ނަޞޭޙަތާއި އިރުޝާދު
ހުކުރު ދުވަސް ޚާއްސަވާ 10 ސަބަބު

ހަފްތާގެ ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަހަކީ އިސްލާމްދީނުގައި ޚާއްސަ މަޤާމެއް ދެވިފައިވާ ދުވަހެކެވެ.

އެއީ  ހަފްތާގެ ތެރޭގައި އިރު އެދުވަހެއްގެ މައްޗަށް އަރާ އެންމެ މާތް ދުވަހެވެ.

އާދަމުގެފާނު ޚަލްޤު ކުރެއްވުނީ ހުކުރު ދުވަހެއްގައެވެ.

އާދަމުގެފާނުގެ ތައުބާ ޤަބޫލުކުރެއްވުނީ ހުކުރު ދުވަހެއްގައެވެ.

ބިންމަތީގައި އިންސާނާ އުޅެން ފެށީ ހުކުރުދުވަހެއްގައެވެ.

ދުނިޔެ ޤިޔާމަތްވާނީވެސް ހުކުރުދުވަހެއްގައެވެ.

ކޮންމެ ހުކުރު ދުވަހެއްގެ ފަޖުރުގެ އަލިކަން ފާޅުވީއްސުރެ އިރުއަރަންދެން ޤިޔާމަތުގެ ތާޅަފިލީގެ އަޑަށް ހުރިހާ ޖަނަވާރުން ހުޝިޔާރުވެތިބޭ ކަމުގައި ސައްހަ ހަދީޘްގައި އައިސްފައިވެއެވެ.

ހުކުރު ދުވަހުގެ މާތްކަން  އެދުވަހުގެ ފަތިސް ނަމާދާއި ބެހޭގޮތުން އައިސްފައިވާ ހަދީޘްފުޅުތަކުންވެސް ޘާބިތުވެއެވެ.

އިބުނު ޢުމަރު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ.

“ إنَّ أفضلَ الصَّلواتِ عندَ اللَّهِ : صلاةُ الصُّبحِ يومَ الجمعةِ في جَماعةٍ“

”ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުގައި މަތިވެރިކަން އެންމެ ބޮޑު ނަމާދަކީ ޖަމާޢަތުގައި ކުރާ ހުކުރުދުވަހުގެ ފަތިސްނަމާދެވެ.“ البيهقي

ހުކުރުދުވަހުގެ ޚާއްޞަ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ އެ ދުވަހުގައި ދުޢާ އިޖާބަކުރެއްވޭ ވަގުތެއް ވާ ކަމެވެ.

ހުކުރުދުވަހުގައި ބާރަ ‘ސާޢަތު’ވާކަމާއި އޭގެ ތެރެއިން އެއް ވަގުތަކީ ދުޢާ އިޖާބަކުރައްވާ ވަގުތެއްކަމަށާއި އެވަގުތު ހޯދުމަށް ހުކުރުދުވަހުގެ ޢަޞުރުފަހުން އެންމެ ފަހު ‘ސާޢަތު’ ގައި ބޮޑަށް މަސައްކަތްކުރުމަށް ވާރިދުވެފައިވާ ޙަދީޘެއްވެއެވެ.

«يَوْمُ الْجُمُعَةِ اثْنَتَا عَشْرَةَ سَاعَةً، لَا يُوجَدُ فِيهَا عَبْدٌ مُسْلِمٌ يَسْأَلُ اللَّهَ شَيْئًا إِلَّا آتَاهُ إِيَّاهُ فَالْتَمِسُوهَا آخِرَ سَاعَةٍ بَعْدَ الْعَصْرِ»މާނައީ: “ހުކުރުދުވަހުގައި ބާރަ ‘ސާޢަތު’ވެއެވެ. މުސްލިމަކު ކަމަކަށް އެދި (ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވައިފިނަމަ) އެކަމެއް ދެއްވާނެ ވަގުތުކޮޅެއް އޭގެ ތެރޭގައި ވެއެވެ. ފަހެ ޢަޞުރު ފަހުން އެންމެ ފަހު ‘ސާޢަތު’ ގައި އެ ވަގުތު ހޯދުމަށް މަސައްކަތް ކުރާށެވެ.”(ބައްލަވާ: شرح النووي على صحيح مسلم (6 / 136)).

