ނަޞޭޙަތާއި އިރުޝާދު
ރަމަޟާން މަހުގެ ދުވަސްތައް މައްކާގައި ހޭދަކުރުން

ޙިޖުރައިން 1444 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުނީއެވެ. މި ބަރަކާތްތެރި މައްސަރު މާތް ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑުވެގެންވާ ބިމުގައި ހޭދަކުރުމުގެ މަތިވެރި ނިޔަތުގައި އެތައް ލައްކަ މުސްލިމުން މައްކާއަށް ޖަމާވަމުން އެބަދެއެވެ. ހެޔޮ ޢަމަލުތަކުގެ މީޒާން ބަރުވާފަދަ އެތައް ހެޔޮ ޢަމަލެއް ކުރުމުގެ ދޮރު މައްކާއަށް އައުމުން ހުޅުވިގެންދެއެވެ.

ރަމަޟާން މަހު ކުރާ ޢުމްރާގެ އަޖުރު ޙައްޖަކާ އެއްވަރުވެގެންވެއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. ((عُمْرَةٌ فِي رَمَضَانَ تَعْدِلُ حَجَّةً أَوْ حَجَّةً مَعِي)( (متفق عليه) މާނައީ: ”ރަމަޟާންމަހުގެ ޢުމްރާއެއް (ޘަވާބުގެ ގޮތުން) ޙައްޖަކާ ނުވަތަ ތިމަންކަލޭގެފާނާއެކު ކުރާ ޙައްޖަކާ އެއްވަރުވެގެންވެއެވެ.“

ރޯދަވެރިޔާ ރޯދައަށް ހުންނަ ވަގުތުން ފެށިގެން ރޯދަވީއްލައިފުމަށްދާންދެން އޭނާގެ ދުޢާތައް އިޖާބަވެގެންވާކަމުގައި ނަބަވީ އިރުޝާދުތަކުން އެނގެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ”ثَلَاثَةٌ لَا تُرَدُّ دَعْوَتُهُمْ: الْإِمَامُ الْعَادِلُ، وَالصَّائِمُ حَتَّى يُفْطِرَ، وَدَعْوَةُ الْمَظْلُومِ“(رواه ابن ماجه) މާނައީ: ”ތިން މީހެއްގެ ދުޢާ އިޖާބަ ނުކުރައްވައި ރައްދު ނުކުރެއްވޭ ހުއްޓެވެ. އެއީ ރޯދަވެރިޔާ ރޯދަ ވީއްލުމަށް ދާންދެންނާއި، ޢަދުލުވެރި ވެރިޔާއާއި، އަނިޔާ ލިބިފައިވާ މީހާގެ ދުޢާއެވެ.“ މައްކާގެ މާތްބިމުގައި ތިމާގެ އަމިއްލަ ނަފްސަށާއި ގާތްތިމާގެ މީހުންނަށާއި ރަޙްމަތްތެރިންނަށް ހެޔޮ ދުޢާކުރުން ގިނަ ކުރައްވާށެވެ. ދުޢާ އިޖާބަކުރެވޭވަގުތުތަކުގައި މިކަމަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ މައްސަރެވެ. ކީރިތި ޤުރްއާން ބާވައިލައްވަން ފެށުނީ މައްކާގެ ނޫރު ފަރުބަދައިގެ ހޮހޮޅައިގައި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އިންނަވަނިކޮށެވެ. ބަރަކާތްތެރި ރަމަޟާންމަހުގެ ހެޔޮކަން އިތުރުކުރަން އެދޭމީހާ ގިނަގިނައިން ޤުރުއާންކިޔަވާހުށިކަމެވެ. މައްކާގެ ޙަރަމްފުޅުގެ ޙުދޫދުގެތެރޭގައި މި ފަދަ ހެޔޮ ޢަމަލުތައް ކުރުމުން ލިބޭ ޘަވާބުވެސް އިތުރުވެގެންވާކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.

މައްކާގެ ޙަރަމްފުޅުގައި ކުރެވޭ ތަރާވީޙް ނަމާދާއި ދަމުނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަކީ އާދަޔާޚިލާފު ހިތްހަމަޖެހުމަކާއި ތަސައްލީއެއް ލިއްބައިދޭ ކަމެކެވެ. މި އަޅުކަންތަކުގައި ބައިވެރިވާއިރު އެންމެ އިސްކަމެއް ދޭންވިކަމަކީ ހިތް ނިޔަތް ސީދާކުރުމެވެ. މީސްމީޑިއާގެ ނުފޫޒުގަދަ މި ޒަމާނުގައި މި ފަދަ ފުރުޞަތުތައް ދެއްކުންތެރިކަމުގެ ވަގުތުތަކަކަށް ނުހެދުމަށް ހަނދާންކުރަންވާނެއެވެ. އެކަކު އަނެކަކަށް ހަނދާންކޮށްދޭންވާނެއެވެ.

