ޝައިޚު ޢަބްދުﷲ ސަޢީދު ޖަލަށްގެނެސް ބޭއްވީ ބޯނުހިއްލާ ގޮޅީގައެވެ. އެދުވަހު ޖަލަށް އޭނާ ގެނެވުނުއިރު އަޅުގަނޑުމެންނަށް ފެނުނީ ވަރަށް ސާފުތާހިރު ހުދުހެދުމުގައި ހުންނެވި ނަލަރީތި ފައިވާނެއްގައި އަދި ވަރަށް ރީތި ކަޅު ތާކިހަލެއް އަޅުއްވައިގެން ހުންނެވި ޝައިޚު ޢަބްދުﷲ ސަޢީދެވެ. ކޮންމެއަކަސް ޖަލުގެ ގަވާއިދުތަކަށް ނުހޭނި އެކަންކަމުގެ ތެރޭގައި ވަރަށް އަވަހަށް ޝައިޚު ބަލިވެއްޖެއެވެ. ކުރިންވެސް ދެންނެވިހެން ބޯ ނުހިއްލާ ގޮޅި ހުންނަނީ އަޅުގަނޑުމެންގެ ގޮޅިއާ ޖެހިގެންނެވެ. އެހެންކަމުން އެގޮޅީގައި ހިނގާ ނުހިނގާ ކަންތައް ވަރަށް ރަނގަޅަށް އެނގެއެވެ. އެތަކެއް މަހެއް ނުވެ ސަޢީދު ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. ހަށިގަނޑު ޕެރެލައިޒުވިއެވެ. ރަނގަޅަކަށް ނުހިންގެވެއެވެ. ހަތަރު މޮއްގަނޑު ޖަހާފައި ގޮނޑުދޮށަށް ވަޑައިގަންނަވާ ހިސާބަށް ހިނގައްޖެއެވެ. އަދި އަމުދުން އެވަރުވެސް ނުކުރެވޭ ދުވަސް އަތުވެއްޖެއެވެ. ދެން ދުވަސްކޮޅަކުން އޭނާގެ އިސްކޮޅަށްވުރެވެސް ދިގު ރިއްބުރިއެއް ޖަހައިގެން ހިނގަން ޝައިޚު ޢަބްދުﷲ ސަޢީދަށް އެންގިއްޖެއެވެ. ޝައިޚު ޢަބްދުﷲ ސަޢީދު ގެ އަތްޕުޅުން އެ ފަލަ ރިއްބުރި ބިންމަތީގައި ވިއްދާ ގޮނޑުދޮށާ ގޮޅިއާ ދޭތެރޭ ހިންގަވާއިރު ފޯރިއަށްތިބޭ މީހުން ހީހީފާ މިހާރު ދެން ކަސްރަތަކަށްވެސް ފުދޭނެއޭ ކިޔާ މަލާމާތްކޮށް ހަދައެވެ. މިގޮތަށް ރިއްބުރި ޖަހައިގެން ޝައިޚު ޢަބްދުﷲ ސަޢީދަށް ހިންގެވުނީ ދުވަސްކޮޅަކުއެވެ. ދެން މުޅިންވެސް އަތިރިއަށް ވަޑައިގެން އުޅުއްވީ ލޫދިފައެވެ. ޝެއިޚު ޖަލުން ސަލާމަތްވެގެން ދުވަސްގަނޑަކު މާލޭގައި އުޅުއްވިއެވެ. މި ޖެހުނު ބަލިމަޑުކަމުން ސަލާމަތްނުވެ ސަޢީދު އަވަހާރަވެ ވަޅުލެވުނީ ފުވައްމުލަކުގައެވެ.