ނަޞޭޙަތާއި އިރުޝާދު
لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ ކިޔުމުގެ މާތްކަން

ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅުކުރެއްވިއެވެ.“އޭ ޢަބްދުﷲ އިބްނު ޤައިސްއެވެ. ސުވަރުގޭގެ ޚަޒާނާތަކުގެ ތެރެއިން ޚަޒާނާއެއް ތިމަންކަލޭގެފާނު ތިބާއަށް ބުނެދެއްވަމުހެއްޔެވެ؟ ޢަބްދުﷲ އިބްނު ޤައިސް رضي الله عنه ވިދާޅުވިއެވެ. އާދޭހެވެ. އޭ ﷲ ގެ ރަސޫލާއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅުކުރެއްވިއެވެ.

لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ

“އެއްވެސް އާރެއް ބާރެއް މާތް ﷲ ގެ ވާގިފުޅާއެކުގައި މެނުވީ ނުވެއެވެ.” މިފަދައިން ތިބާ ކިޔާހުށިކަމެވެ.

ރެފަރެންސް: صحيح البخاري


لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِމި ޒިކުރުގެ ތަފްޞީލަކީ ކޮބައިތޯ؟

ޢަރަބި ބަހުގައި “ الحَوْلُގެ މާނައަކީ ޙަރަކާތެވެ. ނުވަތަ އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލު ވުމެވެ. އަދި “ القُوَّةُގެ މާނައަކީ ބާރެވެ. އެހެންކަމުން މިޒިކުރުގެ މުރާދަކީ؛ ހިތާމަވެރިކަމުންނާއި، ފާފަކުރުމުންނާއި، ނުކުޅެދުންތެރިކަމުންނާއި، ފަޤީރުކަމުންފަދަ އެންމެހާ ޙާލަތްތަކުން ރަނގަޅު ޙާލަތްތަކަށް ބަދަލުވެވޭހުށީ، އަދި އެ ބަދަލުވުމުގެ އާރާއިބާރު ވަނީ ހަމައެކަނި الله ގެ ޙަޟްރަތުންނެވެ.


ނަބަވީ އިރުޝާދު ތަކުން އެނގޭ ގޮތުގައި ބަންގި ގޮވާ އަޑު އިވިއްޖެ ނަމަ އިމާމުމީހާ ކިޔާ އެއްޗެއް ކިޔާނީއެވެ. ހަމައެކަނި ބަދަލު ކޮށްލަން ޖެހެނީ حي على الصلاة، حي على الفلاح މިބައިގައެވެ. حي على الصلاة، حي على الفلاح އިމާމުމީހާ ކިޔަމުންދާއިރު ބަންގީގެ އަޑު އިވޭ މީހާ ކިޔާނީ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ މިފަދައިންނެވެ.


ގެއިން ނުކުންނަމުން ކުރާ ދުޢާގައިވެސް لاَحَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ އައިސްފައިވެއެވެ.

بِسْمِ اللهِ ، تَوَكَّلْتُ عَلى اللهِ وَلا حَوْلَ وَلا قُوَّةَ إِلاّ بِالله .
ﷲގެ އިސްމު ފުޅުން ފަށަމެވެ. މިއަޅާ ﷲއަށް ވަކީލު ކުރަމެވެ. ﷲގެ ޙަޟްރަތުން މެނުވީ އެއްވެސް އާރެއް އަދި ބާރެއް ނުވެއެވެ.

ކޮންމެ މީހަކުވެސް ގެއިން ނުކުތުމާއެކު، ޝައިޠާނުން އޭނާއާ ދިމާކުރާނެއެވެ. އަދި އޭނާއަށް ނޭގޭ ގޮތް ގޮތުން އޭނާއަށް އުދަގޫކޮށް ވަސްވާސް ދޭނެއެވެ. އެހެންނަމަވެސް ގެއިން ނިކުންނަމުން މި ދުޢާ ކޮށްފި މީހަކު، ﷲ ސުބްޙާނަހޫ ވަތަޢާލާ ، ޝައިޠާނާގެ ކިބައިން ރައްކާތެރި ކުރައްވައެވެ.

لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ އަކީ ބަރަކާތްތެރި ކަލިމައެކެވެ. އެއީ ތަވައްކަލުް ކުރުމުގެ ކަލިމައެވެ.

މި ކަލިމަ ކިޔާއިރު ކަލިމައިގެ މާނައާއި މަޤްސަދާއިމެދު ވިސްނާ ފިކުރުކުރަންވާނެއެވެ.

މިއީ އިސްލާމްކަމާއި އިސްތިލާމްކުރުމުގެ ކަލިމައެވެ. މި ކަލިމައިގެ ނާރެހަކީ މާތްﷲއަށް ތަވައްކަލްކުރުމެވެ.

ސުފްޔާން އައްޘައުރީ رحمه الله ކިބައިން ރިވާވެގެންވެއެވެ. ޖަޢުފަރު ބިން މުޙައްމަދު ވިދާޅުވިއެވެ.

ތިބާ ލޯބިކުރާ ކަމެއް ކުރިމަތި ވެއްޖެ ނަމަ، ފަހެ الحمد لله ކިޔުން ގިނަކުރާށެވެ.

އަދި ތިބާ ނުރުހޭ ކަމެއް ކުރިމަތި ވެއްޖެ ނަމަ، ފަހެ لا حول ولا قوة إلا بالله ކިޔުން ގިނަކުރާށެވެ.

އަދި ރިޒްޤު ހިފެހެއްޓިއްޖެ ނަމަ، ފަހެ އިސްތިޣްފާރު ގިނަކުރާށެވެ.

ސުފްޔާން رحمه الله ވިދާޅުވިއެވެ: ފަހެ މި ނަޞޭހަތުން ތިބާއަށް މަންފާ ކުރާނެވެ.

[ المجالسة وجواهر العلم]

11