ކާމިޔާބު ފިރިޔެއްގެ ބައެއް ސިފަތައް
- އަނބިމީހާއާއިއެކު އުފާވެރިކަމާއެކު އުޅުމާއި ލޯތްބާއި ކުލުނު އަނބިމީހާއަށް ދިނުން
- އަނބިމީހާގެ ހިތުގައި ޖެހޭ އެއްވެސް ގޮތަކަށް މުޢާމަލާތްނުކުރުން
- އަނބިމީހާއާއި ޖަދަލުކޮށް ޒުވާބުކޮށް ނުހެދުން
- އަނބިމީހާގެ ފަރާތުން އުނިކަމެއް ފެނިއްޖެނަމަ އެކަމުގެ ވާހަކަ އަބަދު ނުދެއްކުން
- ދިމާވާ މައްސަލަތަކުގައި މަޢާފުކުރުން
- ފިރިމީހާގެ ޙަޔާތުގައި އަނބިމީހާއަކީ ވަރަށް މުހިއްމު މީހެއްކަން އަންގައިދިނުން
- ޢާއިލީ ސިއްރުތައް ބޭރުނުކުރުން
- އަނބިމީހާގެ ރީތި އާދަތައް ފާހަގަކުރުން
- ނުރަނގަޅުކަންކަން ފެންނަ ހިނދުގައިވެސް އެކަންކަން ރީތިގޮތުގައި އޯގާވެރިކަމާއެކު ޙައްލުކުރުންއިސްލާމްދީނުގައި ކައިވެނި ޝަރުޢުކުރެއްވިގެންވުމުގެ ޙިކުމަތްތައްކައިވެނި ޝަރުޢުކުރެއްވިގެންވުމުގެ ޙިކުމަތްތަކުގެ ތެރޭގައި މާތް ﷲ ގެ ރުއްސެވުން ހޯދުމާއި، ނަފުސުތަކަށް ހިތްހަމަޖެހުން ހޯދުމާއި އަދި ދަރިފަސްކޮޅު އިތުރުކޮށް އުއްމަތަށް ޚިދުމަތްކުރާނެ ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތުކުރުން ހިމެނެއެވެ.
- ﷲ ގެ ރުއްސެވުން ހޯދުން
ކައިވެނި ކުރުމުން މާތް ﷲ ގެރުއްސެވުން ލިބެނީ މި އަންނަނިވި ސަބަބުތަކަށްޓަކައެވެ.
- ﷲގެ އަމުރުފުޅަށް ބޯލެނބޭތީއެވެ.
- ﷲ ގެ ޙައްދުތަކަށް ރައްކާތެރިވެވޭތީއެވެ.
- ދީނުގެ ދެބައިކުޅަ އެއްބައި ފުރިހަމަ ކުރެވޭތީއެވެ.
- ގިނަގުނަވެގެންވާ ޘަވާބު ލިބުމުގެ ދޮރުތަކެއް އެކަމުގެ ސަބަބުން ހުޅުވޭތީއެވެ.
- ޖިންސީ އެދުންވެރިކަން ހުއްދަގޮތުގައި ފުއްދެނީ ކައިވެނީގެ ޒަރީޢާއިންކަމުގައިވާތީއެވެ.
- ބެލުން ތިރިކުރުމަށް އެހީތެރިވެދޭތީއެވެ.
- ހިތްހަމަޖެހުން ހޯދުން
ކައިވެނިކުރުމުން އަނބިމީހާއަށް މާލީގޮތުންނާއި ޢާތިފީގޮތުން އެހީވެދީ، ރައްކާތެރިކަން ދޭނެ ފަރާތެއް ހުރުމުގެ ހިތްހަމަޖެހުން ލިބެއެވެ. އަދި ފިރިމީހާގެ ހާސްކަމާއި އުދާސްތައް ފިލުވައިދީ އެކިގޮތްގޮތުން ފިރިމީހާގެ ހިތަށް ތަސައްލީއާއި އުފާވެރިކަން ގެނެސްދޭނެ ބައިވެރިޔަކު ހުރުމުގެ ހިތްހަމަޖެހުން ފިރިންނަށް ލިބެއެވެ.
މީގެއިތުރުން ކައިވެނިކުރުމުން ހުއްދަ ގޮތުގައި ތިމާގެ ޝަހްވާނީ އެދުންތައް ފުއްދި، ޖިންސީ އުފަލާއި އަރާމު ޙާޞިލުކުރެވެއެވެ.
وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ ﴿٢١﴾
ސޫރަތުއް ރޫމް
ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ نفس ތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.
