ނަޞޭޙަތާއި އިރުޝާދު
ވަޙީގެ ދިގު ސިލްސިލާ ނިމުނު އާޔަތް

ނަބީކަމާއި ރަސޫލުކަން ޚަތިމްކުރެއްވެވީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއެވެ. ގިނަ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް އެންމެ ފަހުން ބާއްވައިލެއްވުނު އާޔަތަކީ

وَاتَّقُوا يَوْمًا تُرْجَعُونَ فِيهِ إِلَى اللَّهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ (281)

މި އާޔަތެވެ. މިއީ ބަގަރާ ސޫރަތުގެ އާޔަތެކެވެ. މި އާޔަތުގައި އެންގެވިފައިވަނީ މާތްﷲގެ ޙަޟްރަތަށް ރުޖޫޢަކުރެވޭ ދުވަހަށް ބިރުވެތިވުމަށެވެ. އެދުވަހަށް ތައްޔާރުވުމަށެވެ.

އާޚިރަތް ދުވަހަށް ތައްޔާރުވުމާއި މީސްތަކުން ދުރުވެފައިވާ މިންވަރު ބަޔާންކުރައްވަމުން މާތް ﷲ، الأنبياء ސޫރަތުގެ ފުރަތަމަ އާޔަތުގައި ވަހީކުރައްވައިފައިވެއެވެ.

}اقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِي غَفْلَةٍ مُّعْرِضُونَ (1){

މާނައީ: (މީސްތަކުންނަށް އެބައިމީހުންގެ ހިސާބުބެއްލެވޭ ދުވަސް ގާތްވެއްޖެއެވެ. އެހެނަސް އެބައިމީހުންވަނީ ޣާފިލުކަމެއްގައި ފުރަގަސްދީފައެވެ.)

އާޚިރަތުގެ ދަތުރުގައި އިންސާނުން އެންމެ ފުރަތަމަ ކަޑައްތުކުރާ މަރުހަލާއަކީ މަރެވެ.

އެ މަރަކީ މީހެއްގެ ވެރިކަމާއި ޢިއްޒަތާއި ޝަރަފުގެ މަތިވެރިކަމުގެ ސަބަބުން، މީހެއްގެ ވަރުގަދަކަމުގެ ސަބަބުން އެކަމުން ފިލޭނެ ކަމެއް ނޫނެވެ. މަރަކީ މާތްﷲ ކާއިނާތުގައި ލައްވަވާފައިވާ ސުންނަތްތަކުގެ ތެރެއިން ސުންނަތެކެވެ. ކޮންމެ ނަފުސެއްވެސް މަރުގެ ރަހަ ދެކޭނެއެވެ.

މާތް ނަބިއްޔާ صلى الله عليه وسلم ގާތަށް މަރު އައި ހިނދު ޙަދީޘް ކުރައްވަމުން ގެންދެވިއެވެ. (إن للموت لسكرات) މާނައީ: ”ހަމަކަށަވަރުން މަރަކީ ވޭންހުރި އެއްޗެކެވެ.“

އެއްދުވަހަކު މަދީނާގެ ޤަބުރުސްތާނުގައި މީހަކު ވަޅުލުމަށްފަހު ރަސޫލާ صلى الله عليه وسلم އިށީނދެވަޑައިގެން އިންނެވިއެވެ. އަސްހާބުބޭކަލުން އެކަލޭގެފާނުގެ ވަށަވަށައިގެން އިށީނދެ ވަޑައިގެން ތިއްބެވިއެވެ. ރަސޫލާ صلى الله عليه وسلم ބައެއްފަހަރު ލޯފުޅު މައްޗަށް އުފައްލަވައެވެ. ބައެއްފަހަރު ލޯފުޅު ތިރިކުރައްވައެވެ. މިފަދަ ހަމަހިމޭން ވަގުތުކޮޅަކަށްފަހު ދުނިޔެއިން މީހާ ވަކިވެގެންދާ ވަގުތުގައި ކަންތައް ވާނެގޮތް ތަފްސީލްކޮށްދެއްވިއެވެ.

