މީސްތަކުން އަތްފޯރާފަދަ އަގުތަކުގައި ތަކެތި ފޯރުކޮށްދީ، ރަމަޟާންމަހުގެ ދަރުމަޔާއި ޘަވާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައްވާފިއެވެ.
ވިޔަފާރިވެރިންނޭވެ! ރަމަޟާން މަހަކީ ވިޔަފާރީގެ ފައިދާއާއި މަންފާ އިތުރަށް ހޯދުމުގެ މަހަކަށް ހެދުމުގެ ބަދަލުގައި، މީސްތަކުން އަތްފޯރާފަދަ އަގުތަކުގައި ތަކެތި ފޯރުކޮށްދީ، އެ މައްސަރުގެ ދަރުމަޔާއި ޘަވާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ! މުއައްސަސާތަކުގެ މަސްއޫލުވެރިންނޭވެ! މުވައްޒަފުންނަށް ފަސޭހަކޮށް، މި މަތިވެރި މައްސަރުގެ ފުރިހަމަ ޘަވާބާއި ދަރުމަ ލިބޭގޮތަށް، އަޅުކަމުގެ ކަންކަމަށް ފުށުނާރާނެހެން، މަސައްކަތުގެ މާހައުލު ބައްޓަންކުރާށެވެ!
މުސްލިމް އަޚުންނޭވެ! ރަމަޟާންމަހުގެ ރޭތަކަކީ ހަމައެކަނި ކެއިން ބުއިމާއި، މަޖާކުރުމުގެ ރޭތަކަކަށް ނަހަދާށެވެ! އޭގެ ބަދަލުގައި އެރޭތަކަކީ ދުންޔަވީ ގޮތުންނާއި އުޚްރަވީ ގޮތުން ފައިދާހުރި، ބޭނުންތެރި، ރޭތަކަކަށް ހެދުމަށް ޢަޒުމް ކަނޑައަޅާށެވެ. ޚާއްސަކޮށް، ފަހުދިހައިގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ މި މައްސަރާ ބައްދަލުކުރާށެވެ!