މަތިވެރިވެގެންވާ، އެމަހެއްގައި ކީރިތި ޤުރްއާން ބާވާލެއްވުނު މައްސަރު އަޅުގަނޑުމެނާ ބައްދަލުކޮށް، އެމައްސަރުގެ ދުވަސްތައް އަޅުގަނޑުމެން ގުނަމުންދާއިރު، ވީހާވެސް ގިނައިން ކީރިތި ޤުރްއާނަށް ވަގުތު ދެވޭތޯ މަސައްކަތް ކުރަންވާނެއެވެ.
އިބްނު ތައިމިއްޔާ ، އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ފަހު ދުވަސްތަކުގައި ޖަލަށްލެވުނެވެ. ޖަލުގެ ތޭރިތަކުގައި ވީހިނދު ވަރަށް ގިނައިން ޤުރްއާން ވިދާޅުވާ ކަމުގައި އައިސްފައިވެއެވެ. ފޫހިވުމެއް، ވަރުބަލިވުމެއްނެތި އެއް ޚަތިމު ކުރެއްވުމަށްފަހު އަނެއް ޚަތިމު ކުރައްވަމުން ގެންދެވިއެވެ. ބުނެވޭ ގޮތުގައި އެގޮތުގައި އެކަލޭގެފާނު 81 ވަނަ ޚަތިމް ކުރައްވަމުން ގެންދަވަމުން އަލްޤަމަރު ސޫރަތުގެ ފަހު ދެއާޔަތް ކިޔަވާ ވިދާޅުވިތަނާ އެކަލޭގެފާނުގެ ރޫޙުފުޅު ﷲ ސުބުޙާނަހޫ ވަތަޢާލާ ހިއްޕެވިއެވެ.
އަލްޤަމަރު ސޫރަތުގެ ފަހު ދެއާޔަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ.
ހަމަކަށަވަރުން، ތަޤްވާވެރިންވަނީ، ސުވަރުގެތަކާއި، ބާވަތްބާވަތުގެ ކޯރުތަކުގެ ނިޢުމަތުގައެވެ.
في مَقعَدِ صِدقٍ عِندَ مَليكٍ مُقتَدِرٍ [القمر: ٥٤ – ٥٥]
ހިތްހަމަޖެހޭ، އުފާވެރިކަމުގެ ދާނެއްގައެވެ. ކުޅަދުންވަންތަ، ރަސްވަންތަ ރަސްކަލާނގެ ޙަޟްރަތުގައެވެ.
އަޅުގަނޑުމެން ވާންވީ މިފަދައިން ޤުރްއާނާއެކު ވާ ބަޔަކު ކަމުގައެވެ. ހުސްވަގުތެއް ލިބުމުން ކިޔަވާލާ ފޮތެއްގެ ބަދަލުގައި، އެ ޤުރްއާނަށްޓަކައި އެޤުރްއާން ކިޔެވުމަށްޓަކައި، އެޤުރްއާން މުރާޖަޢާ ކުރުމަށްޓަކައި، އެޤުރްއާން ތަދައްބަރު ކުރުމަށްޓަކައި އަޅުގަނޑުމެންގެ ވަގުތުތައް ހުސްކޮށްލަންވީއެވެ.
اللَّهـُمَّ إَجْعَلَ الْقُرْآنَ العَظِيمَ رَبِيعَ قُلُوبِنا وَنُورَ صُدُورِنَا وَجَلاَءَ أَحْزَانِنَا وَذَهَابَ هُمُومِنَا وَغُمُومِنَا
ޔާﷲ…! ޤުރްއާނަކީ މިއަޅާގެ ހިތުގެ ރަބީޢު ކަމުގައްޔާއި ހިތުގެ ނޫރު ކަމުގައި ލައްވާނދޭވެ! އަދި މިއަޅާގެ ހިތާމަ ފިއްލަވާ އަދި ކަންބޮޑުވުން ނެތިކުރާ އެއްޗެއް ކަމުގައި ލައްވާނދޭވެ!