގެ އަޅާއަށް ނަޞްރުދެއްވިއެވެ. އެކަލާނގެ އެއްކައުވަންތަ ޙާލުގައި ދެކޮޅުވެރި ހުރިހާ ޖަމާޢަތްތަކެއް ބަލިކުރެއްވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޚުތުބާ ކުރިޔަށް ގެންދަވަމުން ޙަދީޘްކުރެއްވިއެވެ. އޭ ޤުރައިޝުންނޭވެ. އަހުރެން ތިޔަބައިމީހުންނާމެދު ކޮންގޮތަކަށް ކަންތައް ކުރާނެކަމުގައި ތިޔަބައިމީހުން ހީކުރަމުހެއްޔެވެ؟ އެބައިމީހުން ދެންނެވިއެވެ. “ކަލޭގެފާނު ހެޔޮކަމެއް ނޫނީ ނުކުރައްވާނެއެވެ. ކަލޭގެފާނީ ހެޔޮވެގެންވާ މާތް އަޚެކެވެ. ހެޔޮވެގެންވާ މާތް އަޚެއްގެ ދަރިކަލެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ފަހެ ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު ވިދާޅުވާހުށީ ޔޫސުފްގެފާނު އެކަލޭގެފާނުގެ އަޚުންނަށް ވިދާޅުވީފަދައިންނެވެ. ﴿ لَا تَثْرِيبَ عَلَيْكُمُ الْيَوْمَ ۖ يَغْفِرُ اللَّـهُ لَكُمْ﴾ سورة يوسف: 92 މާނައީ: “މިއަދު ތިޔަބައިމީހުންގެ މައްޗަކަށް މަލާމާތެއް ދެރަބަހެއް ނެތެވެ. ތިޔަބައިމީހުންނަށް ﷲ ފާފަ ފުއްސަވާށިއެވެ!”ތިޔަބައިމީހުންނީ މިނިވަނުންނެވެ. ތިޔަބައިމީހުން އެދޭ ކޮންމެ ތަނަކަށް ދާށެވެ.”
ﷲ ތަޢާލާ ވަނީ މިފަތަޙައަށް ބަޔާންވެގެންވާ ފަތަޙައިގެ ނަމުން ނަންދެއްވާފައެވެ. ވަޙީ ކުރައްވާފައިވެއެވެ: ﴿إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا﴾ سورة الفتح: 1 މާނައީ: “ހަމަކަށަވަރުން ފާޅުވެ ބަޔާންވެގެންވާ ފަތަޙަ އަކުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފަތަޙަ ދެއްވީމެވެ.”
ރެފަރެންސް:
އިސްލާމީތަރުބިއްޔަތު