ނަޞޭޙަތާއި އިރުޝާދު
ރޭގަނޑު މީހުން ނިދާފައިތިބޭ ވަޤުތު ޤުރުއާން ކިޔެވުމަކީ ކިހާ މާތް ކަމެއްކަން އެނގޭތަ؟

اَلْحَمْدُ لِلَّهِ.

ރޭގަނޑު ޤުރުއާން ކިޔަވާ މީހާއަށް ޤުރުއާން ޝަފާޢަތްތެރިވާނެކަމަށް ޞައްޙަ ޙަދީޘުން ޘާބިތުވެގެންވެއެވެ. ޢަބްދުﷲ ބުން ޢަމްރު رَضِيَ اللَّهُ عَنْهُގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

الصِّيَامُ وَالْقُرْآنُ يَشْفَعَانِ لِلْعَبْدِ يَوْمَ الْقِيَامَةِ، يَقُولُ الصِّيَامُ: أَيْ رَبِّ، مَنَعْتُهُ الطَّعَامَ وَالشَّهَوَاتِ بِالنَّهَارِ، فَشَفِّعْنِي فِيهِ، وَيَقُولُ الْقُرْآنُ: مَنَعْتُهُ النَّوْمَ بِاللَّيْلِ، فَشَفِّعْنِي فِيهِ. [1]

މާނައީ:”ޤިޔާމަތް ދުވަހުން ރޯދައާއި ޤުރުއާން އަޅާއަށް ޝަފާޢަތްތެރިވާނެއެވެ. ރޯދަ ބުނާނެއެވެ. އޭ ރައްބެވެ! ދުވާލުގެ ވަޤުތު ކެއުމާއި ޝަހުވަތުން ތިމަންނަ އޭނާއަށް މަނާކުރީމެވެ. އޭނާއަށްޓަކައި ތިމަންގެ ޝަފާޢަތް ލައްވާނދޭވެ. އަދި ޤުރުއާން ބުނާނެއެވެ. އޭ ރައްބެވެ! ތިމަންނަ އޭނާއަށް ރޭގަނޑުގެ ނިދި މަނާކުރީމެވެ. އޭނާއަށްޓަކައި ތިމަންގެ ޝަފާޢަތް ލައްވާނދޭވެ.“

ރޭގަނޑު ޤުރުއާން ކިޔެވުމުގެ ނިޢުމަތަކީ ކޮންމެ މުސްލިކަމުވެސް އެ ނިޢުމަތަކަށް އެދެންވާނެ ނިޢުމަތެއްކަމުގައި ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ވަނީ ބަޔާންކޮށްދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

لاَ حَسَدَ إِلَّا فِي اثْنَتَيْنِ: رَجُلٌ عَلَّمَهُ اللَّهُ القُرْآنَ، فَهُوَ يَتْلُوهُ آنَاءَ اللَّيْلِ، وَآنَاءَ النَّهَارِ، فَسَمِعَهُ جَارٌ لَهُ، فَقَالَ: لَيْتَنِي أُوتِيتُ مِثْلَ مَا أُوتِيَ فُلاَنٌ، فَعَمِلْتُ مِثْلَ مَا يَعْمَلُ، وَرَجُلٌ آتَاهُ اللَّهُ مَالًا فَهُوَ يُهْلِكُهُ فِي الحَقِّ، فَقَالَ رَجُلٌ: لَيْتَنِي أُوتِيتُ مِثْلَ مَا أُوتِيَ فُلاَنٌ،فَعَمِلْتُ مِثْلَ مَا يَعْمَلُ. [2]

މާނައީ:”ދެކަމެއްގައި މެނުވީ ޙަސަދަވެރިވުމެއް ނުވެއެވެ. ﷲ މީހަކަށް ޤުރުއާން އުނގަންނަވައި ދެއްވައި، އެމީހަކު ރެޔާއި ދުވާލު އެ ޤުރުއާން ކިޔަވައެވެ. ދެން އެ އަޑު އަވަށްޓެރިއަކަށް އިވުމުން ބުނެއެވެ. އޭނާއާ އެއްގޮތަށް ޢަމަލުކުރުމަށް، އޭނާއަށް ދެއްވިފަދަ (ނިޢުމަތެއް) ތިމަންނައަށްވެސް ލިބޭނެނަމަ ކޮންފަދަ ހެއްޔެވެ. އަދި ﷲ މީހަކަށް މުދާ ދެއްވައި، އެމީހަކު ޙައްޤުގޮތުގައި އެ މުދާ ހޭދަކުރެއެވެ. ދެން މީހަކު ބުނެއެވެ. އޭނާއާ އެއްގޮތަށް ޢަމަލުކުރުމަށް، އޭނާއަށް ދެއްވިފަދަ (ނިޢުމަތެއް) ތިމަންނައަށްވެސް ލިބޭނެނަމަ ކޮންފަދަ ހެއްޔެވެ.“

