އިބުރަތްތެރި ވާހަކަ
ކުޑަކުދިންގެ ވާހަކަ: ތެދުވެރި ލައިދަން

ރަސްގެފާނުގެ މުސްކުޅިވެ ބާރު ދެރަވަމުންދާތީ އައު ރަސްގެފާނެއް ހޯދުމަށް އަޒުމްކޮށް އެ ސަހަރުގެ ކުޑަ ކުދިން އެއްކުރިއެވެ. ރަސްގެފާނުގެ ގާތް މީހުން ހޮވުމުގެ ބަދަލުގައި ރަސްގެފާނު ބޭބުންފުޅުވީ ތަފާތުގޮތަކަށް ރަސްކަލަކު ހޮވުމަށެވެ. އަވަށުގެ ކުޑަކުދިން އެއްކުރުމަށްފަހު ރަސްގެފާނު ދެންނެވިއެވެ. “މިއުޅެނީ އައު ރަސްގެފާނަކު ތިޔަކުދިންގެ ތެރެއިން ހޮވާށެވެ.”

ހުރިހާ ކުޑަކުދިން ވަރަށް ހައިރާންވިއެވެ. ރަސްގެފާނުގެ ވާހަކަ ކުރިއަށްގެންދިޔައެވެ. “އަހަރެން ތިޔަ ހުރިހާ ކުޑަކުދިންނަށް އޮށެއް ދޭނަމެވެ. ވަރަށް ހާއްސަ އޮށެކެވެ. މި އޮއް އިންދުމަށްފަހު ފެންދީ އެއް އަހަރު ފަހުން މި އޮށުން ފެޅި ގަސް ހިފައިގެން އަންނާށެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ރަސްގެފާނުކަމަށް އައްޔަން ކުރާނަމެވެ.

ލައިދަން ކިޔާ ކުއްޖަކު ހަމަ އެހެން ކުދިންނެކޭވެސް އެއްގޮތަށް ވަރަށް އުފަލުން އޮށް ހިފައިގެން ގެއަށް އައެވެ. ވަރަށް އުފަލުން ހުރެ މަންމައަށް ރަސްގެފާނު ދެންނެވި ވާހަކަތައް ކިޔައިދިނެވެ. މަންމަ ލައިދަން އަށް ގަސް ވަށިގަނޑެއް ގެނެސްދީ އިންދާ ފެންދިނުމަށް އެހީތެރިވިއެވެ. ކޮންމެ ދުވަހަކު ލައިދަން އެގަސްވަށިގަނޑަށް ފެންދެއެވެ. ދެތިން ހަފްތާ ފަހުން ލައިދަންގެ އެކުވެރިން އެކުދިންގެ ގަސް ފެޅި ވާހަކަޔާއި ގަސް ބޮޑުވާ ވާހަކަ ކިޔައެވެ.

ލައިދަންގެ ގަސް ފަޅާތޯ ލައިދަން ކޮންމެ ދުވަހަކު ބަލައެވެ. ނަމަވެސް އެއްވެސް ގަހެއް ނުފެޅިއެވެ. ތިން ހަފާތާ، ހަތަރު ހަފްތާ ފަސް ހަފްތާވެސް ފާއިތުވެއްޖެއެވެ. ނަމަވެސް ގަހުގެ އެއްވެސް ހިލަމެއް ނުވެއެވެ. ލައިދަންގެ އެކުވެރިން އެކުދިންގެ ގަހާ ބެހޭގޮތުން ވަރަށް ވާހަކަ ދައްކައެވެ. ހަމަސް ފާއިތުވީއިރުވެސް ލައިދަންގެ ގަސްވަށިގަނޑުން ގަހެއް ނުފެޅިއެވެ. ލައިދަންގެ އޮށް ހަލާކުވީ ކަމުގައި ލައިދަންއަށް ވިސްނުނެވެ.

