ނަޞޭޙަތާއި އިރުޝާދު
އިސްލާމް ދީން މަތީގައި ސާބިތުކޮށްދިނުމަށް އެދި ދުޢާ ކުރާނީ ކިހިނެއް؟

الحمد لله وكفى، والصلاة والسلام علي النبي المصطفى.

ޢިޞްމަތުގެ ސިފަ ލިބިގެންވާ މާތް ނަބިއްޔާ މުޙައްމަދް ﷺ ﷲ ހަޟްރަތުގައި، ސާބިތުކަން ދެއްވުން އެދި ދުޢާ ކުރެއްވިއެވެ. އިސްވެދިޔަ އަދި ފަހުން ކުރެވިދާނެ އެންމެހާ ފާފައެއް ފުހެވިފައިވާ ޙާލުގައިވެސް އެކަލޭގެފާނު ދުޢާ ކުރައްވަނީ “އޭ ހިތްތައް ފުރޮޅުއްވާ އިލާހެވެ! ތިމަންކަލޭގެފާނުގެ ހިތްޕުޅު އިބައިލާހުގެ ދީނުގައި ސާބިތުކޮށްދެއްވާނދޭވެ!”

އަޅުގަނޑުމެން ކޮންމެ މީހަކުވެސް އިސްލާމް ދީނުގެ މަތީގައި ސާބިތުވެ ހުރުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހެއެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. “މީސްތަކުންގެ މައްޗަށް ޒަމާނެއް އަންނާނެއެވެ. އެ ޒަމާނުގައި އެމީހުންގެ ތެރޭގައި އެމީހެއްގެ ދީނުގެ މަތީގައި ކެތްތެރިވެެގެން ހުންނަ މީހާ، އަލިފާން އަނގުރުގަނޑެއްގައި ހިފަހައްޓައިގެން ހުންނަ މީހާފަދައެވެ.” އެހެންކަމުން އެކަލޭގެފާނު ދުޢާ ކުރެއްވެ ފަދައިން އަޅުގަނޑުމެންވެސް އަޅުގަނޑުމެންގެ ހިތްތަށް އިސްލާމް ދީން މަތީގައި ސާބިތުކޮށްދިނުމަށް އެދި ﷲ ﷻ ގެ ހަޟްރަތުގައި ދުޢާކުރުމަކީ ވަރަށްވެސް މުހިންމުކަމެކެވެ.

ﷲ تبارك وتعالى ވަޙީ ކުރައްވާފައިވެއެވެ:

“يُثَبِّتُ اللَّهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ”

މާނައީ: “ދުނިޔޭގެ ޙަޔާތުގައްޔާއި، އާޚިރަތު ގައި ސާބިތުވެގެންވާ (ޙައްޤު) ބަހުން އީމާންވި މީހުންނަށް، اللَّه ސާބިތުކަން ދެއްވަތެވެ.”

ސާބިތުކަން ނުވަތަ އިސްތިޤާމާގެ ވާހަކަ ކީރިތި ޤުރުއާނުގައި ޛިކުރު ކުރެވިފައިވާ މިންވަރު މަދެއް ނޫނެނެވެ. އަދި އެކަމުގެ ދަރުމައިގެ ވާހަކަވެސް ޤުރުއާނުގެ އެތައް ތަނެއްގައި ބަޔާންކުރެވިފައި ވެއެވެ.

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ:

“إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ‎﴿١٣﴾‏ أُولَٰئِكَ أَصْحَابُ الْجَنَّةِ خَالِدِينَ فِيهَا جَزَاءً بِمَا كَانُوا يَعْمَلُونَ ‎﴿١٤﴾‏”

މާނައީ: “ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ، اللَّه އޭ ބުނެ، ދެން ސީދާވެގަތްމީހުން (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް ނުމެވޭމެއެވެ. އެއުރެންނީ، ސުވަރުގޭގެ އަހުލުވެރިންނެވެ. އެތާނގައި، އެއުރެން ދެމިތިބެނިވިގޮތުގައެވެ. (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކަށް ޖަޒާއެއްކަމުގައެވެ.”

ﷲ سبحانه وتعالى ގެ ދީން މަތީގައި ސާބިތުވެ ތިބޭ އަޅުތަކުންނަށް އެ އިލާހު ވަނީ ނިޢުމަތުގެ ގޮވަތި، ސުވަރުގެ ވަޢުދު ކުރައްވާފައެވެ. ޙަޤީޤީ ދިރިއުޅުމަކީ އުޚުރަވީ ޙަޔާތުގެ ދިރިއުޅުމެވެ. އެހެންކަމުން އެ ދިރިއުޅުން ާއާރާސްތުކުރަން ކުރާ މަސައްކަތުގައި އަޅުގަނޑުމެންނަށް ސާބިތުކަން ދެއްވުން އެދި ﷲ ގެ ހަޟްރަތުގައި ގިނަގިނައިން ދުޢާ ކުރަންޖެހެއެވެ.

يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ

وصلي الله وسلم على نبينا محمد، والحمدلله رب العالمين.

31
  1. Good read