اَلْحَمْدُ لِلَّهِ.
މަސްޖިދު ސުންނަތަކީ މިސްކިތަށް ވަނުމަށް ފަހު އިށީނދުމުގެ ކުރިން ކުރާ ދެ ރަކުޢަތުގެ ނަމާދެކެވެ.
ގިނަ ޢިލްމުވެރިންގެ އަރިހުގައި މަސްޖިދު ސުންނަތަކީ ސުންނަތެކެވެ. އަދި ބައެއް ޢިލްމުވެރިން މިކަމަށް އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ.
ޤަތާދާ رَضَيَ اللهُ عَنْهُ ގެ ކިބައިން ރިވާވެގެން ވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘް ކުރެއްވިއެވެ.
إِذَا دَخَلَ أَحَدُكُمْ الْمَسْجِدَ فَلَا يَجْلِسْ حَتَّى يُصَلِّيَ رَكْعَتَيْنِ [1]
މާނައީ: ”ތިޔަބައިމީހުންކުރެ މީހަކު މިސްކިތަށް ވަދެއްޖެކަމުގައި ވާނަމަ ދެ ރަކުޢަތުގެ ނަމާދެއް ކޮށްފުމަށް ދާންދެން ނުއިށީންނާށެވެ.“
އައްނަވަވީ رَحِمَهُ الله ވިދާޅުވެފައި ވެއެވެ. ”މަސްޖިދު ސުންނަތަކީ ސުންނަތް ނަމާދެއް ކަމާއި މެދު ޢިލްމުވެރިން ވަނީ އިޖުމާޢު ވެލައްވާފައެވެ. އަދި ޢުޛުރަކާއި ނުލައި މަސްޖިދު ސުންނަތް ނުކޮށް އިށީނދުމަކީ މަކުރޫޙަ ކަމެކެވެ. އެއީ ޤަތާދާގެ ޙަދީޘް ގައި ޞަރީޙަކޮށް މިކަމަށް ނަހީ އައިސްފައި ވާތީއެވެ.“ [2]
އަލްޙާފިޡު އިބްނު ޙަޖަރު رَحِمَهُ الله ވިދާޅުވެފައި ވެއެވެ. ”މަސްޖިދު ސުންނަތް ކުރުމަށް އައިސްފައިވާ އަމުރުގެ މުރާދަކީ އެއީ ސުންނަތެއް ކަމުގައި ފަތުވާގެ އިމާމުން (ޢިލްމުވެރިން) އިއްތިފާޤު ވެލައްވައެވެ. އިބްނު ބައްޠާލް އަހުލުއް ޡާހިރުންގެ ކިބައިން އެއީ ވާޖިބެއް ކަމުގައި ގެންނަވާފައި ވެއެވެ. (އެހެންނަމަވެސް) މިކަމުގައި އެއީ ވާޖިބެއް ނޫން ކަމުގައި އިބްނު ޙަޒްމު ޞަރީޙަކޮށް ބަޔާން ކުރައްވާފައި ވެއެވެ.“ [3]
ލަޖްނާ ދާއިމާގެ ފަތުވާއެއްގައި އައިސްފައި ވެއެވެ. ”ކޮންމެ ވަޤުތެއްގައިވެސް މިސްކިތަށް ވަންނަ މީހާ މަސްޖިދު ސުންނަތް ކުރުން ސުންނަތް ވެގެންވެއެވެ. އެއީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ގެ މި ޙަދީޘް (إذا دخل أحدكم المسجد فلا يجلس حتى يصلي ركعتين. މާނައީ: ”ތިޔަބައިމީހުންކުރެ މީހަކު މިސްކިތަށް ވަދެއްޖެކަމުގައި ވާނަމަ ދެ ރަކުޢަތުގެ ނަމާދެއް ކޮށްފުމަށް ދާންދެން ނުއިށީންނާށެވެ.“) ޢާންމު ވެގެން ވާތީއެވެ. މި ޙަދީޘްގެ ޞިއްޙަތާއި މެދު (ބުޚާރީ އަދި މުސްލިމު) އިއްތިފާޤު ވެލައްވާފައި ވެއެވެ.“ [4]
އައްޝައިޚް އިބްނު ޢުޘައިމީން رَحِمَهُ الله ވިދާޅުވެފައި ވެއެވެ. ”މަސްޖިދު ސުންނަތަކީ ވާޖިބެއް ކަމުގައި ބުނާ ބަހަކީ ބާރު ގަދަ ބަހެކެވެ. އެހެންނަމަވެސް ރަނގަޅު ޤައުލާއި އެންމެ ކައިރި ގޮތަކީ އެއީ މަސްޖިދު ސުންނަތަކީ ގަދަވެގެންވާ ސުންނަތެއް ކަމެވެ. އަދި (މިކަމުގެ) ޢިލްމު ވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ.“ [5]
މިސްކިތަށް ވަދެ ސުންނަތް ނަމާދެއް ނުވަތަ ފަރުޟު ނަމާދެއް ކޮށްފި ނަމަ މަސްޖިދު ސުންނަތުގެ ގޮތުގައި إن شاء الله ފުދޭނެއެވެ. ސަބަބަކީ ނަބިއްޔާ صَلَّىٰ اللهُعَلَيْهِ وَسَلَّم ގެ ޙަދީޘްގައި ވަނީ މިސްކިތަށް ވަދެ އިށީނުމުގެ ކުރިން ދެ ރަކުޢަތުގެ ނަމާދެއް ކުރުމަށެވެ. މިސްކިތަށް ވަދެ ފަރުޟު ނަމާދެއް ނުވަތަ ރަވާތިބު ސުންނަތެއް ކޮށްފި މީހާއަށް އެ ނަމާދު މަސްޖިދު ސުންނަތުގެ ގޮތުގައި ފުދިގެން ދާނެ ކަމުގައި އިބްނު ރަޖަބު رَحِمَهُ الله ފަތުޙުލް ބާރީގައި ވިދާޅުވެފައި ވެއެވެ. އަދި އިބްނު ބާޒު رَحِمَهُ الله ވެސް މިފަދައިން ވިދާޅުވެފައި ވެއެވެ.
وَاللهُ أَعْلَم
——–
މަރުޖިޢު:
https://islamqa.info/ar/answers/181099/%D8%AD%D9%83%D9%85-%D8%AA%D8%AD%D9%8A%D8%A9-%D8%A7%D9%84%D9%85%D8%B3%D8%AC%D8%AF
[1] رواه البخاري 1167، ومسلم 714
[2] المجموع 3/544
[3] فتح الباري 500،1/538 އަދި ބައްލަވާ المحلى 2/7
[4] اللجنة الدائمة 7/137
[5] مجموع الفتاوى 14/354