އަޚްލާޤު
“އަޞްޙާބުލްޔަމީން” އަކީ ކޮންބައެއް؟

“އަޞްޙާބުލްޔަމީން” މިއީ ކޮންބައެއްކަން ދެނެގަންނަމާ ހިނގާށެވެ.ނަބިއްޔާ صلى الله عليه وسلم ޙާދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގާވެއެވެ.”ހަމަކަށަވަރުން الله އެކަލާނގެ މުއުމިނު އަޅާ އެކަލާނގެ އަރިހަށް ގެއްނަވާ އެކަލާނގެ ރައްކާތެރިކަމުގެ ހިޔާވަހިކަން ދެއްވައި ސުވާލުކުރައްވާނެއެވެ. ތިބާ އެވެނި މިވެނި ފާފައެއް ކުރީމު ހެއްޔެވެ؟ އޭނާ ބުނާނެއެވެ:”މިއަޅާގެެ ވެރިރަސްކަލާނގެއެވެ. އާދޭހެވެ!” ދެން، އޭނާ ކުރި ހުރިހާ ފާފަތަކަކަށް އިޢުތިރާފުވަންދެން އެކަލާނގެ (އެ ފާފަތަކުގެ ވާހަކަ) އައްސަވާނެއެވެ. އަދި އޭނާ ގެއްލިހަލާކުވެއްޖެކަމަށް ހީކުރެވޭހިނދު الله ވަޙީކުރައްވާނެއެވެ.”ތިމަން އިލާހު ތިބާގެ ފާފަތައް ދުނިޔޭގައިވެސް ވަންހަނާ ކުރެއްވީމުއެވެ.އަދި މިއަދު ތިބާއަށްޓަކައި އެ ފާފަތައް ފުއްސަވައިދެއްވައިފީމުއެވެ.ދެން އެމީހަކަށް އެކަލާނގެ ހެޔޮ ޢަމަލުތަކުގެ ފަތް ދެއްވާނެއެވެ.”(متفق عليه) އޭނާ އެ ފަތް ކިޔާނީ، ހިތްހަމަޖެހުމާއި އުފާވެރިކަމާއެކުގައެވެ.

އެކަލާނގެ ވަޙީކުރައްވާފައިވާ މި އާޔަތްތަކުގެ މާނައާމެދު ވިސްނާފިކުރުކޮށްލާށެވެ.(ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނު މީހާ ދަންނާށެވެ!(7) ފަހެ، ލުއިފަސޭހަވެގެންވާ  ހިސާބު ބެއްލެވުމަކުން، ނިކަންހުރެ އެމީހަކާމެދު ހިސާބު ބައްލަވާނެތެވެ.(8) އަދި އުފަލުންހުރެ، އޭނާގެ އަހުލުވެރިންގެގާތަށް (ސުވަރުގެޔަށް) އެނބުރިދާނެތެވެ.(9)(الانشقاق: 7-9)

އަދި އުފާވެރިކަމުން ފުރިގެންވާ ޙާލު އެމީހުން ބުނާނެއެވެ.(هَاؤُمُ اقْرَءُوا كِتَابِيَهْ)(الحاقة: 19) މާނަ:”މިއޮތީއެވެ.ތިޔަބައިމީހުން ތިމަންގެ ފަތް ކިޔައިބަލާށެވެ!”

ކަނާތްފަރާތުގެ މީހުންނާމެދު އެކަލާނގެ ވާޙީކުރެއްވި ބަސްފުޅުތަކުގެ މާނައިގައިވެެއެވެ. (ކަނާތްފަރާތުގެ މީހުންނެވެ. ކަނާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟(27) (އެއުރެންވަނީ) ކަށިނެތް، ކުންނާރު ގަސްތަކުގެ ތެރޭގައެވެ.(28) ކެޔޮވައްތައް އެތުރިފައިވާ ފަތްކެޔޮ ގަސްތަކުގެ ތެރޭގައެވެ.(29) އަދި ފެތުރިގެންވާ ހިޔަލުގައެވެ.(30) އަދި އަބަދަށް އޮހިއޮހިހުންނަ ފެން، އެއުރެންނަށް ލިބޭނެއެވެ.(31) އަދި ގިނަގުނަވެގެންވާ މޭވާތައްވެސްމެއެވެ.(32) ހުސްވުމެއްނުވާ، އަދި މަނާވުމެއްނުވާ މޭވާއެވެ.(33) އަދި އުފުލިގެންވާ ދާންތަކެވެ.(34)(الواقعة: 27- 34)