(ނޯޓު: މި ޙަދީޘްގައި އައިސްފައިވާ ޙަސަދައިގެ މުރާދަކީ އެހެން މީހަކަށް ލިބިފައިވާ ނިޢުމަތެއް ތިމަންނައަށްވެސް ލިބުމަށް އެދުމެވެ. އެމީހެއްގެ ކިބައިން އެ ނިޢުމަތް ފިލައިދިޔުމަށް އުންމީދުކުރުމެއް ނޫނެވެ.) [3]

ރޭގަނޑުގެ ވަޤުތު ޤުރުއާން ކިޔެވުމަކީ ޣާފިލުކަމުން މިންޖުކޮށްދޭނެ ކަމެކެވެ. ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ.

مَنْ قَرَأَ عَشْرَ آيَاتٍ فِي لَيْلَةٍ لَمْ يُكْتَبْ مِنَ الْغَافِلِينَ. [4]

މާނައީ: ”ރޭގަނޑު ދިހަ އާޔަތް ކިޔަވައިފި މީހަކު ޣާފިލުވީ މީހުންގެ ތެރެއިން ނުލިޔުއްވޭ ހުއްޓެވެ.“

އަދިވެސް އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.

مَنْ حَافَظَ عَلَى هَؤُلَاءِ الصَّلَوَاتِ الْمَكْتُوبَاتِ لَمْ يُكْتَبْ مِنَ الْغَافِلِينَ، وَمَنْ قَرَأَ فِي لَيْلَةٍ مِائَةَ آيَةٍ كُتِبَ مِنَ الْقَانِتِينَ. [5]

މާނައީ: ”ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެއްޖެމީހާ ޣާފިލުވީ މީހުންގެ ތެރެއިން ނުލިޔުއްވޭ ހުއްޓެވެ. އަދި ރޭގަނޑު ސަތޭކަ އާޔަތް ކިޔަވައިފި މީހަކު ކިޔަމަންތެރިވީ އަޅުންގެ ތެރެއިން ލިޔުއްވޭ ހުއްޓެވެ.“

ތަޤްވާވެރިން ޞިފަކުރައްވައި ﷲ ވަޙީކުރައްވާފައިވެއެވެ.

كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ ‎﴿١٧﴾‏ وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ ‎﴿١٨﴾ [6]

މާނައީ:”އެބައިމީހުން ނިދާއުޅުނީ ރެގަނޑުން ވަރަށް ކުޑަ ވަޤުތުކޮޅެއްގައެވެ. އަދި ހާރުދަމު ވަޤުތުގައި ފާފަފުއްސެވުމަށް އެދި އެބައިމީހުން ދުޢާ ކުރެއެވެ.“

وَاللَّهُ أَعْلَم.

މަޞްދަރު: ދިސަލަފިއްޔާ


[1] رواه أحمد (6626)، وصححه الألباني في جامع الصغير برقم (3882)

[2] رواه البخاري (5026)

[3] (ބައްލަވާ: الفوائد لابن القيم ص:140)

[4] رواه الحاكم (2041) وقال: ”صحيح على شرط مسلم“ ، وقال الألباني في صحيح الترغيب والترهيب (640): صحيح لغيره

[5] رواه ابن خزيمة في صحيحه (1142) والحاكم (1160) واللفظ له وقال: ”صحيح على شرط الشيخين“ ، وصححه الألباني في صحيح الترغيب والترهيب (640)

[6] سورة الذاريات

123
  1. މުޙައްމަދު ޒުހައިރު

    މިކަކީ އިސްލާމީ އުއްމަތެއްގައި ކޮއްމެހެން ބަޔަކު ކުރަންޖެހޭ ކަމެއް ކަމުގައި އަޅުގަނޑު ދެކެން