އިބުރަތްތެރި ވާހަކަ
އުނދުނަށްލައި މަންމަ މަރާލި މީހާގެ ވާހަކަ

މަސްތުވާތަކެއްޗަކީ ނުރައްކާތެރި އެއްޗެކެވެ. އޭގެ ސަބަބުން ތިމާގެ ހޭބުއްދި ފިލައި ކުރޭ ނުކުރެވޭ ކަމެއް ނޭނގޭ ގެއްލުންދެނިވި އެއްޗެކެވެ. އެހެންވެ އިސްލާމްދީނުގައި ވަނީ ރަލާއި މަސްތުވާ އެހެނިހެން އެއްޗެހިވެސް ޙަރާމްކުރައްވާފައެވެ. ކާމިޔާބުވަނީ އެތަކެއްޗާ ދުރުވުމުގައެވެ. އެހެންނަމަވެސް, އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން މި ފާފައަށް އަރައި ގަންނަނީ އެއީ ވަރަށް ’ސަޅި‘ ކަމެއް ކަމަށް ހީކޮށެވެ. ނަމަވެސް އެ ފާފަ ތިބާ ނުރައްކާތެރި އަނދަވަޅަކަށް ވައްޓާލަފާނެކަން ހަނދާނެއް ނުހުރެއެވެ. ނިކަން މި ޙަޤީޤި ޙާދިޘާތައް އަޑުއަހާލާށެވެ.

މުޙައްމަދު އަކީ ރާބުއިމަށް ދެވި ހިފާފައި ހުރި މީހެއް ކަމުގައި ވިއެވެ. ޝަޢުބާން މަހުގެ އެންމެ ފަހު(ރޯދަ މަސް ފެށުމުގެ އެއްދުވަސް ކުރިން) އޭނާ ގެއަށް އައީ ރާބޮއެ މަސްތުވެފައިވާ ޙާލުގައެވެ. އޭރު އޭނާގެ މަންމަ ހުރީ އުނދުނަށް އަލިފާނަށް ހުޅުލާށެވެ. (އެހިސާބުގެ އުންދުން ތަކަކީ ބޮޑުކޮށް ފުންކޮށް ހަދާފައި ހުންނަ އުންދުން ތަކެކެވެ.) އެހެން ހުރެފައި ރާބޮއެ މަސްތުވެގެން އައި  އޭނާގެ ދަރިފުޅާ ދިމާލަށް ރުޅިއައިސްގެން އެއްޗެހި  ކިޔައިގަތެވެ. ދެން މުޙައްމަދު މަސްތު ޙާލުގައި ހުރެ އޭނާގެ މަންމަ ނަގައި އުނދުން ތެރެއަށް އެއްލާލިއެވެ. އެހިނދު އޭނާގެ މަންމަ އަނދައިގެން ދިޔައެވެ. ނިކަން ވިސްނާށެވެ! ތިމާ ބަނޑުއަޅައި ވިހެއި މައިމީހާ ތިމާގެ އަތުން މަރާލާ ހިސާބަށް އެ ގެންދިޔައީ މަސްތުވާތަކެއްޗެވެ.

އެއަށްފަހު އެކުރެވުނު ފާފައިގެ ބޮޑުކަން ހިތަށް އަރައި މުޙައްމަދު ތައުބާވެ އަޅުވެރިއެއް ކަމުގައި ވިއެވެ. އަދި ޙައްޖުގެ މަތިވެރި އަޅުކަންވެސް އަދާކުރިއެވެ. އޭގެ ފަހުން އެއްދުވަހަކު އޭނާއަށް ހުވަފެނެއް ފެނުނެވެ. އެ ހުވަފެނުގައި ފެނުނީ އޭނާ ފިޔަވައި އެހެން ހުރިހާ ޙައްޖުވެރިންނަށް ފާފަފުއްސެވިފައިވާތީ ފެނުނެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ފަހުން ތައުބާވެވިދާނެއޭ ހިތައި ފާފަތަކުގެ ތެރެއަށް ފުންމާނުލާށެވެ! އެ ފާފަ ތިބާ ގެންގޮސް ނުރައްކާތެރި އަނދަވަޅަކަށް ތިބާ އެއްލާލަފާނެއެވެ.

މާތް الله އަޅަމެއްގެ މުސްލިމު އަޚުންނާއި އުޚްތުން މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ސަލާމަތްކޮށްދެއްވާށިއެވެ.

192