ނަޞޭޙަތާއި އިރުޝާދު
ޔައުޤޫބުގެފާނު ދަރިދަރިކަލުންނަށް ކުރެއްވި ސުވާލު

މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَاللَّهُ جَعَلَ لَكُمْ مِنْ بُيُوتِكُمْ سَكَنًا﴾(النحل: 80)މާނަ:“އަދި اللَّه،ތިޔަބައިމީހުން ހިމޭންވެތިބޭ ތަންތަންކަމުގައި،ތިޔަބައިމީހުންނަށް،ތިޔަބައިމީހުންގެ ގެތައް ލެއްވިއެވެ.“ހަމަޖެހުމާއެކު ދިރިއުޅުމުގެ ފުުރުސަތު ލިބިފައިވާ ގެއަކީ ބޮޑުވެގެންވާ ނިޢުމަތެކެވެ. ގެއަކީ ޢާއިލާއަށް ހަމަޖެހުން ލިއްބައިދޭ ތަނެކެވެ.އެއީ ދަރީންނަށް ލޯބި ދިނުމަށް އޮތް މަންޒިލެވެ. އެއް ގެއެއްގެ ތެރޭގައި އެތައް ޖީލުތަކެއް ބޮޑުވެގެން އަންނާނެއެވެ.
އެހެންކަމުން، ގެއަކީ ކޮންމެ ކުއްޖެއްގެވެސް ފުރުތަމަ މަދަރުސާއެވެ. އަޅުގަނޑުމެންގެ ދަރީން ސްކޫލުތަކުގައި މަދުރަސީ ދައުރުގެ ތަރުބިއްޔަތު ފެށުމުގެކުރިން އެކުދިންގެ ތަރުބިއްޔަތުގެ ހުރިހާ ޒިންމާއެއް ނަގަންޖެހޭ ތަނަކީ އެކުއްޖެއްގެ ގެއެވެ.ގޭގައި، މަންމައާއި ބައްޕަ މި ޒިންމާ އުފުލާންޖެހެއެވެ. އެކުދިންގެ ޙައްޤުތަށް ފަރުވާތެރިކަމާއެކު އަދާކޮށްދޭން ޖެހެއެެވެ. ނަބިއްޔާ صلىالله عليه وسلم  ޙަދީޡްކުރެއްވިއެވެ.((وَإِنَّ ‌لِوَلَدِكَ ‌عَلَيْكَ ‌حَقًّا))(މުސްލިމް)މާނަ:“ތިބާގެ ދަރިފުޅަށް ތިބާގެ މައްޗަށް ޙައްޤެއް ލިބިގެންވެއެވެ.“ މި ޙައްޤު އަދާކުރުމުގެ ޒިންމާ އެޅިފައިވަނީ އެކުއްޖެއްގެ ބައްޕަ އާއި މަންމަގެ ބޮލުގަައެވެ. އެއީ އެކުއްޖެއްގެ ހިތުގައި އިމާންކަން އަށަގެންނެވުމާއި މާތް ﷲއަށް ކިޔަމަންތެރިވެ ބޯލެނބުމަށް ދަސްކޮށްދިނުމެވެ.މި ޙައްްޤު އަަދާކުރެއްވުމުގެ ނަމޫނާ ދެއްކެވި މާތް ﷲ ގެ ނަބިއްޔާ ޔަޢުޤޫބު عَلَيْهِ السَّلَامُ ގެ ވާހަކަ ބައްލަވާށެވެ.ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގާވެއެވެ.“ތިމަން މަރުވެދިޔުމަށްފަހު ތިޔަބައިމީހުން އަޅުކަންކުރާނީ ކޮންފަރާތަކަށް ހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ތިމަންމެން އަޅުކަންކުރާނީ، ކަލޭގެފާނުގެ އިލާހަށެވެ. އަދި ކަލޭގެފާނުގެ ކާބަފައިކަލުނަވި إبراهيم ގެފާނާއި إسماعيل ގެފާނާއި إسحاق ގެފާނުގެ އިލާހަށެވެ. އެއީ، އެއްކައުވަންތަ ކަލާނގެއެވެ. ތިމަންމެން މިތިބީ، އެކަލާނގެއަށް ކިޔަމަންވެ މުސްލިމުން ކަމުގައި ވެގެންނެވެ.“ (البقرة :133)
ގޭތެރެއަކީ އެކުއްޖެއްގެ ދީނީ ޢިލްމާއި، އަޚްލާޤީ މިންގަނޑުތަކާއި ދިރިއުޅެންވީ ގޮތް ދަސްކޮށްދޭންޖެހޭ ތަނެވެ. ދަރީން ޢިލްމު އުނގެނުމަށް ލޯބި ޖައްސައި އޭގެ އަގު ވަޒަންކުރާން ބުނެދޭންޖެހެއެވެ.އެކަލާނގެ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގާވެއެވެ.“ޢިލްމު ލިބިގެންވާމީހުން اللَّه ދަރަޖަތަކަކަށް އުފުއްލަވާނެތެވެ.“ (المجادلة: 11)

