ނަޞޭޙަތާއި އިރުޝާދު
މިރޭ މީ ލައިލަތުލްޤަދްރި ތަ؟

މިރޭ މީ ލައިލަތުލްޤަދްރި ހެއްޔެވެ؟ ނޫނީ މިރޭ މީ ލައިލަތުލްޤަދްރިއަށް ވެދާނެ ހެއްޔެވެ؟

ލައިލަތުލްޤަދްރިއަކީ ވަކި މިވެނި ރެއެއްކަން ކަނޑައެޅިގެން ބުނާކަށް ނޭނގޭނެއެވެ. އެހެނީ އެރެއަކީ ކޮން ރެއެއްކަން ވަނީ އަޅުގަނޑުމެންނަށް ވަންހަނާ ކުރައްވާފައެވެ. އަޅުގަނޑުމެންނަށް އޮތީ ފަހުދިހައިގެ ކޮންމެ ރެއަކުވެސް އެރޭ ލިބޭތޯ ގަދައަޅައި މަސައްކަތްކުރުމުވެ. ފަހު ދިހައެއްގެ ހުރިހާ ރެއެއްގައި ރޭއަޅުކަން ކޮށްފިމީހާއަށް އެރޭ ޙާޞިލްވާނެއެވެ. އިން ޝާ ﷲ.

އަދި އެރޭ ހޯދަން މަސައްކަތް ކުރާ މީހާ ހޮނަހިރި ރޭތަކުގައި ބޮޑަށް މަސައްކަތްކުރުން އެދެވިގެންވެއެވެ.

އަބޫ ސަޢީދު(ރަޟިޔަﷲ ޢަންހު)ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގަފާނު ވިދާޅުވިއެވެ. ރަމަޟާންމަހުގެ ވިހިވަނަދުވަހު ހެނދުނު ޚުޠުބާއެއް ދެއްވަމުން ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

“إِنِّي أُرِيتُ لَيْلَةَ الْقَدْرِ فَأُنْسِيتُهَا فَالْتَمِسُوهَا فِي الْعَشْرِ الأَوَاخِرِ فِي الْوَتْرِ”‏ (ޞަޙީހުލް ބުޚާރީއާއި މުސްލިމް މި ޙަދީޘް އައިސްފައިވެއެވެ.)

މާނައީ: “ހަމަކަށަވަރުން ތިމަން ކަލޭގެފާނަށް ލައިލަތުލް ޤަދްރި ދެއްކެވުނެވެ. (އެބަހީ: އެއީ ސީދާ ކޮން ރެއެއްކަން ހުވަފެނުގައި އެކަލޭގެފާނަށް އަންގަވައި ދެއްވިއެވެ.) ދެން ތިމަންކަލޭގެފާނަށް އެރޭ ހަނދުމަފުޅުނެތި ކުރެއްވުނެވެ. ފަހެ، ތިޔަބައިމީހުން ފަހުދިހައިގެ އޮނަހިރި ރޭތަކުގައި އެރޭހޯދުމަށް މަސައްކަތް ކުރާށެވެ.

މިޙަދީޘުން އެނގޭ ގޮތުގައި ލައިލަތުލް ޤަދްރި ވަނީ ރަމަޟާން މަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުން ރެއެއްގައެވެ. އޮނަހިރި ރޭތަކަކީ 21،23،25،27،29 ވިލޭރޭއެވެ. އަޅުގަނޑުމެންނަށް އޮތީ މިރޭތަކުގައި އެއްހާސް މައްސަރުގެ ޘަވާބާއި ދަރުމަ ހޯދުމަށް ހިތްވަރާއެކު ގަދައަޅައި މަސައްކަތްކުރުމެވެ.

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. “مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ” ރިވާކުރެއްވީ ބުޚާރީ (1901) އަދި މުސްލިމް (760)

މާނައީ: “އީމާންކަމާއެކު ޘަވާބާއި ދަރުމައަށް އެދޭ ޙާލު ލައިލަތުލްޤަދްރީގައި ދަމުނަމާދު ކޮށްފި މީހާގެ އިސްވެދިޔަ ހުރިހާ ފާފަތައް ފުއްސަވާނެއެވެ.”

މާތް ﷲ އަޅަމެން އެރޭގެ ޘަވާބާއި ދަރުމައިން މަޙްރޫމު ނުކުރައްވާށިއެވެ!

67