ރަމަޟާން މަހުގެ ފަހު ދިހައިގެ ސަވާބާއި، ނަރަކައިން މުއްތި ކުރެއްވުންލިބޭ ބާއްޖަވެރިން ކަމުގައިވޭތޯ އަތުކުރި އޮޅައިލާށެވެ! އެކަމަށްޓަކައި ގަދައަޅައި މަސައްކަތް ކުރާށެވެ! ވިސްނުން ތޫނު ވިޔަފާރިވެރިއަކީ މި މޫސަމުގެ ބޭނުން އާޚިރަތަށްޓަކައި ހިފާމީހާއެވެ. އެންމެ މޮޅު ވިޔަފާރިއަކީ ﷲއަށް ކިޔަމަންގަތުމެވެ. އެއީ ގެއްލުމެއް ނެތް ވިޔަފާރިއެކެވެ. މާތްﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ވޭންދެނެވި ޢަޛާބަކުން ތިޔަބައިމީހުން މިންޖުކޮށްދޭނެ ވިޔަފާރިއެއް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދައްކަވަން ހެއްޔެވެ؟ އެއީ ތިޔަބައިމީހުން ﷲއަށާއި އެކަލާނގެ ރަސޫލާއަށް އީމާން ވުމެވެ. އަދި ތިޔަބައިމީހުންގެ މުދާތަކުންނާއި ތިޔަބައިމީހުންގެ ނަފްސުތަކުން ﷲގެ މަގުގައި ތިޔަބައިމީހުން ޖިހާދު ކުރުމެވެ.