އެދެބޭކަލަކަށް ﷲ ރުއްސުންލެއްވި ޢުމަރުގެފާނުގެ ދަރިކަލުންގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. (الدُّنْيَا مَتَاعٌ وَخَيْرُ مَتَاعِ الدُّنْيَا الْمَرْأَةُ الصَّالِحَةُ)
رواه مسلم (1467)
މާނަޢީ:”ދުނިޔެއަކީ ހިތްހަމަޖެހުން ލިއްބައިދޭ ތަނެކެވެ. އަދި ދުނިޔެއިން ލިބޭ އެންމެ ރަނގަޅު ހިތްހަމަޖެހުމަކީ ޞާލިޙް އަންބެކެވެ.” ޙަދީޘް ރިވާކުރެއްވީ މުސްލިމް (1467)
- ދަރިފަސްކޮޅު އިތުރުކުރުން އަދި ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތުކުރުން
ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް އަބޫ އުޛައިނަތުއްޞަދަފީ رضي الله عنه ރިވާކުރެއްވިއެވެ.
((خَيْرُ نِسائِكُمُ الْوَلُودُ الْوَدُودُ، الْمُواسِيةُ الْمُواتِيَةُ، إذا اتَّقَيْنَ الله. وشَرُّ نِسائِكُمْ الْمُتَبرِّجاتُ الْمُتَخَيِّلاَتُ، وَهُنَّ الْمُنافِقاتُ. لا يَدْخُلُ الْجَنَّةَ مِنْهُنَّ إلا مِثْلُ الْغُرابِ الأَعْصَمِ.))
[أخرجه البيهقي في السنن وغيره وصححه الألباني في الصحيحة]
“އަންހެނުންގެ ތެރެއިން އެންމެ ހެޔޮލަފާ މީހަކީ، ﷲ އަށް ތަޤުވާވެރިވުމާއެކު، ގިނަ ދަރިން ވިހާ، އެކަނބަލުންގެ (ފިރިންދެކެ) ނުހަނު ލޯބިވާ، އެމީހުންނަށް އެހީތެރިވެ އެއްބާރުލުންދޭ މީހުންނެވެ. އަދި އަންހެނުންގެ ތެރެއިން އެންމެ ނުބައި މީހަކީ، އެބައިމީހުންގެ ވަނާތައް ފާޅުކޮށް، އަދި ބޮޑާކަމާއެކު ހިނގާ މީހުންނެވެ. އެއީ މުނާފިޤުންނެވެ. އެބައިމީހުންގެ ތެރެއިން އެއްވެސް މީހަކު ސުވަރުގެއަށް ނުވަންނާނެއެވެ. ކާޅުތަކުގެ ތެރޭގައި ރަތްކުލައިގެ ފަޔާއި ތުންގަނޑުލީ މަދުކާޅުތައް އުޅޭފަދައިން އެފަދަ މަދު ބަޔަކު މެނުވީއެވެ.”
މި އުއްމަތުގެ މީސްތަކުންގެ ޢަދަދު ގިނަ ކަމަށްޓަކައި ނަބިއްޔާ ޤިޔާމަތްދުވަހުން ފަޚުރުވެރިވެޑައިގަންނަވާނެއެވެ. މީގެއިތުރުން ގިނަ ދަރިން ވިހާ އަންހެނުންނާއި ކައިވެނިކުރުމަށް ރަސޫލާ صلى الله عليه وسلم އިރުޝާދުދެއްވައިފައިވެއެވެ. އަދި ދަރިންގެ ތަރުބިއްޔަތަށް އިހްމާލްނުވުމަށްވެސް އިރުޝާދުދެއްވައިފައިވެއެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((مَا مِنْ مَوْلُودٍ إِلَّا يُولَدُ عَلَى الفِطْرَةِ، فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ، أَوْ يُمَجِّسَانِهِ)) رواه البخاري
މާނައީ:”އެއްވެސް ކުއްޖަކު ފިޠުރަތުގެ މަތީގައި މެނުވީ އުފަންނުވެއެވެ. ފަހެ، އޭނާ ޔަހޫދީއަކަށް ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީވެސް އޭނާގެ މައިންބަފައިންނެވެ.”
އުފާވެރި ޒަވާޖީ ޙަޔާތެއް ލިބުމުގެ ސަބަބުތައް
- ރަނގަޅު ބައިވެރިޔަކު އިޚްތިޔާރުކުރުން
- ދެމަފިރިންވެސް އެކަކު އަނެކަކަށް ލިބގެންވާ ހައްޤުތަކަށް ރައްކާތެރިވުމާއި އަދި ކޮންމެ ބައިވެރިޔަކުވެސް އޭނަގެ ވާޖިބުތައް އަދާކުރުން
- ރިވެތިގޮތުގައި ދެބައިވެރިން އެކުގައި ޙަޔާތުގެ ދުވަސްތައް ހޭދަކުރުން
މަރާޖިޢުތައް:
رحلة النجاح بين الزوجين ؛ فهد بن يحيى العماري
Nihad Sayyid Idris Ali, Keys to a succesful Marital Life, Dawah Corner Publications