ނަޞޭޙަތާއި އިރުޝާދު
މިއޮތީ ޢުމުރުގައި ބަރަކާތް ލެއްވުން އެދޭމީހާ ކުރަން މޮޅުކަމެއް

ރަޙިމުގެ ގުޅުން ދެމެހެއްޓަށް ކީރިތި ޤުރުއާނާއި ނަބިއްޔާ ﷺ ގެ ސުންނަތް މުސްލިމުންނަށް ވަރަށް ބޮޑަށް ބާރުއަޅައި ގޮވާލައެވެ.

ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ އީމާންކަމުގެ ތެރެއިން ހިމެނޭ ކަމެއް:

އަބޫ ހުރައިރާ رضي الله عنه ގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.

من كان يؤمن بالله واليوم الآخـر فليـكرم ضيفه، ومن كان يؤمن بالله واليوم الآخر فليصل رحمه، ومن كان يؤمن بالله واليوم الآخر فليقل خيراً أو ليصمت.   [1]

މާނައީ: “الله އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ މެހެމާނުންނަށް ހެޔޮކަށްހިތާށެވެ. އަދި الله އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ އޭނާގެ ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ. އަދި الله އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ ހެޔޮ ބަހެއް ނޫނީ ނުބުނާށެވެ. ނޫންނަމަ ހަނުހުންނާށެވެ.”

މިއީ މީސްތަކުންގެ މެދުގައި ލޯތްބާއި އެކުވެރިކަން އުފައްދައިދޭ 3 ކަމެވެ. މެހެމާނުންނަށް ހެޔޮކޮށް ހިތުމާއި, ރަޙިމުގެ ގުޅުން ދެމެހެއްޓުމާއި އަދި މީސްތަކުންނަށް ރަނގަޅު ހެޔޮ ބަސް ބުނުމެވެ. ރަސޫލާ ﷺ މިވަނީ މި ތިން ކަންތައް އީމާން ކަމާއި ގުޅުވާލައްވާފައެވެ. الله އަށާއި އާޚިރަށް ދުވަހަށް އީމާންވާ މީހާ އޭނާގެ ރަޙިމުގެ ގުޅުން ނުކަނޑާނެއެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ އަޅާގެ އީމާންކަމުގެ ޢަލާމާތެކެވެ.

ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ރިޒްޤާއި އަދި ޢުމުރުގައި ބަރަކާތް ލެއްވޭ ކަމެއް:

އެމީހެއްގެ ޢުމުރުގައި ބަރަކާތް ލެއްވި އަދި ރިޒްޤު ތަނަވަސް ވުމަކީ ކޮންމެ އިންސާނަކުވެސް ބޭނުންވާނެ ކަމެކެވެ. މިފަދަ ކޮންމެ މީހެއްގެ މައްޗަށް ވަނީ ރަޙިމުގެ ގުޅުން ދެމެހެއްޓުމެވެ. އަނަސް رضي الله عنه ގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.

من أحب أن يبسط له في رزقه، وينسأ له في أثره، فليصل رحمه. [2]

މާނައީ: “ރިޒްޤު ތަނަވަސްވުމަށް އެދޭ މީހާ އަދި އަޖަލު ފަސްވުމަށް އެދޭ މީހާ ދަންނައެވެ. ފަހެ އެމީހެއްގެ ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ.”

އަދިވެސް އެކަލޭގެފާނު ﷺ ޙަދީޘްކުރެއްވިއެވެ.

من سره أن يمد له في عمره، ويوسع له في رزقه، ويدفع عنه ميتة السوء، فليتق الله وليصل رحمه. [3]

މާނައީ: “އެމީހެއްގެ ޢުމުރު ދިގުވުމަށާއި ރިޒްޤު ތަނަވަސް ވުމަށާއި އަދި ނުބައި މަރަކުން މަރުވުމުން ރައްކާތެރިވުމަށް އެދޭ މީހާ ދަންނައެވެ. ފަހެ އެމީހަކު الله އަށް ތަޤުވާވެރިވެ އެމީހެއްގެ ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ.”

ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ސުވަރުގެ ވަދެވުމުގެ ސަބަބެއް:

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

يأيها الناس أفشوا السلام أطعموا الطعام وصلوا الأرحام وصلوا بالليل والناس نيام ، تدخلوا الجنة بسلام [4]

“އެންމެހާ މީސްތަކުންނޭވެ! ތިޔަބައިމީހުން ސަލާމް ފަތުރާށެވެ. އަދި (ނިކަމެތިންނަށް) ކާންދޭށެވެ. އަދި ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ. އަދި ރޭގަނޑު މީސްތަކުން ނިދާފައި ތިބޭ ވަޤުތު ނަމާދު ކުރާށެވެ. (އޭރުން) ސަލާމަތްތެރި ކަމާއެކު ސުވަރުގެ ވަދެވޭނެއެވެ.”

ރަޙިމުގެ ގުޅުން ދެމެހެއްޓުމުގެ މާތްކަން އަންގައިދޭ މި ނޫނަސް ވަރަށް ގިނަ އާޔަތްތަކާއި ޙަދީޘް ބަސްފުޅުތައް ވެއެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ އިސްލާމް ދީން ވަރަށް ބޮޑަށް ބާރު އަޅާ ކަމެކެވެ. ވުމާއެކު ރަޙިމުގެ ގުޅުން ދެމެހެއްޓުމަށް ތިޔަ ލޮބުވެތި އެންމެހާ އަޚުންނާއި އުޚްތުންނަށް ވަޞިއްޔަތް ކުރަމެވެ.

ދުޢާ އަކީ އަޅުގަނޑުމެން އެންމެންނަކީވެސް ރަޙިމުގެ ގުޅުން ދަމަހައްޓާ ބަޔަކު ކަމުގައި ލެއްވުމެވެ.


[1] أخرجه: البخاري ٨/ ٣٩ (٦١٣٨)، ومسلم ١/ ٤٩ (٤٧) (٧٤)

[2] أخرجه أحمد، والبُخاري، ومسلم، وأبو داود، والنَّسَائي، وأَبو يعلى. واللفظ لمسلم ٨/ ٨ (٦٦١٦)

[3] رَوَاهُ عبد اللّه ابْن الإمَام أَحْمد فِي زوائده وَالْبَزَّار بِإِسْنَاد جيد وَالْحَاكم

[4] أخرجه: أحمد ٥/ ٤٥١، والدارمي (١٤٦٠)، وابن ماجه (١٣٣٤)، والترمذي (٢٤٨٥)، والطبراني في «الكبير» ١٣/ (٣٨٥)، والحاكم ٣/ ١٣، والبيهقي ٢/ ٥٠٢.

12
  1. Rangalhu

  2. Ragalhu