ނަޞޭޙަތާއި އިރުޝާދު
މާތްﷲ އަހަރެމެން އިމްތިޙާންކުރައްވާ 5 ސަބަބެއް

ދިރިއުޅުމަކީ އިމްތިޙާނެކެވެ. އިމްތިޙާނުތަކަކީ ހިތްދަތިކަމާއި ހިތާމައާއި މޮޅިވެރި އެތައް އިހްސާސްތަކެއް ގެނުވާ ދުވަސްތަކެކެވެ. ނުވަތަ އަހަރުތަކެކެވެ. ބައެއް ފަހަރު ބުނާތީ އަޑުއިވެއެވެ. އިމްތިޙާންތަކަކީ މާތް ﷲ ގެ ކޯފާއާއި އަޛާބެވެ. ނަމަވެސް މިއީ ދުނިޔޭގެ ހަޤީޤަތެވެ. މި ހަޤީޤަތާ ކުރިމަތި ނުލާ ނަބިއްޔެއް އަދި ރަސޫލެއް ނުވެއެވެ. ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި އިމްތިހާންތަކުގެ ވާހަކަ ބަޔާން ކުރައްވާފައިވެއެވެ. އަދި އެ އިމްތިޙާނުގެ ވަގުތުގައި އަމަލުކުރާނެ ގޮތްތައްވެސް ވަނީ ބަޔާންކުރައްވާފައެވެ.

އިންސާނާގެ ހަޔާތުގައި ކުރިމަތިވާ ކޮންމެ ކަމަކީވެސްގެ މާތް ﷲގެ ހަޟްރަތުން މިންވަރު ކުރައްވާ ކަންކަމެވެ. އެކަލާނގެ އަޅުތަކުންނަށް އެންމެ ހެޔޮގޮތް އެކަލާންގެ މޮޅަށް ދެނެވޮޑިގަންނަވައެވެ. އެއީ ރަހްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ އަޅާއަށް އިމްތިޙާނުތައް މެދުވެރިކުރައްވާ ސަބަބުތަކެއްވެއެވެ.

  • މާތްﷲ އަށް ކުއްތަންވެ އަޅުވެތިވުމަށް

އިންސާނާ ދުނިޔެއަށް ފޮނުއްވީ އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. އިންސާނާ ދުނިޔެއަށް އައީ މިކަން ފުރިހަމަ ކުރުމަށްޓަކައެވެ. މި މަޤްސަދު ހާސިލް ކުރުމަށް ތަފާތު އިމްތިޙާންތަކާ އިންސާނާ ކުރިމަތިލައެވެ. މިއީ ދުނިޔޭގެ ސުންނަތެކެވެ. މި ފަދަ މުސީބާތްތަކުން ﷲ އަށް ކިޔަމަންތެރިވާ އަޅުންނާއި އެނޫން މީހުން ވަކި ކުރައްވައެވެ. އަންކަބޫތު ސޫރަތުގެ ދޭއް އަދި ތިންވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.

‏ أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ ‎﴿٢﴾‏ وَلَقَدْ فَتَنَّا الَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ اللَّهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّالْكَاذِبِينَ ‎﴿٣﴾‏

މީސްތަކުން ތިމަންމެން إيمان ވެއްޖައީމުއޭ ބުނުމުން، އެއުރެން امتحان ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟  އަދި ހަމަކަށަވަރުން، އެއުރެންގެ ކުރީގެ (أمّة ތަކުގެ) މީހުން، ތިމަންރަސްކަލާނގެ امتحان ކުރެއްވީމެވެ. ފަހެ (إيمان ކަމުގައި) ތެދުވެރިވި މީހުން، ހަމަކަށަވަރުން، اللَّه ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، ދޮގުވެރިންވެސް އެކަލާނގެ ދެނެވޮޑިގެންވެތެވެ.

