ޚަބަރު
އަމިއްލަ އެދުންތައް ބޮޑުވެ، ތާރީފުކުރުމަށް ލޯބިކުރެވުނު ވަރަކަށް އިޚްލާސްތެރިކަމުގެ ބައްތި ކަނިވަމުން ދާނެ: ހުކުރުޚުތުބާ

އަމިއްލަ އެދުންތައް ބޮޑުވެ، ތާރީފުކުރުމަށް ލޯބިކުރެވުނު ވަރަކަށް އިޚްލާސްތެރިކަމުގެ ބައްތި ކަނިވަމުން ދާނެކަމަށް ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ. އިޚްލާސްތެރިކަމަށް އަލިއަޅުވާލާފައިވާ ޚުތުބާގައި އިތުރަށް ވިދާޅުވީ:

ﷲގެ ޘަވާބާއި ރުހިވޮޑިގަތުމަކީ، ބޭރުފުށުގެ ޢަމަލުތަކުން ޙާސިލުކުރެވޭނެ ކަންކަމެއް ނޫނެވެ. މާތްﷲ ބައްލަވައި ވޮޑިގެންނަވަނީ، ބޭރުފުށަކަށް ނޫނެވެ. އެހެނަސް މީސްތަކުންގެ ހިތްތަކަށާއި ޢަމަލުތަކުގެ އިޚްލާސްތެރިކަމަށެވެ. މާތްﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. ”ހަމަކަށަވަރުން ﷲ ތިޔަބައިމީހުންގެ ހަށިތަކަށާއި ބުރުސޫރަތަކަށް ބައްލަވާ ވޮޑިއެއް ނުގަންނަވަތެވެ. އެހެނަސް އެކަލާނގެ ބައްލަވާ ވޮޑިގެންނަވަނީ ތިޔަބައިމީހުންގެ ހިތްތަކަށެވެ.“ އެބަހީ: ހިތް ތަކުގައި ފޮރުވިފައިވާ އިޚްލާސްތެރިކަމަށެވެ. އިޚްލާސްތެރިކަމުގެ  ނޫރަކީ، އޭގެ އަލިކަމުން ނަފްސަށް އުޖާލާކަން ލިބޭ ނޫރެކެވެ. އިންސާނާ އޭނާގެ އަމިއްލަ އެދުންތަކާއި ދުރުހެލިވާނަމަ، ﷲގެ ޙަޟްރަތަށް ރުޖޫޢުވެ، އެކަލާނގެ ރަޙްމަތަށް އެދި އިޚްލާސްތެރިކަން އިސްކުރާނެތެވެ.

އަމިއްލަ އެދުންތައް ބޮޑުވެ، ތާރީފުކުރުމަށް ލޯބިކުރެވުނު ވަރަކަށް އިޚްލާސްތެރިކަމުގެ ބައްތި ކަނިވަމުން ދާނެއެވެ. ފަޚްރުވެރި ވުމަށާއި މަޝްހޫރު ވުމަށް ލޯބިކުރެވުނު ވަރަކަށް އިޚްލާސްތެރިކަން ފަނޑުވަމުން ދާނެއެވެ. ﷲ ޤަބޫލު ކުރައްވަނީ އެއްވެސް ކިލަނބުކަމެއްނެތް ސާފު ޞާލިހު ޢަމަލުތަކެވެ. އިސްލާމްދީން ދެކޭގޮތުގައި ކަން ދެއްކުމަކީ ޝިރްކްގެ ބާވަތެކެވެ. އަހަރެމެންގެ ރަނގަޅު ޢަމަލުތައް ނުބައި ޢަމަލުތަކަށް ބަދަލުކޮށްލާ އެންމެ ވަރުގަދަ ބާރަކީ ކަންދެއްކުމެވެ.

10