ނަޞޭޙަތާއި އިރުޝާދު
ދަރަނި މަޢާފުކުރުން: ރުއްސެވުމާއި ފުއްސެވުން ލިބެނިވި މަތިވެރި ޢަމަލެއް
  • ޤުރުއާނުގައިވާ އެންމެ ދިގު އާޔަތަކީ ދަރަނީގެ އާޔަތް. ދަރަނީގެ އާޔަތުން ނެރެވޭ އަޙްކާމްތަކަކީ ކޮބައިތޯ؟

* ދަރަނީގެ އާޔަތުގައި ﷲ ތަޢާލާ އަމުރު ކުރައްވާފައިވާފަދައިން، އެކަން ލިޔެ އެކަމުގެ މައްޗަށް ހެކިވެރިން ހެކިކުރުމަށް ދަރަނި ނަގާމީހާއާއި ދަރަނި ދޭމީހާ ރައްކާތެރިވާންވާނެއެވެ.

* ދަރަނި ލިޔުމަށް ފަސްނުޖެހޭށެވެ. އެއީ ކިތަންމެ ކުޑަ މިންވަރެއް ނުވަތަ ބޮޑު މިންވަރެއް ކަމުގައި ވިޔަސްމެއެވެ. ފަހެ، އެއީ ﷲ ގެ ޙަޟްރަތުގައި އެންމެ ޢަދުލުވެރި އަދި އެންމެ އިތުބާރު ހުރި ގޮތެވެ.

 

 

  • ދަރަނި ނެގުމަކީ ޚުޠޫރަތްތެރިކަމެއް ކަމުގައިވާއިރު، އިސްލާމީ ޝަރީޢާގައި އެކީ އެކަށް ދަރަނި ނެގުން މަނާކުރެވިފައިނުވަނީ ކީއްވެތޯ؟

ދަރަނި ނެގުމަކީ އިސްލާމީ ޝަރީޢަތުގައި އެކުއެކީ މަނާކުރެވިފައިވާ ކަމެއް ނޫނެވެ. އެހެނަސް އިރުޝާދުދެވިގެންވަނީ މިކަމުގައި ފައިދާކުރަނިވި މުހިންމު ވަޞިއްޔަތްތަކަކަށެވެ. އެއީ ދަރަނީގައި ހުރި ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށެވެ.

މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ އޭނާއަށް ކޮންމެހެންވެސް ބޭނުން ޖެހިފައިވާ މުބާޙު ކަމެއްގައި މެނުވީ ދަރަނި ނުނެގުމެވެ.

މުސްލިމުންނަށް ވާޖިބުވެގެންވަނީ މީސްތަކުންގެ މުދަލާއި ޙައްޤުތަކުން އެއްކިބާވެ ދަރަނި ނެގުމުންވެސް ރައްކާތެރިވުމެވެ. އެހެނީ މީސްތަކުންނާ ގުޅުންހުރި ޙައްޤުތަކުގައި ދުނިޔޭގައި އަޅަކަށް ސަލާމަތްވެވުނު ކަމުގައިވިޔަސް، އާޚިރަތުގައި ޢަދުލުވެރި ރައްބުގެ ޙިސާބުބެއްލެވުމުން ސަލާމަތެއް ނުވެވޭނެއެވެ. މީސްތަކުންގެ ޙައްޤުތަކުގައި އަނިޔާވެރިވެފައިވާ މީހުންގެ ކިބައިން ޤިޔާމަތްދުވަހުން ﷲ ތަޢާލާ ޤިޞާޞް ހިއްޕަވާނެއެވެ.

 

  • ދަރަނި ވެރިވެއްޖެނަމަ، ކިޔަން ވަކި ޚާއްސަ ދުޢާއެއް އައިސްފައިވޭތޯ؟

ޢަލީގެފާނު ވިދާޅުވިއެވެ. “އަހަރެންނަށް ނަބިއްޔާ ﷺ އުނގަންނަވައިދެއްވި ކަލިމަތަކެއް އުނގަންނައިދެންހެއްޔެވެ؟ މި ކަލިމަތައް ބޭނުންކޮށްގެން ދުޢާކުރުމުން ޖަބަލު ޞީރަށްވުރެވެސް ބޮޑު ދަރަންޏެއް ތިބާގެ އޮތަސް ﷲ ތަޢާލާ އެ އަދާކޮށްދެއްވާނެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ކިޔާށެވެ.اللهم اكفني بحلالك عن حرامك و أغنني بفضلك عمن سواك މާނައީ: އޭ ﷲ. އިނބަ އިލާހު ގެ ޙަލާލު ތަކެތީގެ ޛަރީޢާއިން އިނބަ އިލާހު ޙަރާމްކުރައްވާފައިވާ ތަކެތިން ދުރުވުމަށް މި އަޅާއަށް ފުދުންތެރިކަން ދެއްވާފާނދޭވެ. އަދި އިނބަ އިލާހުގެ ފަޟްލުވަންތަވެރިކަމުގެ ޛަރީޢާއިން އިނބަ އިލާހު ފިޔަވައި އެހެން ފަރާތަކަށް ބޭނުން ނުޖެހޭނެހެން މިއަޅާއަށް މުއްސަނދިކަން ދެއްވާފާނދޭވެ.” (صحيح الجامع)

މި ދުޢާކިޔައިފިނަމަ ދަރަނިތައް ފުއްދުން ފަސޭހަކޮށްދެއްވާނެއެވެ.

