އިމާމް ބުޚާރީ އަކީ މަޝްހޫރު ޙަދީޘް ޢިލްމުވެރިއެކެވެ. ކީރިތި ޤުރުއާނަށް ފަހު އެންމެ ޞައްހަ ފޮތް ލިޔުއްވި ޞަހީހުލް ބުޚާރީގެ މުއައްލިފެވެ. އިމާމް ބުޚާރީގެ ބައްޕާފުޅު ވަރަށް ތުއްޕުޅުއިރުގައި ވަނީ ނިޔާވެފައެވެ. އެހެންކަމުން އެކަލޭގެފާނު ތަރުބިއްޔަތުކޮށް ބެލެހެއްޓެވީ އެކަލޭގެފާނުގެ މަންމާފުޅެވެ. އިމާމް ބުޚާރީ އުމުރުފުޅުން 12 އަހަރުގައި ލޮލުގެ ފެނުމުން މަޙުރޫމުވިއެވެ. ތަނަވަސް ޢާއިލާއަކަށް ވުމުން ކުރެއްވި އެތައް ފަރުވާއަކާއެކު ވެސް އެކަލޭގެފާނުގެ ލޮލުގެ ފެނުން އަނބުރާ ލިބޭގޮތެއްނުވިއެވެ. އެކަލޭގެފާނުގެ މަންމާފުޅަކީ ދީންވެރި ޞާލިހު ބޭކަނބަލެއްކަމުގައި ވިއެވެ. އެކަލޭގެފާނުގެ މަންމާފުޅު މެދުކެނޑުމެއްނެތި އިމާމް ބުޚާރީގެ ލޮލަށް ފެނުން ދެއްވުން އެދި ﷲ ގެ ހަޟްރަތުގައި ރޮއެ އާދޭސް ދެންނެވުމުގައި ދެމިހުންނެވިއެވެ.
އެއްރެއެއްގެ ހުވަފެނުގައި އެކަމަނާގެ އަރިހަށް އިބްރާހިމްގެފާނު ވަޑައިގެން ދެންނެވިއެވެ. “ކަމަނާގެ ކީރިތި ކުރެއްވުމާއި މެދުކެނޑުމެއްނެތް ދުޢާ ގެ ސަބަބުން ﷲ ކަމަނާގެ ދުޢާ އިޖާބަ ކުރައްވާ ދަރިފުޅުގެ ފެނުން ދެއްވައިފިއެވެ.” ހެނދުނު އިމާމް ބުޚާރީ ހޭފުޅު ލެއްވި އިރު އެކަލޭގެފާނަށްވަނީ ފެނުމުގެ ހިއްސު ލިބިފައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ﴿غافر: ٦٠﴾ މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ.”
އެއީ އެކަލޭގެފާނުގެ އުމުރުފުޅުން 16 އަހަރުގައެވެ. އެހެން ނަމަވެސް ހައިރާންވި ކަމަކީ ހަތަރު އަހަރު ތެރޭގައި ލޯފަން ކުއްޖެއްގެ ގޮތުގައިވީ އިރު އެކަލޭގެފާނު ވަނީ 500،000 ހަދީޘް ހިތު ދަސްކޮށްފައެވެ. މަންމައެއްގެ މިންނަތް މަސައްކަތެވެ. ބުނެވޭގޮތުގައި އެކަލޭގެފާނުގެ މަންމާފުޅު އެކަލޭގެފާނަށް ދަސްވާންދެން ތަކުރާރުކޮށް ހަދީޘް ކިޔައިދެއްވާ އެކަލޭގެފާނު ހަދީޘް ހިތުދަސްކުރެއްވިއެވެ.
އިމާމް ބުޚާރީގެ މަންމަގެ ދިރިއުޅުއްވުމުން މިއަދުގެ މުސްލިމް އަންހެންތަކުން ދެނެގަންނަން ޖެހޭ އެއްކަމަކީ ދުޢާ ކުރުމުގައި ދެމިހުރުމާއި ހިތްދަތި ދަނޑިވަޅުތަކުގައި ކެތްތެރިވެ މާތްﷲ އަށް ދެންނެވުމުގެ މުހިއްމުކަމެވެ. ދުޢައަކީ މިފަދަ ކެތްތެރިކަމާއި އީމާންކަމެއް އަޅުގަނޑުމެންގެ މައިންނަށް ދެއްވުމެވެ.
ވަރަށް ފުރިހަމަ ވާހަކައެއް