ނަޞޭޙަތާއި އިރުޝާދު
ޒަމްޒަމް ފެން: އާދަޔާ ޚިލާފު ވާހަކަތަކެއް

ޒަމްޒަމް ފެނަކީ ބަރަކާތްތެރި ފެނެކެވެ. އެފެނުގައި މާތް ﷲ ވަނީ ބަލިތަކަށް ޝިފާ ލައްވާފައެވެ. އަދި އެފެން ވަނީ ކެއުމަށްވެސް ފުދޭނެ ފެނެއް ކަމުގައި ލައްވާފައެވެ. އަދި އެއީ ބަނޑުހައި ހޫނުކަން ފިލުވައިދޭ ފެނެއްވެސް މެއެވެ.

https://youtu.be/6BCqrQCcysE

ޒަމްޒަމްފެންއާރު ނެރުއްވުމާއި ހަނަފަސް މައްކާ ވާދީގައި ދިރުން ލެއްވުން ވަނީ ގުޅި ލާމެހިފައެވެ.

ޒަމްޒަމްފެންވަޅުގެ ތާރީޚު ފެށެނީ އިސްމާޢީލް عليه السلام އާއި ހަމައިންނެވެ. އީސާ عليه السلامގެ މީލާދުގެ 2000 ވަރަކަށް އަހަރުކުރިއެވެ.  ﷲ ސުބްޙާނަހޫ ވަތަޢާލާގެ އަމުރުފުޅާއި އެއްގޮތަށް އިސްމާޢީލުގެފާނާއި އެކަލޭގެފާނުގެ މަންމާފުޅު ޙާޖަރުގެފާނު ގޮވައިގެން މައްކާގެ ބިމަށް ވަޑައިގެން އެއްވެސް ގަހެއް، ފެނެއް، ގެއެއްނެތް ހަނަފަސް ސަހަރާ ތެރެއަށް ދޫކޮށްލައްވަމުން ކަދުރުކޮޅަކާއި ފެންކަންވާރެއް އެ ދެމައިންގެ ކައިރީގައި ބެހެއްޓެވިއެވެ. އެހިނދު އިބްރާހިމްގެފާނު ފަހަތްޕުޅުން ހާޖަރު ދުވެވަޑައިގެން ވިދާޅުވިއެވެ. ”އޭ އިބްރާހީމެވެ. އެއްވެސް އިންސިއެއް އަދި އެއްވެސް ދިރުމެއް ނެތް ހަނަފަސް ސަހަރާއަކަށް އަޅުގަނޑުމެން ދޫކުރައްވާފައި ތިޔަ ވަޑައިގަންނަވަނީތޯއެވެ؟“ ތަކުރާރުކޮށް އެ ސުވާލުކުރުމުންވެސް އިބްރާހިމްގެފާނު ބަސްފުޅެއް ވިދާޅުނުވެ ވަޑައިގަންނަވާތީ އެންމެ ފަހުން ޙާޖަރު ވިދާޅުވިއެވެ.“ތިޔައީ މާތްﷲ ކަލޭގެފާނަށް އަމުރުކުރެއްވި ގޮތްތޯއެވެ؟“ ޖަވާބުގައި އިބްރާހިމްގެފާނު އާއެކޭ ވިދާޅުވުމުން ހާޖަރު ވިދާޅުވިއެވެ. ”އެހެންވީއިރު އެކަލާނގެ އަހަރެމެން ގެއްލެނި ނުކުރައްވާނެއެވެ.“

ދެން އިބްރާހިމްގެފާނު އެ ދެމައިންނާއި ދުރަށް ވަޑައިގެން ދުޢާއެއް ކުރެއްވިއެވެ.

رَّبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ فَاجْعَلْ أَفْئِدَةً مِّنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُم مِّنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ ‎﴿٣٧﴾

އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ދަރިންކުރެ ބަޔަކު، ގަހެއް ރުކެއް ނެތް وادى އެއްގައި، حرمة ތެރި ކުރައްވާފައިވާ އިބަރަސްކަލާނގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ނަމާދު قائم ކޮށް އުޅުމަށްޓަކައެވެ. ފަހެ، މީސްތަކުންކުރެ ބަޔެއްގެ ހިތްތައް އެއުރެންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެއުރެންނަށް رزق ދެއްވާނދޭވެ! (އެއީ) އެއުރެން شكر ވެރި ވުމަށްޓަކައެވެ.