މައްކާއަށް އައުމުގެ ނަސީބު ލިބޭ ކޮންމެ މީހަކުވެސް އެކިއެކި އަޅުކަމުގައި ޝާމިލުވެވޭތޯ ބަލަންވާނެއެވެ. މިސާލަކަށް ތަވާފުކުރުން، ނަމާދުކުރުން، ޛިކުރުކުރުން، ދުޢާކުރުން، ޤުރުއާން ކިޔެވުން، އެހެންމީހުންނަށްޓަކައި ދުޢާކޮށްދިނުން، ޢިލްމު އުނގެނުން ފަދަ ކަންކަމުގައެވެ.

އެއްދުވަހަކު ޞަޙާބީންގެ ޖަމާޢަތަކާއި މުޚާތަބުކުރައްވާ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.

فمن أصبح منكم اليوم صائما؟

ތިޔަބޭކަލުންގެ ތެރެއިން މިއަދު ރޯދައަށް ހުރީ ކޮން ބޭކަލެއްތޯއެވެ؟

އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނެވެ. އޭ ﷲ ގެ ރަސޫލާއެވެ.

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.

فمن تبع منكم اليوم جنازة؟

ތިޔަބޭކަލުންގެ ތެރެއިން މިއަދު ޖަނާޒާއެއްގައި ބައިވެރިވީ ކޮން ބޭކަލެއްތޯއެވެ؟

އަނެއްކާވެސް އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނެވެ. އޭ ﷲ ގެ ރަސޫލާއެވެ.

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.

ތިޔަބޭކަލުންގެ ތެރެއިން މިއަދު މިސްކީނަކަށް ކާންދިނީ ކޮން ބޭކަލެއްތޯއެވެ؟

އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނެވެ. އޭ ﷲ ގެ ރަސޫލާއެވެ.

فمن عاد منكم اليوم مريضا؟

ތިޔަބޭކަލުންގެ ތެރެއިން މިއަދު ބަލިމީހަކަށް ގޮވާލަން ދިޔައީ ކޮން ބޭކަލެއްތޯއެވެ؟

އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނެވެ. އޭ ﷲ ގެ ރަސޫލާއެވެ.

ދެން ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. މި ޢަމަލުތައް ޖަމަޢަކޮށްފި މީހާ ސުވަރުގެ ވަދެއްޖެއެވެ.

މައްކާގައި އުޅޭއިރު ފަސޭހައިން ކަށުނަމާދުގައި ބައިވެރިވެވޭނެ.

މައްކާގައި ކުރެވޭ ހެޔޮ ޢަމަލުތަކުގެ އަޖުރު އިތުރުވާއިރު، މައްކާގައި ކުރެވޭ ފާފަތަކުގެ އަޒާބުވެސް ބޮޑުވެގެންވެއެވެ.

މައްކާގައިހުރެ އުރެދުމަކަށް އަރައިގަތުމަށް ބޭނުންވެ އެކަމަށް ހަމައެކަނި ނިޔަތްގަނެފި މީހާއަށްވެސް ﷲ ތަޢާލާވަނީ ބޮޑުވެގެންވާ ވަޢީދަކުން ވަޢީދުބަސްފުޅު ޙައްޖު ސޫރަތުގެ 25 ވަނަ އާޔަތުގައި ވަޙީކުރައްވައިފައެވެ. އެންމެ މާތް އެންމެ ބަރަކާތްތެރި ބިމުގައި ހުރެ ކުރެވެމުންދާ ފާފަތަކުން ތައުބާވެ، އެ ފާފަތަކަށް އެނބުރި ނުދިއުމުގެ ޢަޒުމް ކަނޑައަޅަންޖެހެއެވެ.

ޘަވާބާއި ދަރުމައަށް އެދޭ އެންމެހާ އަޚުންނާއި އުޚުތުން ރަމަޟާން މަސް ފަދަ ހެޔޮކަމުގެ ފޯވަހިތައް މައްކާ ނުވަތަ މަދީނާގައި ހޭދަކުރުމުގެ ޢަޒުމުގައި ޚަރަދުތައް އިޤްތިޞާދުކޮށް، އެކަމަށް ފައިސާ ރައްކާކުރަން ފައްޓަވާށެވެ.

މި ބަރަކާތްތެރި ރަމަޟާންމަހު މައްކާގައި ތިއްބެވި އެންމެހާ އަޚުންނާއި އުޚުތުންނަށް ހެޔޮކަމުގެ މި ފޯވަހި ޣަނީމާކުރުމުގެ ތައުފީޤު ދެއްވާށި. އަޅަމެންގެ ހެޔޮ ޢަމަލުތައް ޤަބޫލުކުރައްވާށި. އާމީން.

https://youtube.com/watch?v=IqNlqa0wk-A&feature=shares

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

3