ނަޞޭޙަތާއި އިރުޝާދު
އަސަރުގަދަ ތައުބާ

إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ )( އަލްބަޤަރާ: 222) މާނައީ:” ހަމަކަށަވަރުން ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ. އަދި ޠާހިރުވާމީހުންދެކެވެސް އެ އިލާހު ލޯބިވެވޮޑިގަންނަވައެވެ”

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((إِنَّ مَثَلَ الَّذِي يَعْمَلُ السَّيِّئَاتِ، ثُمَّ يَعْمَلُ الْحَسَنَاتِ كَمَثَلِ رَجُلٍ كَانَتْ عَلَيْهِ دِرْعٌ (لباس من حديد يرتديه المقاتل) ضَيِّقَةٌ قَدْ خَنَقَتْهُ، ثُمَّ عَمِلَ حَسَنَةً فَانْفَكَّتْ حَلَقَةٌ، ثُمَّ عَمِلَ أُخْرَى فَانْفَكَّتْ حَلَقَةٌ أُخْرَى، حَتَّى يَخْرُجَ إِلَى الأَرْضِ)) [رواه الطبراني في الكبير، صحيح الجامع ٢١٩٢] މާނައީ:

”ހަމަކަށަވަރުން ފާފަތައް ކުރުމަށްފަހު ހެޔޮ ޢަމަލުތައް ކުރާމީހުންގެ މިސާލަކީ ގަޔަށް ބާރު ދަހަނާއެއް އަޅައިގެން ހުރި މީހެއްގެ މިސާލެވެ. ދެން އޭނާ ހެޔޮ ޢަމަލެއް ކުރުމުން އެ ދަހަނާގެ އެއް ބޮޅު ލުހުނެވެ. ދެން އެހެން ކަމެއް ކުރުމުން އެހެން ބޮޅެއްވެސް ލުހުނެވެ. އެ ދަހަނާ ބިމަށް ވެއްޓި އޭގެ ވެރިމީހާއަށް ނުކުމެވެންދެނެވެ.“

ބިލާލު ބިން ސަޢްދު (رحمه الله) ވިދާޅުވިއެވެ. ”ފާފައިގެ ކުޑަ މިނަށް ނުބަލާށެވެ. އެހެނެއްކަމަކު ތިބާ އުރެދެނީ ކޮން ފަރާތަކަށްތޯ ނިކަން ބަލާށެވެ.“
.
سير أعلام النبلاء ٩١/٥

ފާފަތަކަށް އަރައިނުގަނެ ކެތްތެރިވާށެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ. “ﷲ އެއިލާހުގެ ފޮތުގައި 90 އަށްވުރެ ގިނަ ތަނެއްގައި ކެތްތެރިކަން ޛިކުރު ކުރައްވާފައި ވެއެވެ.”
.
مجموع الفتاوى لابن تيمية (رحمه الله) 39/10

ސަޖިދައިގައި އޮވެ ފާފަފުއްސެވުން އެދި ދަންނަވާށެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ”އަޅާ އޭނާގެ ރައްބާ އެންމެ ކުއްތަންވެގެންވާ ވަޤުތަކީ ސަޖިދައިގައިވާ ވަޤުތެވެ. ފަހެ، (އެވަޤުތު) ތިޔަބައިމީހުން ދުޢާކުރުން ގިނަ ކުރާށެވެ.“.
صحيح مسلم

ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ސުވަރުގެ އެބަޔަކަށް ލިބުން ހައްޤުވެގެންވާ ތަޤްވާވެރީންގެ ސިފަތައް ބަޔާންކުރައްވަމުން ވަޙީކުރައްވާފައި ބަސްފުޅެއްގެ މާނާގައިވަނީ:

”އަދި އެއުރެންނަކީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކޮށްފިނަމަ، ނުވަތަ އެއުރެންގެ ނަފުސުތަކަށް އަނިޔާވެރިވެއްޖެނަމަ ( އެބަހީ ކިތަންމެ ކުޑަ ފާފައެއް ކޮށްފި ކަމުގައިވީނަމަވެސް) ﷲ ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުން އެދި ދުޢާކޮށް އުޅޭ މީހުންނެވެ. ﷲ ފިޔަވައި ފާފަފުއްސަވަނީ ފަހެ ކާކުހެއްޔެވެ؟ އަދި އެއުރެން ދެނެތިބި ޙާލު އެއުރެން ކުރިކުށުގެ މަތީގައި ދެމިނުތިބެއެވެ…

[آل عمران 135]

 

 

72