ނަޞޭޙަތާއި އިރުޝާދު
ފުރުޞަތު ނަގާނުލާ!

الحمد لله رب العالمين، والصلاة والسلام على اشرف الانبياء والمرسلين سيدنا محمد وعلى اله وصحبه اجمعين.

އެ މަހެއްގައި ޤުރުއާން ބާވައިލެއްވުނު މަސް، ވެގެންދިޔައީ މަސްތަކުގެ ތެރެއިން އެންމެ މާތް މަހަށެވެ. އެ ރެއެއްގައި ޤުރުއާން ބާވައިލެއްވި ރޭ ވެގެންދިޔައީ ރޭތަކުގެ ތެރެއިން އެންމެ މާތް ރެއަށެވެ. 

ﷲ سبحانه وتعالى ވަޙީ ކުރައްވަނީ: ”لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ“(ސޫރ މާނައީ: لَيْلَة القَدْرِ ވިލޭރެއަކީ އެއްހާސް މައްސަރަށްވުރެ ހެޔޮވެގެންވާ ރެއެކެވެ. (އެބަހީ އެރޭކުރާއަޅުކަން އެނޫން އެއްހާސް މައްސަރުގެ އަޅުކަމަށް ވުރެ ހެޔޮވެގެންވާ ވާހަކައެވެ.)

ރަމަޟާން މަހުގެ ފުރަތަމަ ދިހައެއް ނިމި މެދު ދިހައެއްވެސް ނިމިގެންދަނީއެވެ. ކުރިޔަށް އޮތީ ފަހު ދިހައެކެވެ. މި ނިމިގެން ދިޔަ ދުވަސްތަކުގައި ފަރުވާ ކުޑަ ކޮށްލެވުނު ކަމުގައިވިޔަސް، އަލުން އާ އަޒުމެއްގައި ހިތްވަރާއެކު މަސައްކަތް ކުރަމާ ހިނގާށެވެ. ކީރިތި ޤުރުއާން ކިޔެވުން ގިނަކޮށް، ﷲ ގެ ވަޖުހުފުޅު އަދައިގެން ރޭގަނޑުގެ އަރާމު ނިދި ދޫކޮށް ޤިޔާމުގައި ހުރެ، މިސްކިތްތަކުގައި އިޢުތިކާފަށް އިނުން ގިނަ ކުރަންވީއެވެ. އަދި ހަމަ އެހެންމެ ނަބިއްޔާ އިރުޝާދު ދެއްވި ފަދައިން ގިނައިން އެކަލޭގެފާނު ކުރެއްވި ދުޢާ ކުރަންވީއެވެ. ”اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّيْ“ 

ރަސޫލުﷲ ﷺ ޙަދީޘްފުޅު ކުރައްވާފައިވެއެވެ. 

”مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ“(رواه البخاري) މާނައީ: ލައިލަތުލް ޤަދްރި ވިލޭރޭ އީމާންކަމާއިއެކު ޘަވާބަށް އުއްމީދުކޮށް ރޭ އަޅުކަން ކޮށްފި މީހާ، އެމީހާގެ އިސްވެދިޔަ ފާފަތައް ފުއްސެވޭ ހުއްޓެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މިއީ ރަނުގެ ފުރުޞަތެކެވެ. ﷲ تبارك وتعالى އިރާދަފުޅުން ތިޔަ އަޚުންނާއި އުޚުތުންނަށް މި ރަމަޟާން މަހު ދުނިޔޭގައި ހުރުމުގެ ތަވްފީގު ވަނީ ލިބިފައެވެ. އަޅުގަނޑުމެންނަށް ދެން އަންނަ ރަމަޟާން މަހާ ބައްދަލުވާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތެވެ. އަޅުގަނޑުމެންގެ ލޯ ކުރިމަތީގައި އެތައް ބަޔަކު މި ފަނާވަނިވި ދުނިޔެ ދޫކޮށް މި މަހުވެސް ހިނގައްޖެއެވެ. އެހެންކަމުން މި ފުރުޞަތު ނަގާނުލާ އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާ ބަޔަކު ކަމުގައި ވަމާތޯއެވެ. 

وصلى الله وسلم على نبينا محمد، والحمد لله رب العالمين.

29