ޚަބަރު
ތިނަދޫ އިޙްޔާ ފޯރަމް “ހިތް ހެޔޮކަމުގެ އިންތިހާ” ދިވެހިން ރޮއްވާލައިފި

“ހިތް ހެޔޮކަމުގެ އިންތިހާ”ގެ ނަމުގައި މިރޭ ބޭއްވި ފޯރަމުގައި ތަޤްރީރުކުރެއްވީ ޝެއިޚްނިމާލް އަދި ޝެއިޚްޢަލީޒައިދެވެ.حفظهم الله . މައިންބަފައިންނަށް ކަމޭހިތުމުގެ ވާހަކަ ދައްކަވަމުން ޝެއިޚް ނިމާލް ވަރަށް ގަދަޔަށް ކީރިތިކުރެއްވިއެވެ.

ޝައިޚް ނިމާލް ވަނީ އިންސާނާ އުފެއްދެވުމާއިމެދު ވަރަށް ތަފްސީލުކޮށް ބައްލަވާލައްވައި އިންސާނާއަށް ބަލާލުމުން، މާތްﷲ އިންސާނާއަށް ދެއްވާފައިވާ ރަޙްމަތް ފެނިގެންދާކަމަށް ވިދާޅުވެފައެވެ.

މައިންބަފައިންގެ މުހިންމުކަމަށް ބައްލަވަމުން އިސްލާމީ އުސޫލުތަކަށް ބަލާއިރުވެސް ދޭހަވަނީ މައިންބަފައިންގެ މުހިންމުކަންކަމަށް ވިދާޅުވިއެވެ.

އަދި އެމީހުން އުފުލާ ބުރައާއި ވޭނަށް ބައްލަވައި، އެމީހުންނަށް އިޙްސާންތެރިވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އަދި މައިންބަފައިންނަށް އަޅާލުމުގެ މުހިންމުކަމަށް ބައްލަވައި ރަސޫލާ ﷺ ގެ ޙަޔާތްޕުޅުގައި ދިމާވި ހާދިސާތައް މި ފޯރަމްގައި ޝައިޚް ވަނީ ކިޔައިދެއްވާފައެވެ.

މިރޭގެ ދަރުހުގެ ބައެއްއުސްއަލިތައް

މައިންބަފައިންނަށް ކިޔަމަންތެރިވުމަކީ ދަރީންގެ މައްޗަށް ވާޖިބެއް. މައިންބަފައިންނަށް އިހާނަތްތެރިކޮށް ހިތުމުން އުޚުރަވީ އަޒާބު ލިބުމުގެ ކުރިން މި ދުނިޔެމަތީގައިވެސް އެކަމުގެ ޢުޤޫބާތް ލިބިގެންދާނެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅު އައްސަވާ.

“كُلُّ ذُنُوبٍ يُؤَخِّرُ الله مِنْهَا مَا شَاءَ إِلَى يَوْمِ الْقِيَامَةِ إِلَّا الْبَغْيُ وَعُقُوقُ الْوَالِدَيْنِ أَوْ قَطِيعَةُ الرَّحِمِ يُعَجِّلُ لَصَّاحِبِهَا فِي الدُّنْيَا قَبْلَ الْمَوْتِ”

رواه البخاري في الأدب المفرد

ފާފަތަކުގެ ތެރެއިން އަނިޔާވެރިކަމާއި މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި ގާތްތިމާގެކަމުގެ ގުޅުން ކަނޑާލުން ފިޔަވާ އެންމެހާ ފާފަތަކުގެ ޖަޒާ ޤިޔާމަތާއި ހަމައަށް ﷲ ފަސްކުރައްވައެވެ. ނަމަވެސް މި ތިންކަމުގެ ޖަޒާ ދުނިޔެމަތީގައިވެސް އެކަލާނގެ އެ ފާފަތަކަށް އަރައިގަންނަމީހާއަށް ދެއްވައެވެ.


މާތް ﷲއަށް އަޅުކަންކުރުމާއި ވިދިގެން މާތް ﷲ އަޅުގަނޑުމެންނަށް އަންގަވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް. އަލް އިސްރާ ސޫރަތުގެ 23ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވައިފައިވަނީ

”އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ.”

އަދި އެމީހުންނަށް ކަމޭހިތަންޖެހޭ ގޮތް ހަމަ އެ އާޔަތުގައި ﷲ ތަޢާލާވަނީ އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައި. އެ އާޔަތުގައި ވަނީ

” އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ”


އަޅުތަކުންގެ މައްޗަށް އެންމެ އޯގާވަންތަ ފަރާތަކީ ﷲ ތައާލާއެވެ. އެކަލާނގެއަށް ފަހު އިންސާނާއަށް އެންމެ އޯގާވެރި ފަރާތަކީ މައިންބަފައިންނެވެ. އެއްވެސް އިންސާނަކަށް އެމީހުންގެ މައިންބަފައިންނަށް ވުރެ ވަކިން ބޮޑު ހެޔޮކަމެއް ކޮށްދޭނެ އެހެން ބަޔަކު ވުޖޫދުގައި ވާނެބާއެވެ ؟ ކުޑައިރުއްސުރެ ތިމާ ބަލައި ބޮޑުކުރީ އެދެމީހުންނެވެ. އެދެމީހުންގެ އުފަލާއި އަރާމަށްވުރެ އިސްކަމެއް ދީފައިވަނީ ދަރިން ދުޅަހެޔޮ ސިއްހަތެއްގައި ބަލައި ބޮޑު ކުރުމަށެވެ.


މި ރަމަޟާންމަހަށް ހާއްސަކޮށްގެން ތިނަދޫ ކައުންސިލުން ގެންދަނީ ތިނަދޫގައި ދީނީ ކަންކަމަށް ވަރަށް ޚާއްސަ އިސްކަމެއްދީގެން ގިނަ ކަންތައްތަކެއް ކުރައްވަމުންނެވެ. އެގޮތުން ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމްތަކާއި އެކައުންސިލުން ދީނީ ކަންކަމަށް ހާއްސަކޮށްގެން ކުރިއަށްގެންދާ “ކަސީދާ” ޕްރޮގްރާމްގެ ދަށުން ދީނީ ކަންކަމަށް މީހުންގެ މެދުގައި ލޯބި ޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.


މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ދުޢާ އިޖާބަ ކުރައްވާނެ ކަމެއް: ޒައިދު

33