ލައިދަންގެ އެކުވެރިންގެ ގަސް ވަރަށް ބޮޑުވެއްޖެއެވެ. ނަމަވެސް ލައިދަންގެ ގަސްވަށިގަނޑު ހުރީ ހުހަށެވެ. މިކަމާ ލައިދަން ދެރަވިއަސް އުއްމީދު ކަނޑައެއްނުލައެވެ. އެ ގަސް ފަޅާނެ ދުވަހެއްގެ އިންތިޒާރުގައި ލައިދަން ހުއްޓެވެ.

އަހަރެއް ފާއިތުވެއްޖެއެވެ. ހުރިހާ ކުދިން ރަސްގެފާނުގެ ގަނޑުވަރަށް އެކުދިންގެ ގަސް ހިފައިގެން އެބަދެއެވެ. ލައިދަންގެ މަންމައަށް ބުންޏެވެ. “މަންމާއެވެ. އަޅުގަނޑު މިއަދު މި ވަށިގަނޑު ހިފައިގެން ރަސްގެފާނު ގަނޑުވަރަކަށް ނުދާނަމެވެ. މި ވަށިގަނޑުގައި އެއްވެސް ގަހެއް ނެތެވެ.” ލައިދަންގެ މަންމަ ބުންޏެވެ. ދަރިފުޅާއެވެ. ދަރިފުޅު ތެދުވެރިކަމާއެކު މަސައްކަތް ކުރީމެއްނޫންހެއްޔެވެ؟ ދަރިފުޅު ކުރި މަސައްކަތް އެނގޭނެ ނޫންހެއްޔެވެ؟ ދާށެވެ! އަދި ކަން ހިނގިގޮތް ކިޔައިދޭށެވެ. ލައިދަންގެ މަންމަ އެބުނުއްވީ ތެދުކަން ލައިދަން އަށް އެނގެއެވެ. ލައިދަންގެ ހުސް ގަސްވަށިގަނޑު ހިފައިގެން ރަސްގެފާނު ގަނޑުވަރަށް ދިޔައެވެ. ލައިދަން އެތަނަށް ދިޔައިރު ރީތި ރީތި ގަސް ގަސް ހިފައިގެން ކުދިން ގަނޑުވަރަށް ގޮސްފައި ހުއްޓެވެ. ވަރަށް ރީތި މާގަސްތަކާއި ރީތި ބަގީޗާ ގަސްތައްވެސް ހުއްޓެވެ. ނަމަވެސް ލައިދަންގެ ގަސްވަށިގަނޑު އިނީ ހުހަށެވެ. ލައިދަންގެ ގަސް ވަށިގަނޑު ތިރީގައި ބޭންދުމުން ބައެއް ކުދިން މަލާމާތް ކުރިއެވެ. މަދު ކުއްޖަކު ލައިދަންވެސް މަސައްކަތް ކުރީމަ ހިތްވަރު ދިނެވެ.

ރަސްގެފާނު އެތަނަށް ހާޟިރުވެއްޖެއެވެ. އުފާވެރި މޫނަކާއެކު ހުރިހާ ކުދިންނަށް ސަލާމް ގޮވާލިއެވެ. “މާޝާ ﷲ. ހާދަ ރީތި ގަސްތަކެކޭ. ” ލައިދަން ކުދިންގެ ފަހަތަށް ގޮސް ކުޑަކޮށް ފިލައިގެން ހުއްޓެވެ. “މިއަދު ތިޔަ ކުދިންގެ ތެރެއިން ކޮންމެސް ކުއްޖަކު ރަސްކަމަށް އިސްކުރެވޭނެއެވެ.” ކުއްލިއަކަށް ރަސްގެފާނުގެ ލޮލުގަ އަޅައިގަތީ އެއްވެސް ގަހެއް ނެތް ހުސް ގަސްވަށިގަނޑެކެވެ. ރަސްގެފާނުގެ ގާޑުންނަށް އެ ގަސްވަށިގަނޑު ގެނައި ކުއްޖާ ކޮބައިތޯ ސުވާލު ކުރިއެވެ.