ދަރިފުޅުގެ ޅައުމުރުގައި މާދަރީ ބަހުގެ އިތުރުން ޢަރަބި ބަސް ދަސްކޮށްދޭންވާނެއެވެ. ޢަރަބި ބަހަކީ ކީރިތި ޤުރާއާނާއި ނަބިއްޔާ صلى الله عليه وسلم  އެ ބަހަކުން ވާހަކަފުޅު ދެއްކެވި ބަހެވެ. އަދި ޢުމަރު رَضِيَ اللَّهُ عَنْهُ ވިދާޅުވެފައިވެއެވެ. (تَعَلَّمُوا الْعَرَبِيَّةَ، فَإِنَّهَا تُثَبِّتُ الْعَقْلَ، وَتَزِيدُ فِي الْمُرُوءَةِ) މާނަ:“ޢަރަބި ބަސް ދަސްކުރާށެވެ. ފަހެ އެއީ ސިކުނޑި ވަރުގަދަކޮށްދޭ އަދި މުރޫއަތްތެރިކަން އިތުރުކޮށްދޭ ކަމެކެވެ.“

މައިންބަފައިންނަށް އިޙްތިރާމް ކުރުމާއި ގާތްތިމާގެ މީހުންނަށް އަޅާލައި އެމީހުންނަށް ޒިޔާރަތްކޮށް ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ކޮންމެހެން ކުރާންޖެހޭ ކަމެއްކަންވެސް ދަރީންނަށް ކުޑައިރު ބުނެދޭށެވެ. މަޝްހޫރު ހަދީޘެއްގެ މާނައިގާވެއެވެ. ”ﷲގެ ރަސޫލާއެވެ.ތިމަން އެންމެ ލޯބިވާންވީ ކާކު ދެކެ ތޯއެވެ؟ ހަދީޘްކުރެއްވިއެވެ. ތިބާގެ މަންމަ ދެކެއެވެ. ދެންވެސް ތިބާގެ މަންމަ ދެކެއެވެ. ދެންވެސް ތިބާގެ މަންމަ ދެކެއެވެ. ދެން ތިބާގެ ބައްޕަ ދެކެއެވެ. ދެން ތިބާއާ (ޢާއިލީ ގޮތުން) އެންމެ ގާތް މީހާ އެއަށްފަހު ދެން އެންމެ ގާތްމީހާ ދެކެއެވެ.” )އަބޫ ދާވޫދް) ދަރީންނަށް އެންމެ ކުޑައިރުންސުރެވެސް މަންމައާއި ބައްޕަގެ ޙައްޤު މަޤާމު ބުނެދޭށެވެ. އަދި ގާތްތިމާގެ ކަމުގެ ގުޅުން ދަމަހައްޓަން ނަޞޭހަތްތެރިވާށެވެ. ދުޢާ އަކީ ދަރީންގެ ތަރުބިއްޔަތުގެ ބިންގާ ރަނގަޅަށް އެޅުމުގެ ތައުފީޤު މާތް ﷲ އަޅަމެންނަށް މިންވަރުކުރެއްވުމެވެ.

13