މަރުވިމީހަކީ އީމާނުގެ އަހުލުވެރިއެއް ކަމުގައިވާނަމަ، ދުނިޔޭގައި ހެޔޮގޮތުގައި އޭނާގެ ހަޔާތް ވޭތުކޮށްފައިވާ މީހެއްކަމުގައި ވާނަމަ، ސުވަރުގޭގެ ކަފުނާއި މީރުވަސް ދުވާ ހުވަނދާއިގެން މަލަކަލްމައުތު ރަޙްމަތުގެ މަލާއިކަތުންނާއިއެކު ވަޑައިގެން ވިދާޅުވާނެއެވެ.

”އޭ ހިތްހަމަޖެހިފައިވާ ޠާހިރު ފުރާނައާއިއެވެ. ﷲގެ ރުއްސެވުމާއި ފުއްސެވުމަށްދާން ނުކުންނާށެވެ.“ އެ ހިނދުގައި ފެން ހަމަކުން ފެން ތިއްކެއް ވެއްޓޭފަދަ ލުއި ގޮތަކަށް އެ ފުރާނަ ނެރެ ސުވަރުގޭގެ ކަފުނާއި ހުވަނދަށްލެވޭނެއެވެ. ހުރިހާ އުޑެއްގެ ދޮރުކޮޅުތައް އެ ފުރާނައަށްޓަކައި ހުޅުވޭނެއެވެ. ހުރިހާ މަލާއިކަތް ބޭކަލުން އެ ފުރާނަ އުޑަށް އުފުލުމަށް އެދިވަޑައިގަންނަވާނެއެވެ. އަދި ކޮންމެ މަލާއިކަތް ބޭކަލަކުވެސް އެ ފުރާނައަށް ރަޙްމަތްލެއްވުން އެދި ދުޢާކުރައްވާނެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހަޟްރަތަށް ހަތް އުޑު ކަޑައްތުކޮށް އެ ޠާހިރު ފުރާނަ އުފުއްލެވޭނެއެވެ. އެހިނދުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާނެއެވެ. ޢިއްލިއްޔީންގައި ތިމަން ރަސްކަލާނގެ އަޅާގެ ފުރާނަ ލިޔުއްވާށެވެ. އެއަށްފަހުގައި ބިމަށް އެ ފުރާނަ ރައްދުކުރެވޭނެއެވެ. ކަށްވަޅުގައި އެ ފުރާނައާއި ސުވާލުކުރެވޭނެއެވެ. ތިބާގެ ރައްބަކީ ކޮބާތޯ، ތިބާގެ ދީނަކީ ކޮބާތޯ، ތިބާގެ ގާތަށް ފޮނުއްވުނު ނަބިއްޔަކީ ކޮބާތޯ ސުވާލުކުރެވޭނެއެވެ.  އެހިނދުގައި އެ ފުރާނަ ޘާބިތުކަމާއިއެކު ޖަވާބުދޭނެއެވެ. އިބްރާހީމް ސޫރަތުގެ 27 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވެއެވެ. يثبت الله الذين ءامنوا بالقول الثابت في الحياة الدنيا و في الآخرة

މާނައީ: ދުނިޔޭގެ ޙަޔާތުގައްޔާއި އާޚިރަތުގައި ސާބިތުވެގެންވާ ޙައްޤުބަހުން އީމާންވީމީހުންނަށް ﷲ ސާބިތުކަން ދެއްވަތެވެ.

އެކަށްވަޅު ތަނަވަސް ކޮށްދެއްވުމަށާއި އެ ކަށްވަޅުގައި ސުވަރުގޭގެ ދާން އެޅުމަށް

އެހިނދުގައި ނިދާ އިއްވެވޭނެއެވެ. އެ ކަށްވަޅަކީ ސުވަރުގޭގެ ބަގީޗާއެއްފަދަ ތަނަކަށް ވާނެއެވެ.

سورة الأعلى ގެ 16 ވަނަ އާޔަތާއި 17 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

بل تؤثرون الحياة الدنيا و الآخرة خير و أبقى

މާނަ:“އަދި ކިއެއްތަ! އާޚިރަތުގެ ހެޔޮކަން ބޮޑުވެފައި ދެމިހުރުން ބޮޑުވެގެންވާ ހާލުވެސް ތިޔަބައިމީހުން ދުނިޔޭގެ ދިރިއުޅުން އިސްކުރަމުއެވެ.“

https://youtu.be/K4rbziisJqs

8