ހުކުރު ނަމާދު ވާޖިބުވާ މީހަކަށް ނަމާދުގެ ވަޤުތު ވަނުމަށްފަހު ޟަރޫރަތެއްގައި މެނުވީ ދަތުރަކު ފުރުން ހުއްދަވެގެން ނުވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ‎﴿٩﴾‏

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.

މަގްބޫލު އުޒުރަކާއި ނުލައި ހުކުރަށް ނުދިއުމަކީ އެބައިމީހުންގެ ހިތުގައި ސިއްކަ ޖެހި ބަންދުވެދާނެ ކަމެކެވެ.

އިބުނު ޢުމަރު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ.

“ لينتهين أقوام عن ودعهم الجمعات أو ليختمن الله على قلوبهم ، ثم ليكونن من الغافلين “ رواه مسلم

”މީސްތަކުން ހުކުރު ނަމާދު އަޅައިފުމުން ރައްކައުތެރިވާ ހުށިކަމެވެ. ނޫންނަމަ ﷲ ތަޢާލާ އެއުރެންގެ ހިތްތަކުގައި ސިއްކަ ޖައްސަވައިފާހުއްޓެވެ. ދެން ހަމަކަށަވަރުން އެއުރެންނީ ޣާފިލުންގެ ތެރެއިންވާ ބަޔަކު ކަމުގައި ވެދާހުއްޓެވެ.“

ހުކުރު ނަމާދަކީ ހަފުތާގެ ތެރޭގައި ކުރެވޭ ކުދި ފާފަތަކުގެ ކައްފާރާއެކެވެ.

މިކަން ބަޔާން ކުރައްވައި ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. «الصَّلَوَاتُ الخَمْسُ، وَالجُمُعَةُ إِلَى الجُمُعَةِ، وَرَمَضَانُ إِلَى رَمَضَانَ مُكَفِّراتٌ لِمَا بَيْنَهُنَّ إِذَا اجْتُنِبَتِ الكَبَائِرُ». رواه مسلم މާނައި: ”ފަރުޟު ފަސްނަމާދާއި، (އެއް ނަމާދުން އަނެއް ނަމާދަށާއި) އެއް ހުކުރުން އަނެއް ހުކުރަށާއި، އެއް ރަމަޟާން މަހުން އަނެއް ރަމަޟާން މަހާ ދެމެދުގެ ވަގުތުތަކަކީ، އެ މީހަކު ބޮޑެތި ފާފަތަކުން ރައްކާތެރިވެއްޖެނަމަ (އެ ދެމެދުގައިވާ ވަގުތުތަކުގައި ކުރެވޭ ކުދި) ފާފަތަކުގެ ކައްފާރާއެއްކަމުގައި ވާހުއްޓެވެ.“

ރަމަޟާން މަސް ފަދައިން ހުކުރު ދުވަހަކީވެސް ހެޔޮކަމުގެ މޫސުމެކެވެ. އަދި މާތް الله އިންސާނުންނަށް އެފަދަ މަތިވެރިވެގެންވާ ހެޔޮކަމުގެ މޫސުންތައް ކެނޑިނޭޅި ތަކުރާރުކޮށް ދެއްވަވަނީ އެއިލާހުގެ ރުއްސެވުމާއި ފުއްސެވުން އަދައިގެން ހެޔޮޢަމަލުކުރުން ގިނަކުރުމަށް ހިތްވަރުދެއްވެވުމެވެ.

ހުކުރުގެ ދަރުމަ ހެޔޮގޮތުގައި ލިބިގަންނާށެވެ!

18