ހަމައެހެންމެ، ކަނާއަތަށް ފަތް ލިބޭ މީހުން ސުވަރުގެ ވައްނާނީ އެކަނިމާއެކަންޏެއް ނޫނެވެ. އަދި މަލާއިކަތުން އެމީހުންނަށް ތަހުނިޔާ ކިޔުއްވާނެއެވެ.އެކަލާނގެ ވާޙީކުރެއްވި މި އަޔާތްތަކުގެ މާނަ ނިކަން ބައްލަވާށެވެ.((އެއީ) ޢަދުނޭ ކިއުނު ސުވަރުގެތަކެވެ.އެ ސުވަރުގެތަކަށް އެއުރެންނާއި، އެއުރެންގެ މައިންބަފައިންނާއި، އެއުރެންގެ އަނބިންނާއި، އެއުރެންގެ ދަރިންކުރެ ޞާލިހުވި މީހުން ވަންނާނެތެވެ.އަދި އެތާނގެ ހުރިހާ ދޮރަކުން، މަލާއިކަތުން އެއުރެންގެ ގާތަށް ވެދެވަޑައިގަންނަވާނެތެވެ.(23) (އެބޭކަލުން ވިދާޅުވާނެތެވެ.) ތިޔަބައިމީހުން ކެތްތެރިވިކަމަށްޓަކައި، ތިޔަބައިމީހުންގެ މައްޗަށް ސަލާމްހުށްޓެވެ. ފަހެ، އާޚިރަތުގެ އުފާވެރި ގޮވަތީގެ މޮޅުކަމާއެވެ! (24) (الرعد: 23- 24)

ދަންނާށެވެ! އެންމެ ހެޔޮ އެންމެ އަރާމު ދިރުއުޅުން އުޅޭނީ ހަމަ ސުވަރުގެ ވަންތަވެރީންނެވެ. އެބައިމީހުންނީ “އަޞްޙާބުލްޔަމީން”އެވެ. މާތް ﷲ ވަޙީކުރަައްވާފައި މި ބަސްފުޅުތަކުގެ މާނައާމެދު ނަޒަރު ހިންގާލާށެވެ. (ފަހެ، އޭނާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ.(21) މަތިވެރިވެގެންވާ ސުވަރުގެޔެއްގައެވެ.(22) އެތާނގެ މޭވާތައް ކައިރިވެގެންވެއެވެ.(23) (އަންގަވާނެތެވެ.) އަރާމުލިބެނިވިގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުންކުރި ހެޔޮ ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުންނެވެ.(24) (الحاقة: 22- 24)

“އަޞްޙާބުލްޔަމީން” ގެ ތެރޭގައިވުމަށްޓަކައި ކުރެވޭނީ ކޮންކަމެއްތޯއެވެ؟ އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. (ثُمَّ كَانَ مِنَ الَّذِينَآمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ* أُولَئِكَ أَصْحَابُ الْمَيْمَنَةِ) މާނަ:” ދެން އީމާންވެ، އަދި ކެތްތެރިވުމަށް އެކަކު އަނެކަކަށް ވަޞިއްޔަތްކޮށް، އަދި މީސްތަކުންނަށް ރަޙުމުބެހެއްޓުމަށް އެކަކު އަނެކަކަށް ވަޞިއްޔަތްކޮށް އުޅުނުމީހުންގެ ތެރެއިން އޭނާ ވާނެތެވެ.(17) ކަނާތްފަރާތުގެ މީހުންނީ، އެއުރެންނެވެ.”

ދުޢާ އަކީ “އަޞްޙާބުލްޔަމީން” ނުވަތަ ކަނާތްފަރާތުގެ މީހުންގެ ތެރޭގައި އަޅަމެން އެންމެން ލެއްވުމެވެ.

4