ﷲ ތަޢާލާގެ ޙަޟްރަތަށް ގޮވާލައި، ހެޔޮކަންކަން ފެތުރުމާއި ނުބައިކަންކަން މަނާކުރުމަށް ކޮންމެ މުސްލިމަކުވެސް އެމީހެއްގެ ފެންވަރުން މަސައްކަތް ކުރަންވާނެއެވެ. އެއީ ވަރަށް މާތް ޢަމަލެކެވެ.
އެހެންކަމުން ދަޢުވަތު ދިނުމުގެ މާތްކަމާ ބެހޭ ދެތިން ނުކުތާއެއް ފާހަގަކޮށްލާނަމެވެ.
- ވާހަކަދެއްކުމުގައި އެންމެ ހެޔޮ އަދި ރަނގަޅު ވާހަކައަކީ ދަޢުވަތުދިނުމަށް ދެކެވޭ ވާހަކަތަކެވެ.
﴿وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَا إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ﴾ (سورة فصلت) މާނަ: “اللَّه ގެ ޙަޟްރަތަށް (އައުމަށް) ގޮވާލައި، އަދި ޞާލިހު ޢަމަލުކޮށް، އަދި ހަމަކަށަވަރުން، ތިމަންނާވަނީ (اللَّه އަށް) ކިޔަމަންވާމީހުންގެ ތެރެއިންނޭ ބުނާމީހަކަށްވުރެ ރަނގަޅު ބަސްބުނާ މީހަކީ ކާކުހެއްޔެވެ؟” އަޅުގަނޑުމެންނީ އެކަކު އަނެކަކާއި ދިމާވެ އަބަދުވެސް ކޮފީމޭޒުތަކާއި އެނޫނަސް ތަންތަނުގައި ވާހަކަތައް ދައްކަމުން ދާ ބަޔެކެވެ. މިގޮތަށް ވާހަކަތައް ދައްކައި ވަގުތުތަށް ހޭދަކުރެވޭއިރު އެ ވާހަކަތުގެ މަޤްޞަދަކީ ޣީބަބުނުމާ ނެތިމޮށުން ކަމުގައި ނަހަދައި، އެކަލާނގެ ދީނަށް ދެވޭ ދަޢުވަތެއްކަމުގައި ހެދުމަށް މަސައްކަތްކުރާށެވެ.
- އެންމެހާ ރަސޫލުބޭކަލުން ކުރެއްވި މަސައްކަތްޕުޅަކީ ދަޢުވަތު ދިނުމެވެ.
﴿وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ﴾ (سورة النحل) މާނަ: “އަދި ހަމަކަށަވަރުން ކޮންމެ އުންމަތަކަށް ތިމަންރަސްކަލާނގެ ރަސޫލުބޭކަލަކު ފޮނުއްވީމެވެ. (އެއީ އެބޭކަލުން އެ އުންމަތަކަށް އަންގަވާ އަމުރު ކުރެއްވުމަށެވެ.) ތިޔަބައިމީހުން اللّه އަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން ޠާޣޫތާއި ދުރުވެ އެއްފަރާތްވާށެވެ!” މި އާޔަތުން ދޭހަކޮށްދެނީ މާތް ﷲ ކޮންމެ އުންމަތަކަށްވެސް އެކަލާނގެ ދީނަށް އެކަލާނގެ އެއްކައުވަންތަކުރުމަށް އަދި އެކަލާނގެއަށް އަޅުކަންކުރުމަށް ގޮވައިލެއްވުމަށް ރަސޫލުބޭކަލުން ފޮނުއްވެވިކަމެވެ.
- ދަޢުވަތު ދިނުމަކީ ނަބިއްޔާ ﷺ އާއި އެކަލޭގެފާނަށް ތަބާވީ މީހުންގެ މަގެވެ.
