ދީން
ޤުރުއާން ބަހާލެވިފައިވާ ގޮތްތަށް އެނގޭތަ؟

ކީރިތި ޤުރުއާން އެކިއެކި ބޭނުންތަކަށް ބައިބަޔަށް ބަހާލައި ވަކިކުރެވިފައިވާތަން މުޞްޙަފް ބަލާލުމުން ފެނިގެންދާނެއެވެ. މިކަން މިގޮތަށް ކޮށްފައިވަނީ ޤުރުއާން ކިޔުމަށާއި، ތިލާވަތުކުރުމަށާއި، ހިތުދަސްކުރުމަށާއި އަދި ކިޔަވައިދިނުމަށް ފަސޭހަކޮށްދިނުމަށެވެ. އެހެންކަމުން މި ބަހާލެވިފައިވާ ގޮތްތަށް ބަލާލަމާ ހިނގަވާށެވެ.

  1. ސޫރަތް: ކީރިތި ޤުރުއާނުގައި 114 ސޫރަތް ހިމެނެއެވެ. ކޮންމެ ސޫރަތަކަށް ޙާއްޞަ ނަމެއް ދެވިފައިވެއެވެ. އެކި ސޫރަތްތަކުގައި ބަޔާންކުރައްވާފައިވަނީ ތަފާތު އެކި ހުކުމްތަކާއި ވާހަކަތަކެވެ. އަދި އެކި ސޫރަތްތަކުގެ ކުރުދިގުމިންވެސް ތަފާތެވެ. އެގޮތުން ކީރިތި ޤުރުއާނުގެ އެންމެ ކުރު ސޫރަތަކީ އަލްކައުޘަރު ސޫރަތެވެ. އެ ސޫރަތުގައި ހިމެނެނީ އެންމެ ތިން އާޔަތެވެ. އަދި އެންމެ ދިގު ސޫރަތަކީ އަލްބަޤަރާއެވެ. އެ ސޫރަތުގައި 286 އާޔަތްވެއެވެ.
  2. އާޔަތް: ކޮންމެ ސޫރަތެއްވެސްވަނީ އާޔަތްތަކަށް ބަހާލެވި ވަކިކުރެވިފައެވެ. 6000 އަށްވުރެ ގިނަ އާޔަތް ކީރިތި ޤުރުއާނުގައި ހިމެނެއެވެ. އަދި ކޮންމެ އާޔަތަކަށް ކިޔުމުގައްޔާއި އެހެނިހެން ބޭނުންތަކުގައި ފަސޭހަކޮށްދިނުމަށް ވަނީ ނަންބަރު ދެވިފައެވެ.
  3. ޖުޒް: ކީރިތި ޤުރުއާންވަނީ 30 ޖުޒްއަށް ބަހާލެވިފައެވެ. ދިވެހިން ޖުޒްއަށް ކިޔައި އުޅެނީ ”ފޮތް“ މިހެންނެވެ. މީގެން ކޮންމެ ފޮތެއްވެސް ގާތްގަނޑައަށް އެއް އަދަދެއްގެ ޞަފްޙާއިންވަނީ ވަކިކުރެވިފައެވެ. އާންމުކޮށް މި ބަހާލެވިފައިވާ ބަހާލެވުން އެންމެ ގިނައިން ބޭނުން ކުރެވިގެންދަނީ ރަމަޟާންމަހުގައެވެ. މަހުގެ ކޮންމެ ދުވަހަކަށް ފޮތެއް ކިޔުމަށް ގިނަ މީހުން މަސައްކަތްކުރެއެވެ. އާންމުކޮށް އެކަން އެގޮތަށް ކޮށް އުޅެނީ ރަމަޟާންމަހުގައި ހަތިމްކުރުމުގެ ނިޔަތުގައެވެ.
  4. ޙިޒްބް: ކޮންމެ ޖުޒްއެއްވަނީ އިތުރު ދެބަޔަކަށް ބަހާލެވިފައެވެ. މި ބަހާލުމަށް މި ކިޔަނީ ޙިޒްބެވެ. އެހެންކަމުން، 60 ޙިޒްބް ކީރިތި ޤުރުއާނުގައި އެކުލެވިގެންވެއެވެ. ޤުރުއާން ތިލާވަތުކުރުމާއި ހިފްޒުކުރުމުގައި (ހިތުދަސްކުރުމުގައި) ޙިޒްބުގެ ބޭނުން ހިފައެވެ.
  5. ރުބްޢު: ކޮންމެ ޙިޒްބެއް ހަތަރު ބަޔަށް ބަހާލުމުން މި ކިޔަނީ ރުބްޢުއެވެ. އެހެންކަމުން، މުޅިޔަކު 240 ރުބްޢު ކީރިތި ޤުރުއާނުގައި ހިމެނިގެންވެއެވެ. މިއީވެސް ތިލާވަތުކުރުމާއި މުބާރާތްތަކުގައި އިމްތިޙާންކުރުންފަދަ އެކި ކަންކަމުގައި ބޭނުން ކުރެވިގެންދާ ބަހާލުމެކެވެ.
  6. މަންޒިލް: ކީރިތި ޤުރްއާން ހަތް މަންޒިލަށް ބަހާލެވިފައިވެއެވެ. މިއިން ކޮންމެ ބައެއްގައި ވަކި ސޫރަތްތަކެއް ހިމެނެއެވެ. މިއީ ޤުރުއާން ހަތް ދުވަހުން (ހަފްތާއަކުން) ކިޔުމަށް ރާވާލެވިފައިވާ ގޮތެކެވެ. ދުވާލަކު މަންޒިލެއް ކިޔައިފިނަމަ ހަތްދުވަހުން ހަތިމެއް ކުރެވޭނެއެވެ. ޞަލަފުއްޞާލިހުން މިގޮތަށް ހަތިމްކުރައްވާ ކަމުގައިވެއެވެ. ބަހާލެވިފައިވާ ހަތް ބަޔަކީ : 1. ސޫރަތުލް ފާތިޙާއިން އައްނިސާގެ ނިޔަލަށް، 2. އަލްމާއިދާއިން އައްތައުބާގެ ނިޔަލަށް، 3. ޔޫނުސް ސޫރަތުން ފެށިގެން އައްނަޙްލުގެ ނިޔަލަށް، 4. އަލްއިސްރާއިން އަލްފުރުޤާންގެ ނިޔަލަށް،5. އައްޝޫރާއިން ޔާސީންގެ ނިޔަލަށް، 6. އައްޞާއްފާތުން އަލްޙުޖުރާތުގެ ނިޔަލަށް، 7. ސޫރަތުލް ޤާފުން އައްނާސްގެ ނިޔަލަށް މިއެވެ.

ކީރިތ ޤުރުއާނާބެހޭ އެންމެހާ މަޢުލޫމާތު ދަސްކުރުމަކީ އެ ފޮތަށް އޮންނަ ލޯތްބާއި އެ ބޭނުންކުރަން ފަސޭހަވެގެންދާނޭ ކަމަކެވެ. މިއީވެސް އޭގެތެރެއިން މަޢުލޫމާތުކޮޅެކެވެ. ދުޢާއަކީ ކީރިތި ޤުރުއާނުގައި ބަޔާންވެގެން އައިސްފައިވާ ގޮތަށް ޢަމަލުކުރުމުގެ ތައުފީޤު މާތް ﷲ އަޅަމެން އެންމެނަށް މިންވަރުކުރެއްވުމެވެ.

17