ހާޖަރުގެފާނު ތުއްޕުޅު އިސްމާޢީލް ގެފާނާއެކު އިންނަވަނިކޮށް ބޯން ގެންދިޔަ ފެންފޮދު ހުސްވެ ފެނަށްޖެހުނެވެ. އަދި އިސްމާޢީލް ގެފާނު ފެންފޮދެއް ބޭނުންފުޅުވެގެން ކީރިތިކުރައްވަން ފެއްޓެވިއެވެ. އެހިނދު ހާޖަރުގެފާނު ފެންފޮދެއް ހޯއްދެއްވުމަށް ޞަފާއާއި މަރުވާ ފަރުބަދަ ދެމެދު ދުވެވަޑައިގެންނެވިއެވެ. އެކަމަނާގެ ދަރިކަލުން ބަނޑުހައިކަމާއި ކަރުފުޅުހިއްކުމުގެ ވޭނުގައި ކީރިތިކުރައްވަމުން ގެންދެވިއިރު ހުދު އެކަމަނާވެސް ހުންނެވީ ގަދަ ހޫނުގެ ސަބަބުން މީހަކަށް ތަސައްވަރުވެސް ކޮށްނުލެވޭ ފަދަ ޙާލު ކޮޅެއް ޖެހިވަޑައިގެންފައެވެ.

ތުއްޕުޅު އިސްމާޢީލުގެފާނު އޮންނެވި ދިމާއިން އެކަމަނާއަށް އަޑެއް އިވިވަޑައިގަތީ 7 ވަނަ ފަހަރަށް މަރުވާ ފަރުބަދައަށް އަރާވަޑައިގަންނަވަނިކޮށެވެ. އެ ދިމާއަށް ބެލުމުން އެކަމަނާއަށް ފެނިވަޑައިގަތީ ޖިބްރީލްގެފާނު އިސްމާޢީލުގެފާނު އޮންނެވި ދިމާއަށް ފައިބައިވަޑައިގެންނެވި މަންޒަރެވެ. ޖިބްރީލްގެފާނު އެކަލޭގެފާނު ގެ ފުންނާބުފުޅުން ނުވަތަ ފިޔަފުޅުން ބިންމަތީގައި ޖެއްސެވިއެވެ. އެ ޖެއްސެވިތަނުން ފައިދާވެ ކޯދުލާފައި އަރަންފެށީ ބަރަކާތްތެރި ފެނެވެ. ޙާޖަރު އަވަހަށް ކައިރިއަށް ވަޑައިގެން ކައިރިކައިރީ ހިލަޖައްސަވާ ފެންގަނޑު ފެތުރިގެންނުދާގޮތަށް ހެއްދެވި އެވެ. އަދި ” ޒަމްޒަމް” ނަމުން އެފެންގަނޑަށް ނަންދެއްވިއެވެ.

މަތީގައި ބަޔާން ކުރެވުނު ހާދިސާގެ ދުވަސްތަކެއް ފަހުން، ޖުރުހުމް ގަބީލާގެ މީހުން ޔަމަނުން މައްކާ އަށް ދަތުރުކޮށް އެ ސަރަހައްދުގައި ވަޒަންވެރި ވިއެވެ. އިސްމާއީލްގެފާނު ކައިވެނިފުޅު ބައްލަވައިގަތީ ޖުރުހަމް ވަންހައިގެ ކަނބަލަކާއިއެވެ.

ޒަމްޒަމް ފެނުގައިވާ ސިއްރުތައް ޒަމާނީ ސައިންސްގެ އަލީގައި ދަނީ ހާމަ ވަމުންނެވެ.

ޒަމްޒަމްވަޅުގެ ފުންމިނަކީ ގާތްގަނޑަކަށް 30 މީޓަރެވެ. އެއީ 100 ފޫޓެވެ. ޒަމްޒަމް ވަޅު ހުންނަނީ ކަޢުބާ ގެ އިރުން، 20 މީޓަރު ދުރުގައެވެ.

24