ނަޞޭޙަތާއި އިރުޝާދު
ނުދަންނަ ބަހަކުން ލިޔެފައިވާ ލޯބިވެރިޔާގެ ސިޓީ

ލޯބިވެރިންނަކީ އެކަކު އަނެކަކަށް ޖާނާއި މާލުން ޤުރުބާން ވާން ތައްޔާރަށް ތިބޭ ބައެކެވެ. ލޯބިވެރިޔާގެ ޚަބަރުތަކާއި އިޝާރާތްތަކަށް އަބަދުމެ ބަލަބަލާ ތިބޭ ބައެކެވެ. އަބަދު ވެސް އެމީހުންގެ ކައިރީގައި ވުމަށް އެދެވޭ ބައެކެވެ. އެމީހުންގެ ވާހަކަތައް އަޑުއަހާ ފޫހި ނުވާފަދަ ބައެކެވެ. ސިޓީއެއް ނުވަތަ މެސެޖެއްގެ އިންތިޒާރުގައި ތިބެވޭ ބައެކެވެ. އަދި އެފަދަ މެސެޖެއް ލިބިއްޖެނަމަ ކުރަން ހުރި ކަމެއް ހުއްޓާލާފައި އެ މެސެޖެއް ބަލާލެވެއެވެ. އޭގެ އިންތިޒާރުގައި ހުރިލެއް ދިގުކަމުންނެވެ. ނުވަތަ ވަރަށް ހަމަޖެހިލާ އެއްވެސް މީހެއްގެ އުނދަގުލެއް މެދުވެރި ނުވާނެފަދަ ތަނަކަސް ގޮސް އެ މެސެޖެއް ބަލާލެވެއެވެ.

މިފަދަ ޙާލަތެއްގައިވާ މީހާއަށް އެމީހަކު ނުދަންނަ ބަހަކުން ލޯބިވެރިޔާގެ ސިޓީއެއް ލިބިއްޖެނަމަ ކަންތައް ކުރާނީ ކިހިނެތް ކަން ތިބާ ވިސްނާލާށެވެ؟ އޭގައި އޭނާގެ ލޯބިވެރިޔާ ލިޔެފައިވާ އެއްޗެއްގެ މާނަ ބެލުމަށް ހަމަ ވަގުތުން މަސައްކަތް ފެށޭނެއެވެ. އިންޓަނެޓުން އޭގެ މާނަ ތަރުޖަމާ ކޮށްގެންނެވެ. ނުވަތަ އެ ބަސް ދަންނަ މީހެއްގެ ގާތަށް ގޮސް ގެންނެވެ. ނުވަތަ އެ ބަސް ދަސްކޮށްގެން ނަމަވެސް އޭގައި އޭނާގެ ލޯބިވެރިޔާ ބުނެފައިވާ ވާހަކަތައް ހޯދަން މަސައްކަތް ކުރާނެއެވެ. މި ދަންނަވާލީ އިންސާނެއްގެ ލޯބީގައި އަޅުގަނޑުމެން ކަންތައް ކޮށްފާނެ ގޮތެވެ.

ތިބާ ވިސްނާލާށެވެ! އަރަހުށި މާތް الله މުއުމިނުން ދެކެ ނުހަނު ލޯބިވެވޮޑިގެންވެއެވެ. އަދި އަޅުގަނޑުމެންގެ ދައުވާއަކީ ވެސް އަޅުގަނޑުމެން އެންމެ ލޯބިވާ ފަރާތަކީ މާތް الله ކަމެވެ. ވީއިރު އެކަލާނގެ އަޅުގަނޑުމެންނާ މުޚާތަބު ކުރައްވާ ބާވައިލައްވާފައިވާ ކީރިތި ޤުރްއާން އަޅުގަނޑުމެން ކިޔަނީ ދެލިގަނޑު ކިޔާލައިގެން ޘަވާބުކޮޅެއް ހޯދުމުގެ ޢަޒުމުގައި ތޯއެވެ؟ ނުވަތަ ކީރިތި ޤުރްއާނުގައި މާތް الله އިންސާނުންނާ މުޚާޠަބު ކުރައްވާ ބަޔާންކުރައްވާފައިވާ ކަންކަމާމެދު ވިސްނާ ފިކުރު ކުރަމުން ތޯއެވެ؟

މުޅި ދުނިޔެ ވެސް ދެބަސް ނުވާނެ ފަދަ ޙަޤީޤަތަކީ ލޯބި ވެރިއެއްގެ ސިޓީއެއް ނުވަތަ މެސެޖެއް އައުމުން ކޮންމެ މީހަކު ވެސް އެ ސިޓީގައި އޭނާގެ ލޯބިވެރިޔާ ލިޔެފައިވާ އެއްޗެއް ރަނގަޅަށް ފަހުމު ވުމަށްފަހުގައި ނޫނީ އެމީހަކަށް ހަމަ ނިދި ވެސް ނުލިބޭނެއެވެ. ނަމަވެސް އަޅުގަނޑުމެން މާތް الله އަށް ލޯބިވާކަމުގެ ދަޢުވާ ކުރަމުން ދާއިރު އެކަލާނގެ ކަލާމްފުޅާމެދު، މި ދެންނެވި ދިޔަ ފަދައިން ނުވަތަ އެއާ ގާތް ކުރާ މިންވަރަކަށް ވެސް އަޅުގަނޑުމެންގެ ޢަމަލުތައް ބެހެއްޓޭތޯއެވެ؟

ކީރިތި ޤުރްއާނަކީ ހަމައެކަނި ކިޔަވާލައިގެން ފުއްދާލާ ފޮތަކަށް ނުހަދާށެވެ! އަޅުގަނޑުމެންގެ ދިވެހި ބަހުން ވެސް ކީރިތި ޤުރްއާނުގެ ތަރުޖަމާ އެބަވެއެވެ. އެހެންކަމުން އެއާމެދު ވިސްނުމާއެކު އެ ތަރުޖަމާ ކިޔާށެވެ! އަދި ދިވެހި ބަހުން ލިޔެފައިވާ ތަފްސީރު ތަކާއި އިނގިރޭސި ބަހުން ލިޔެފައިވާ ތަފްސީރުތައް ވީވަރަކުން ކިޔާށެވެ! ނުވަތަ އެމީހަކަށް އެނގޭ ކޮންމެ ބަހަކުން ވިޔަސް އެ ބަހަކުން ލިޔެފައިވާ ޤުރްއާނުގެ ތަރުޖަމާއާއި ތަފްސީރު ކިޔާ، އަޅުގަނޑުމެން ދެކެ، އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް ވުރެން ވެސް ބޮޑަށް ލޯބިވެވޮޑިގެންވާ މާތް الله ގެ މުރާދާމެދު ވިސްނާ ފިކުރު ކުރާށެވެ!

39