  • އެކަލާނގެ އެދިވޮޑިގަންނަވަނީ ފާފަ ފުއްސެވުމަށް

ރަސޫލާ ﷺ ހަދީޘް ކުރެއްވިއެވެ. “ މުސްލިމަކަށް ކުރިމަތިވާ މުޞީބާތުގެ ސަބަބުން އެމީހެއްގެ ފާފަ ނުފުއްސަވާ ހަމަ އެއްވެސް މުޞީބާތެއް އޭނާއަށް ކުރިމަތިނުވެއެވެ. އެއީ ކަށްޓެއް ހެރުންކަމުގައިވިއަސްމެއެވެ.“  (ބުޚާރީ، މުސްލިމް)

އެހެންކަމުން ކުރިމަތިވާ އިމްތިޙާންތަކަކީ ޢުޤޫބާތެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި އާޚިރަތްދުވަހު އެކަލާނގެ އަޛާބުން ސަލާމަތްކޮށް ދިންނަވާނެ ރަޙްމަތެއްގެ ގޮތުގައި ބަލައިގަންނާށެވެ. ކެތްތެރިކަމާއި ނަމާދުން ވާގި ހޯދާށެވެ.

  • އެކަލާނގެ އަޅާއަށް އެއަށްވުރެ ހެޔޮގޮތެއް މެދުވެރި ކުރެއްވުމަށް

މާތް ﷲ ގެ ޙަޟްރަތުން ކުރިމަތިވާ މުސީބާތްތަކާއި އިމްތިހާންތަކަކީ ކުރިމަތީގައިވާ، އެކަމެއްގެ ޢިލްމު އަހަރުމެންނަށް ލިބިގެން ނުވާ އެއަށްވުރެ ބޮޑު ނުބައިކަމަކުން ސަލާމަތް ކުރެއްވުމަށް މެދުވެރިވާ ކަމެއް ކަމުގައިވެދާނެއެވެ. ނުވަތަ އެއަށްވުރެ މޮޅު އެއްޗެއް ދެއްވުމަށް އަތުން އެއްޗެއް ބީވެގެންދާ ދިޔުމެއް ކަމުގައިވެސް ވެދާނެއެވެ. އަހަރުމެން އެކަމަކަށް އެންމެ ނުރުހޭ ކަމެއް އެއީ އަހަރުމެންނަށް މެދުވެރި ކުރައްވާ ހެޔޮގޮތް ކަމުގައިވެސް ވެދާނެއެވެ. މުސީބާތުގެ ވަގުތުގައި އެކަން އިހްސާސް ނުވެ ހިނގައިދާނެއެވެ. ނަމަވެސް ހުރިހާކަމެއްގެ ޢިލްމު މޮޅަށް ލިބިވޮޑިގެންވާ އިލާހުގެ ޙިކްމަތްތެރިކަން އެ މުސީބާތުގެ ވަގުތުގައި ހަނދާންކުރާށެވެ. އަދި އެކަލާނގެއަށް ފުރިހަމައަށް ވަކީލު ކުރާށެވެ.

  • އީމާންތެރިކަން އިތުރަށް ވަރުގަދަވެ ހަރުދަނާ ކުރެއްވުމަށް

ރަސޫލާ ﷺ ހަދީޘް ކުރެއްވިއެވެ. ”އެންމެ ބޮޑެތި އިމްތިޙާންތަކާ ކުރިމަތިލައްވާފައިވާ ބަޔަކީ ރަސޫލުންނާއި ނަބީންނެވެ. އަދި އެއަށްފަހު އެބޭކަލުންގެ މަގުގައި ސާބިތުވެގެންތިބި ހެޔޮލަފާ ޞާލިހުންނަށެވެ. އެމީހެއްގެ ދީންވެރިކަމުގެ ނިސްބަތުން އެމީހަކާ އިމްތިޙާނު ކުރިމަތި ކުރައްވައެވެ. މީހާ ދީންވެރިކަމުގައި ކުރިއަރަފިނަމަ އަޅުތަކުންނަށް މުސީބާތް ބޮޑުވެގެންވެއެވެ. އެމީހެއްގެ ހުރިހާ ފާފައެއް ފުއްސެވުމަށްދާންދެން އެކަލާނގެ އިމްތިޙާން ކުރައްވައެވެ.“ (ބުޚާރީ)