﴿قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي ﴾(سورة يوسف)މާނަ: “ކަލޭގެފާނު ވިދާޅުވާށެވެ! މިއީ ތިމަންކަލޭގެފާނުގެ މަގެވެ. ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނަށް تبع ވި މީހުން، اللَّه ގެ ފަރާތަށް ގޮވައިލައްވަނީ، އަލިވެގެންވާ دليل އާއެކުގައެވެ.” އެހެންކަމުން، އެކަލޭގެފާނަށް ތަބާވާނަމަ، އަޅުގަނޑުމެން ﷲ ގެ މަގަށް ގޮވާލުމުގައި މަސައްކަތްކުރަންޖެހެއެވެ.
- ދަޢުވަތު ދިނުމަކީ ވަރަށް މަތިވެރި ޘަވާބާއި ދަރުމަ ހުރިކަމެކެވެ.
((مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ)) (އަބޫ ދާވޫދު) މާނަ: “މީހަކު އެހެން މީހަކަށް ހެޔޮ ކަމެއް ބުނެދީފިނަމަ، އޭނާއަށް (އެ ދަސްކޮށްދިން މީހާއަށް) އެ ހެޔޮ ޢަމަލުކުރާ މިހާއާ އެއްފަދައިން އަޖުރު ލިބޭނެއެވެ.” ވީމާ، އެއީ ކިތަންމެ ކުޑަ ހެޔޮ ޢަމަލެއް ނަމަވެސް ކޮންމެވެސް މީހަކަށް އަބަދުވެސް ބުނެދެވޭތޯ ބަލާށެވެ. އެމީހަކު ތިބާގެ ގާތުން އެކަން ދަސްކޮށް އެ ޢަމަލުކުރާ ކޮންމެ ފަހަރަކު ތިބާއަށްވެސް ހަމަ އެމީހަކަށް ލިބޭ ޘަވާބައި އެއްވަރަށް ޘަވާބު ލިބިގެންދާނެއެވެ.
- ދަޢުވަތު ދިނުމަކީ އެހެން އުންމަތްތަކަށްވުރެ މި އުންމަތް ޙާއްޞަވާ ސަބަބަތަކުގެ ތެރެއިން ސަބަބެކެވެ.
﴿كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّهِ ۗ ﴾ (سورة آل عمران) މާނަ: “މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ أمّة ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް أمر ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް إيمان ވަމުއެވެ.” ވީމާ، އެންމެ ހެޔޮ އުންމަތުގެ ތެރޭގައި ވުމުގެ ތައުފީޤު މާތް ދެއްވެވީތީވެ ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަޙީކުރުމަށް، ކުރުކޮށް ބުނާނަމަ ދަޢުވަތު ދިނުމުގައި އުޅުމަކީ ވަރަށް މުހިންމުކަމެކެވެ.
މާތް ﷲގެ ދީނަށް ދަޢުވަތު ދޭ ހިތްވުމަކީ އީމާންތެރިކަން ވަރުގަދަވުމުގެ ހެއްކެކެވެ. އެމީހަކު ހިތުގެ އެންމެ އަޑީން ޝައްކެއްނެތި ޤަބޫލުނުކުރާކަމަކަށް ގޮވައިލުމަކީ ދަތިކަމެކެވެ. އެހެންކަމުން، ޝަހަދާތުގެ ދެކަލިމަ ފުރިހަމައަށް ޤަބޫލުކުރެއްވިޖެކަން ދޭހަކޮށްދޭ އެއްކަމަކި ދަޢުވަތު ދޭ ހިތްވުމެވެ.
ބައެއް މީހުންނަށް ހީވެފައި އޮންނަނީ ތިމާއަކީ އެއްވެސް ފާފައެއް ނުކުރެވޭ ވަރަށް މާތް މީހަކަށް ވުމުން މެނުވީ ދަޢުވަތު ނުދެވޭނޭ ކަމަށެވެ. ނަމަވެސް، ހަޤީޤަތުގައި ދަޢުވަތު ދިނުން އެއީ އެމީހެއްގެ އީމާންކަން އިތުރުކޮށްދޭ ވަރުގަދަ ވަސީލަތެކެވެ.
ދުޢާ އަކީ ދަޢުވަތު ދިނުމަށް ލޯބިކުރާ ބަޔަކުކަމުގައި އަޅުގަނޑުމެން އެންމެން ވުމެވެ.