ނަޞޭޙަތާއި އިރުޝާދު
މުޅި އަހަރު ދުވަހު ރޯދަ ހިފުމުގެ ޘަވާބު ލިބޭ ދެ ކަމެއް

މުޅި އަހަރު ދުވަހު ރޯދަ ހިފުމުގެ ޘަވާބު ބޭނުން ހެއްޔެވެ؟ މާބޮޑު އުނދަގުލަކާ ނުލާ މި ދަރުމައާއި ޘަވާބު ހޯދޭނެ ދެ ކަމެއް ބުނެދީފާނަމެވެ.

ފުރަތަމައީ: ރަމަޟާންމަހުގެ ރޯދަ ހިފައި ޝައްވާލު މަހުގެ 6 ރޯދަ ހިފުމެވެ.

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.

(مَنْ صَامَ رَمَضَانَ، ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ، كَانَ كَصِيَامِ الدَّهْرِ ) (رواه مسلم)

މާނައީ: “ރަމަޟާންމަހު ރޯދަ ހިފުމަށްފަހު އެއާ ވިދިގެން ޝައްވާލުމަހުން ހަދުވަހު ރޯދަ ހިފި މީހާ މުޅި އަހަރު ރޯދަ ހިފިފަދައެވެ.”

ދެވަނައީ: ރަމަޟާން މަހުގެ ރޯދަ ހިފައި ބާކީ ހުރި މަސްތަކުގައި ކޮންމެ މަހަކު 3 ދުވަހު ރޯދަ ހިފުމެވެ.

ރަސޫލުﷲ ﷺ މުޅި އަހަރު ދުވަހު މެދުކެނޑުމެއްނެތި ރޯދަހިފުން ނަހީކުރެއްވިއެވެ. އަދި އެކަމުގައި އޮތް ލުއި ގޮތް ބަޔާންކޮށްދެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

(صُمْ مِنْ كُلِّ شَهْرٍ ثَلَاثَةَ أَيَّامٍ، فَذَلِكَ صَوْمُ الدَّهْرِ) (رواه البخاري ومسلم)

މާނައީ: “ތިބާ ކޮންމެ މަހަކު ތިން ދުވަހު ރޯދަ ހިފާށެވެ. އެއީ މުޅި އަހަރު ދުވަހު ރޯދަ ހިފުންފަދަ ކަމެކެވެ.”

އަދިވެސް ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.

(صَوْمُ ثَلَاثَةٍ مِنْ كُلِّ شَهْرٍ، وَرَمَضَانَ إِلَى رَمَضَانَ، صَوْمُ الدَّهْرِ) (رواه مسلم)

މާނައީ: “ކޮންމެ މަހަކު ތިންދުވަހު ރޯދަ ހިފައި ރަމަޟާން މަހު ރޯދަ ހިފުމުން މުޅި އަހަރު ދުވަހު ރޯދަ ހިފުނީއެވެ.”

ކޮންމެ މަހަކު 3 ދުވަހު ރޯދަ ހިފުމާ ބެހޭގޮތުން އިތުރު ޙަދީޘްފުޅުތައްވެސް އައިސްފައިވެއެވެ.

އަބޫ ހުރައިރާ رضي الله عنه ވިދާޅުވިއެވެ.

أَوْصَانِي خَلِيلِي صَلَّى اللهُ عَلَيْهِ وَسَلَّمَ بِثَلاَثٍ: (صِيَامِ ثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ، وَرَكْعَتَيِ الضُّحَى، وَأَنْ أُوتِرَ قَبْلَ أَنْ أَنَامَ) متفق عليه

މާނައީ: ” އަހަރެންގެ މިތުރު (އެބަހީ: ނަބިއްޔާ) صَلَّى اللهُ عَلَيْهِ وَسَلَّمَ , އަހަރެންނަށް ތިން ކަމަކަށް ވަޞިއްޔަތް ކުރެއްވިއެވެ. އެއީ ކޮންމެ މަހެއްގައިވެސް ތިން ދުވަހު ރޯދަ ހިފުމާއި ޟުޙާ ނަމާދުގެ ދެރަކުޢަތް ކުރުމާ އަދި ނިދުމުގެ ކުރިން ވިތުރި ކުރުމެވެ.”

97