ދީން
އަންހެނުން ބަންގި ގޮވައި ޤަމަތްދޭން ޖެހޭނެހެއްޔެވެ؟

ސުވާލު: އަންހެނުން އެކަނބަލުންގެ ޖަމާޢަތުގައި ނުވަތަ އެކަނި ނަމާދު ކުރާއިރު ބަންގި ގޮވައި ޤަމަތްދިނުމީ އެކަނބަލުންގެ މައްޗަށް ވާ ވާޖިބެއްތޯ ނުވަތަ ނޫންތޯ އޮޅުންފިލުވައި ދެވިދާނެ ހެއްޔެވެ؟

ޖަވާބު:
ހުރިހާ ޙަމްދެއް ހުރީ ﷲ އަށެވެ.

ސަޢޫދީ ޢަރަބިއްޔާގެ ދާއިމީ ފަތުވާ ކޮމެޓީ اللجنة الدائمة للإفتاء އާ ސުވާލުކުރެވުނެވެ. އަންހެނަކު އިމާމުކަން ކުރާނަމަ އެކަނބަލުން ޤަމަތްދޭން ޖެހޭނެ ހެއްޔެވެ؟
ޖަވާބުދީފައިވަނީ މިފަދައިންނެވެ.
“އެކަނބަލުންގެ ޙައްޤުގައި ޤަމަތްދިނުން ޝަރުޢުވެގެން ނުވެއެވެ. އެއީ އެކަނި ނަމާދުކުރި ކަމުގައިވިޔަސް ނުވަތަ ޖަމާޢަތުގައި ނަމާދުކުރި ކަމުގައިވިޔަސް މެއެވެ. އަދި ހަމަ އެހެންމެ އެކަނބަލުންގެ ޙައްޤުގައި ބަންގިވެސް ޝަރުޢުވެގެން ނުވެއެވެ.”
فتاوى اللجنة الدائمة 6 / 84

ޝައިޚް އިބްނު ބާޒް ރަޙިމަހުﷲ އާ ސުވާލުކުރެވުނެވެ.
“އަންހެނަކު ނަމާދުކުރާ އިރު ބަންގި ދިނުމާއި ޤަމަތްދިނުމަކީ ހުއްދަކަމެއް ހެއްޔެވެ؟”
ޝައިޚު ޖަވާބު ދެއްވިއެވެ.
“އަންހެނުން ނަމާދުކުރާއިރު ބަންގި ގޮވުމާ ޤަމަތްދިނުމަކީ ޝަރުޢުވެގެންވާ ކަމެއް ނޫނެވެ. އެއީ ފިރިހެނުންގެ މައްޗަށް ވާ ކަމެކެވެ. އަންހެނުން ދަންނައެވެ. އެކަނބަލުންނަށް ބަންގިއާއި ޤަމަތް ޝަރުޢުވެގެން ނުވެއެވެ. އަދި ކިއެއް ހެއްޔެވެ އެކަނބަލުން ނަމާދުކުރާނީ ބަންގި ނުގޮވާ އަދި ޤަމަތްވެސް ނުދީއެވެ.”

والله أعلم

مجموع فتاوى ومقالات متنوعة 10 / 356

މި ފަތުވާގެ އަޞްލު އިސްލާމްކިއުއޭ ވެބްސައިޓު

 

158