 ލައިދަން ވަރަށް ބިރުގަތެވެ. ރަސްގެފާނު އެއުޅެނީ އަޅުގަނޑު ބަންދު ކުރަންބާއޭ ލައިދަން ހިތައް އެރިއެވެ.

ލައިދަން ހުރިހާ ކުދިންގެ ކުރިމައްޗަށް އަރައި ރަސްގެފާނު ކައިރިއަށް ދިޔައިރު ބިރުން ތުރުތުރުއަޅައެވެ. ރަސްގެފާނު ސުވާލު ކުރިއެވެ. ކޮން ނަމެއް ކިޔާ ކުއްޖެއް ހެއްޔެވެ؟ “އަޅުގަނޑަކީ ލައިދަން.” ލައިދަން ބިރުން ހުރެ ބުންޏެވެ. އޭރު ހުރިހާ ކުދިން ހެނީއެވެ. ރަސްގެފާނު އަޑު މަޑުކުރުމަށް ބުންޏެވެ. އަދި ހުރިހާ ކުދިންނަށް ބުންޏެވެ. މިއީ އައު ރަސްގެފާނެވެ. ރަސްކަން ދެން ލިބޭނީ ލައިދަން އަށެވެ.” ލައިދަންއަށް ގަބޫލެއްވެސް ނުކުރެވުނެވެ. ލައިދަންގެ ގަސްވަށިގަނޑުގައި ގަހެއްވެސް ނެތެވެ. އައު ރަސްގެފާނަށް ލައިދަން ވާނީ ކިހިނެތް ހެއްޔެވެ؟

ރަސްގެފާނު ވިދާޅުވިއެވެ. “މީގެ އެއްއަހަރު ކުރިން ތިޔަކުދިންނަށް އޮށެއް ދިނީމެވެ. އެ އޮށް އިންދާ ފެން ދިނުމަށްފަހު އެއް އަހަރު ފަހުން އައުމަށް ބުނީމެވެ. ނަމަވެސް އެދުވަހު އަހަރެން ދިނީ ފެނުކެއްކި އޮށެކެވެ. އެއަކުން ގަހެއް ނުފަޅާނެއެވެ. ތިޔަ ކުދިން އެ އޮށުގެ ބަދަލުގައި އެހެން އޮށެއް އިންދާ ގަސް ބޮޑުކުރީއެވެ. އެހެން ކަމުން ތިޔަކުދިންގެ ތެރެއިން އެންމެ ތެދުވެރީ ލައިދަންއެވެ. އެހެން ކަމުން ލައިދަންއަށް ރަސްކަން ލިބުނީއެވެ.

ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

 “ތިޔަބައިމީހުން ތެދު ބުނާހުށިކަމެވެ. ހަމަކަށަވަރުން ތެދުވެރިކަން މަގުދައްކަނީ ހެޔޮ ކަންތައްތަކަށެވެ. އަދި ހެޔޮ ކަންތައްތައް މަގުދައްކަނީ ސުވަރުގެއަށެވެ. ﷲގެ ޙަޟްރަތުގައި ތެދުވެރިއެއްކަމުގައި ލިޔެވެންދެން ތެދުބުނުމާއި ތެދުވެރިކަންމަތީގައި އަޅާ ދެމިހުރެއެވެ. ދޮގު ހެދުމުން ތިޔަބައިމީހުން ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން ދޮގުވެރިކަން މަގުދައްކަނީ ނުބައިކަމަށެވެ. އަދި ނުބައިކަންތައްތައް މަގުދައްކަނީ ނަރަކައަށެވެ. ﷲގެ ޙަޟްރަތުގައި ދޮގުވެރިއެއްކަމުގައި ލިޔެވެންދެން ދޮގުހެދުމާއި ދޮގުވެރިކަންމަތީގައި އަޅާ ދެމިހުރެއެވެ.”

މިވާހަކައިން ލިބޭ އިބްރަތް: އެއްވެސް ވަގުތެއްގައިވެސް ދޮގުހަދައިގެން ނުވާނެކަމެވެ.

7