 

  • ޢުމަރުގެފާނު ވިދާޅުވެފައިވޭ. ދަރަނީގެ ފަހުކޮޅުގައި އޮތީ ހަނގުރާމައޭ. ދަރަނީގެ ފަހުކޮޅުގައި އޮތީ ހަނގުރާމަ ހިނގާ ކަމުގައި ޢުމަރުގެފާނު ވިދާޅުވެފައިމިވަނީ ކީއްވެތޯ؟

ދަރަނި ނަގާ މީހުންގެ ތެރެއިން ގިނަ މީހުންނަށް ފިކުރު ބޮޑުވުމާއި މާޔޫސްވުމާއި ކުރިމަތިލާން ޖެހެއެވެ.

އަމީރުލް މުއުމިނީން ޢުމަރު رضي الله عنه ވިދާޅުވިއެވެ. “إياكم و الدين فإن أوله هم و آخره حرب”(رواه مالك في الموطأ) “ތިޔަބައިމީހުން ދަރަންޏަށް ރައްކާތެރިވާށެވެ. އޭގެ ފުރަތަމަކޮޅުގައި އޮތީ ކަންބޮޑުވުމެވެ. އަދި ފަހުކޮޅުގައި އޮތީ ހަނގުރާމައެވެ.”  ދަރަނީގެ ފަހުކޮޅުގައި ހަނގުރާމަ ވާކަމުގައި ޢުމަރުގެފާނު ވިދާޅުވެފައިވަނީ ދަރަނި އަދާކުރުމުގައި ފަރުވާކުޑަކުރެވޭ ޙާލަތްތަކުގައި ރަޙްމަތްތެރިންނާއި ގާތްތިމާގެ މީހުންގެ ގުޅުން ކެނޑޭތީ އެވެ.

 

  • ދަރަނި އަދާނުކުރެވި ހުއްޓާ ދަރަނި ނެގި މީހާ ނިޔާވެއްޖެކަމުގައިވާނަމަ، ދަރަނި ދިން މީހާއަށް ކަންތައް ކުރަން އެންމެ އައުލާވެގެންވާ ގޮތަކީ ކޮބައިތޯ؟

ދަރަނި މަޢާފްކޮށްދިނުން ހެޔޮވެގެންވެއެވެ. އެއީ ދީލަތިކަމުގެ މަތީ ހަރުފަތެކެވެ. ޙަދީޘެއްގައި އައިސްފައިވެއެވެ.

«كان رجل يُدَايِنُ الناس، وكان يقول لفَتَاه: إذا أَتَيْتَ مُعْسِرًا فَتَجَاوَزْ عنه، لعَلَّ الله أن يَتَجَاوَزَ عنَّا، فَلَقِيَ الله فتَجَاوز عنه» ”މީސްތަކުންނަށް ދަރަނި ދީ އުޅުނު މީހަކު އުޅުނެވެ. އޭނާގެ ޚާދިމުންގެ ގާތު އޭނާ ބުނެއެވެ. ދަތިވެފައިވާ މީހަކާ ބައްދަލުވެއްޖެނަމަ އެމީހަކަށް ދަރަނި މަޢާފުކޮށްދޭށެވެ. އޭރުން ﷲ ތަޢާލާ އަހަރެމެންނަށްވެސް މަޢާފުކުރައްވާފާނޭކަމަށް އުއްމީދުކުރެވެއެވެ. ފަހެ އޭނާ ﷲ ތަޢާލާއާއި ބައްދަލުވުމުން އެ އިލާހު އޭނާއަށް މަޢާފްކުރެއްވިއެވެ.“(صحيح الجامع)

ދަރަނި އަދާކުރެވޭ ވަރަށް އޭނާގެ އަތުގައި މުދާ ހުރިނަމަ، ދަރަނި ނުދައްކާ ލަސްކުރުން ހުއްދަވެގެން ނުވެއެވެ. ފަހެ، އެފަދައިން ލަސްކުރުމަކީ ދަރަނި ދިން ފަރާތަށް ކުރެވޭ އުނދަގުލެކެވެ. ދަރަނި ދިން ފަރާތަށް ޝުރުކު އަދާކޮށް އޭނާ އެކޮށްދިން ކަންތަކުގެ ބަދަލުގައި އޭނާގެ މުދާ ރައްދުކޮށްދޭން ވާނެއެވެ. އޭނާއަށް ކެހިދީ ދަރަނި އަދާކުރުން ލަސްކޮށްގެން ނުވާނެއެވެ.

 

ނަބިއްޔާ صلى الله عليه وآله وسلم ޙަދީޘްކުރެއްވިއެވެ.

«مَطْلُ الغَنِيِّ ظُلْمٌ» [متفق عليه]

މާނައީ: “މުއްސަންޖަކަށް އަދާކުރަންޖެހޭ ފައިސާއެއްވިޔަސް، އެއަދާނުކޮށް (ޤަޞްދުގައި) ފަސްކުރުމަކީ އަނިޔާއެކެވެ.”

 

Dharani maafukurumun libey ajuru – YouTube

dharanimaafukurun

26