ދަމު ނަމާދު ކުރެއްވުމަށް ޒުވާން ސަޙާބީ ބޭކަލުންނަށް ރަސޫލާ صلى الله عليه وسلم ބާރު އަޅުއްވާ، ހިތްވަރު ދެއްވެވި. މިގޮތުން ޢުމަރުގެފާނު ދަރިކަލުން ޢަބްދުﷲގެފާނަށް އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި.
نعم الرجل عبدالله لو كان يصلي من الليل
ރޭ އަޅުކަން ކުރައްވާ އުޅުއްވާނަމަ، عبدالله އަކީ ހާދަހާވާ ރަނގަޅު ބޭކަލެކެވެ.
އިބްނު ޢުމަރުގެ ދަރިކަލުން ސާލިމް ވިދާޅުވި.
”މި ބަސްފުޅު އިވިވަޑައިގަތުމަށްފަހު ތިމަންގެ ބައްޕާފުޅު ރޭގަނޑުގެ ވަރަށް މަދު ވަގުތުކޮޅަކު މެނުވީ ނިދިނުކުރައްވައެވެ.“
ރޭގަނޑުގެ ތިންބައިވާ ހިނދު ޢާލަމްތަކުގެ ވެރި އިލާހު ދުނިޔޭގެ އުޑަށް ނުޒޫލުވެވޮޑިގަންނަވާ. ފައިބާވަޑައިގަންނަވާ.
ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅުކުރެއްވިއެވެ.
ينزل ربنا كل ليلة إلى السماء الدنيا حين يبقى ثلث الليل الآخر فيقول من يدعوني فأستجيب له ومن يسألني فأعطيه ومن يستغفرني فأغفر له
( صحيح أخرجه البخاري ومسلم )
ކޮންމެ ރެއެއްގެވެސް ފަހު ތިންބަޔަށް އެޅުމުން މާތް ﷲ ދުނިޔޭގެ އުޑަށް ފައިބާވަޑައިގެން ބަސް ވަޙީކުރައްވާނެތެވެ.
[ތިމަން ރަސްކަލާނގެއަށް ދުޢާ ކުރަނީ ކާކު ހެއްޔެވެ؟ ފަހެ އެމީހަކަށް ތިމަން ރަސްކަލާނގެ އިޖާބަ ކުރެއްވުމަށެވެ.
ތިމަން ރަސްކަލާނގެ ޙަޟްރަތުން ކަމަކަށް އެދި ސުވާލު ކުރަނީ ކާކު ހެއްޔެވެ؟ ފަހެ އޭނާ އެދޭ ކަންތައް އޭނާއަށް ދެއްވުމަށެވެ. ތިމަން ރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދެނީ ކާކު ހެއްޔެވެ؟ ފަހެ އެމީހަކަށް ތިމަން ރަސްކަލާނގެ ފުއްސެވުމަށެވެ.] (
އިމާމު ޝާފިޢީގެފާނު ވިދާޅުވެފައިވޭ.
ހާރުދަމުގެ ވަގުތުގައި ނުވަތަ ދަމުނަމާދުގެ ވަގުތުގައި ކުރެވޭ ދުޢާގެ މިސާލަކީ އަމާޒުން ބޭރު ނުވާ ތީރެއްގެ މިސާލޭ.
ދަމުނަމާދު ކުރުމުގެ އާދަ ކަށީގައި ހަރުލައްވަން ބޭނުންފުޅުވާ ބޭފުޅަކަށް ރަމަޟާން މަހަކީ ރަނުގެ ފުރުޞަތެއް.
ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުން.
މި ރަމަޟާން މަހަކީ އަޅުގަނޑުމެން ދަމުނަމާދުގެ ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ މައްސަރެއް ކަމުގައި ހަދަމާތޯ.
ހާރުދަމުގެ ވަގުތު ޣަނީމާ ކުރަމާތޯ.
سبحانك اللهم و بحمدك أشهد أن لاإله إلا أنت أستغفرك و أتوب إليك