އަޅުތަކުންނަށް އެންމެ އޯގާވަންތަ މާތްﷲ އެދިވޮޑިގަންނަވަނީ އިމްތިޙާންތައް މެދުވެރިކުރައްވާ އެކަލާނގެ އަޅުތަކުންގެ ފާފަ ފުއްސެވުމަށެވެ. އުޑުތަކާ ބިންތަކަށްވުރެ ތަނަވަސް ސުވަރުގޭގެ މަތިވެރި ދަރަޖަތަކަށް އެ އަޅާ ވާސިލުވުމުގެ މަގު ތަނަވަސްކޮށްދެއްވަނީ މިފަދައިންނެވެ. މުސީބާތުގެ ޛަރީޢާއިން އެމީހެއްގެ އުނިކަންކަން ބަޔާންކޮށްދެއްވައި އެކަމުން ރުޖޫޢަވުމުގެ މަގު ތަނަވަސްކުރައްވައެވެ.

  • އިމްތިޙާން ކުރައްވަނީ އެކަލާނގެ އަޅާދެކެ އިންތިޙާއަށް ލޯބިވާތީ.

ރަސޫލާ ﷺ ހަދީޘް ކުރެއްވިއެވެ. ”މާތްﷲ މީހަކަށް ހެޔޮގޮތް އިރާދަކުރައްވައިފިނަމަ އެމީހަކަށް އިމްތިޙާން ކުރިމަތި ކުރައްވައެވެ.“ (ބުޚާރީ) އިމްތިޙާންތައް މެދުވެރިކުރައްވާ މާތްﷲގެ އަޅާ، އެކަލާނގެއާ އިތުރަށް ކުއްތަންވެ އެކަލާނގެއާ ގާތްކަން ހާސިލްކުރުމަށް މަސައްކަތް ކުރެއެވެ. ކެތްތެރިކަމާއި އެކަލާނގެ ވާގިފުޅަށް އުއްމީދާއެކު ދުޢާ ކުރުންމަތީ ދެމިހުރެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

وَاللَّهُ يُحِبُّ الصَّابِرِينَ (ސޫރަތުލް އާލް ޢިމްރާން :146)

 ”އަދި ކެތްތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ.“

ދުނިޔޭގައި ކުރިމަތިވާ އިމްތިޙާންތަކަކީ ތިބާގެ ނިމުން ކަމުގައި ނުދެކޭށެވެ. އޭގެ ބަދަލުގައި އެއީ ރަހްމަތެއްގެ ގޮތުގައި ބަލައިގަނެ އެފަދަ ވަގުތުތަކުގައި އަމަލު ކުރުމަށް އިރުޝާދު ދެވިފައިވާ ގޮތްތައް ބަލައި އެގޮތުގައި ސާބިތުވާން އަޒުމް ކަނޑައަޅާށެވެ. މުއުމިނަށް ކުރިމަތިވާ ކޮންމެ ކަމެއްގައިވެސް ވަނީ ހެޔޮގޮތެވެ. އުފާވެރިކަމެއް ލިބިއްޖެ ނަމަ މާތްﷲ އަށް ހަމްދުކޮށް ޝުކުރުވެރިވެއެވެ. އަދި ހިތާމައެއް ކުރިމަތިވެއްޖެނަމަ އެކަމަށް ކެތްތެރިވެއެވެ.

 

95
  1. ޝާޢިރާ ޝަކީބް

    ތިޔަބޭފުޅުންގެ މަސައްކަތް ވަރަށް ރަނގަޅު