ސުވާލާއި ޖަވާބު
މިވެނިކަމެއް ކޮށްފިއްޔާ ތިހިރީ ވަރިކޮށްފައޭ ބުނުމުން ވަރިވާނެތަ؟

ސުވާލު:

ތިމާގެ އަނބި މީހާއާ ދިމައަށް މިވެނިކަމެއް ކޮއްފިއްޔާ ތިހިރީ ވަރިކޮއްފައޭ ބުނުމުން އޭނަ އެކަން ކޮއްފިއްޔާ ނުވަތަ މިވެނިކަމެއް ނުކޮއްފިއްޔާ ތިހިރީ ވަރިކޮއްފައޭ ބުނުމުން އޭނަ އެކަން ނުކޮއްފިއްޔާ ވަރިވާނެތޯއެވެ؟

ޖަވާބު:

الحَمْدُ لِلَّه وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ اللهِ وَبَعدُ:

ކަމަކާއި އަޅުވައިގެން މިވެނިކަމެއް ކޮއްފިއްޔާ ވަރިވާނެކަމަށް ފިރިމީހާ އަނބމީހާއާ ދިމައަށް ބުނެފައިވަނިކޮށް އެކަން އޭނަ ކޮއްފިނަމަ ނުވަތަ މިވެނިކަމެއް ނުކޮއްފިއްޔާ ވަރިވާނެކަމަށް ފިރިމީހާ އަނބިމީހާއާ ދިމައަށް ބުނެފައިވަނިކޮށް އެކަން އޭނަނުކޮއްފިނަމަ އަނބިމީހާ ވަރިވާނެ ކަމާއިމެދު ޢިލްމުވެރިންގެ މެދުގައި ދެރައުޔަކަށް ޚިޔާލުތަފާތުވެފައިވެއެވެ.

ފުރަތަމަ ރައުޔަކީ: ޖުމްހޫރު ފިޤްހުވެރިންގެ ރައުޔެވެ. އެއީ ވަރިއާއި އަޅުވާފައިވާ ކަންތައް އަނބިމީހާގެ ފަރާތުން މެދުވެރިވެއްޖެނަމަ އަނބިމީހާ ވަރިވުމެވެ.

ދެވަނަ ރައުޔަކީ: ބައެއް ޢިލްމުވެރިންގެ ރައުޔެވެ. އެއީ ފިރިމީހާ އެހެންބުނި މަޤްޞަދާ ނިޔަތަށް ބެލުމެވެ. ފިރިމީހާ އެހެންބުނީ ހަމަ ޙަޤީޤަތުގަވެސް އޭނަ ބުނިގޮތާއި ޚިލާފުވެއްޖެއްޔާ  ވަރިކުރުމުގެ މަޤްޞަދުގައި ކަމަށްވަނީނަމަ އެވާނީ ވަރިއަކަށެވެ. ނުވަތަ އޭނަ އެހެން ބުނުމުގެ ބޭނުމަކީ ވަރިކުރުމުގެ މަޤްޞަދެއްނެތި ވަކިކަމެއް ކުރުވުން ނުވަތަ ވަކިކަމެއް ނުކުރުވުން ކަމަށް ވަނީނަމަ އެއީ ވަރިއެއް ކަމަށް ނުބެލުމެވެ. އެހެންނަމަވެސް އެފަދަ ޢިބާރާތަކީ ހުވާގެ އުސޫލަށް ފެތޭ ބަސްތަކަކަށް ވާތީ ހުވާގެ ކައްފާރާ ދިނުމެވެ. ހުވާގެ ކައްފާރާއަކީ ދިހަ މިސްކީނުންނަށްކާންދިނުން ނުވަތަ ދިހަ މިސްކީނުންނަށް އަންނައުނު ދިނުން ނުވަތަ އަޅަކު މިނިވަންކުރުމެވެ. މިއިން އެއްވެސް ކަމެއް ވާން ނެތްމީހާ ވިދިވިދިގެ ތިން ދުވަހު ރޯދަ ހިފުމެވެ. މިއީ شيخ الإسلام ابن تيمية رحمه الله ގެ ރައުޔެވެ.

ނިޔަތާއި މަޤްޞަދަކީ ޝަރީޢަތުގައި ވަރަށްބޮޑަށް ރިޢާޔަތް ކުރާ ކަމަކަށްވާތީ ދެވަނަ ރައުޔުއަށްބޮޑަށް ބުރަވެވެއެވެ. އެހެންނަމަވެސް ކައިވެންޏާއި ވަރީގެ މައްސަލަތަކުގައި އެޤައުމެއްގެ ޝަރުޢީ ކޯޓުގައި ވަކި ރައުޔަކަށް ޢަމަލުކުރާކަމަށްވަނީ ނަމަ ރައްޔިތުން އެއަށްތަބާވުން އެއީ އެންމެ ރަގަޅު ގޮތެވެ. وَاللهُ أَعْلَمُ بِالصَّوَابُ.

ލިޔުމުގެ އަސްލު:  ޑރ. ޢަލީ ޒާހިރު

182