ދުވަސް
ގަޑިއިރު
މިނެޓު
ސިކުންތު
ނަޞޭޙަތާއި އިރުޝާދު
ރިސޯޓެއްގައި ރޫމްބޯއީއެއްގެ ގޮތުގައި މަސައްކަތްކުރާ މީހަކު ދޭ ފައިސާގައި ހިފުން

ރިސޯޓެއްގައި ރަލުގެ އެއްވެސް މުޢާމަލާތެއް ކުރަންޖެހޭ ފަރާތަކުން ހޯދާ ފައިސާ އަކީ އެ ހޯދުމުގައި ޙަރާމްކަން އެކުލެވިގެންވާ ފައިސާއެވެ.
ޙަރާމް ފައިސާ ޢިލްމުވެރިން ދެބަޔަކަށް ބައްސަވައެވެ. އެއީ
1- އަޞްލުގައި އޭގެ ޒާތުގައިވެސް ޙަރާމްފައިސާ، އެއީ މިސާލަކަށް، ވައްކަން ކޮށްގެން، ފޭރިގަނެގެން ހޯދާ ފައިސާ
2- ކާންބޯން މަސައްކަތްކޮށްގެން ޙަރާމް އާމްދަނީ ހޯދާ މީހާގެ ފައިސާ

ރިސޯޓެއްގައި މަސައްކަތްކުރާ ރަލުގެ މުޢާމަލާތު ކުރާ ވަޒީފާތަކުގައި އުޅޭ މީހުންނަކީ ކާންބޯން މަސައްކަތްކޮށްގެން ޙަރާމް އާމްދަނީ ހޯދާ މީހުންނެވެ.
ފުރަތަމަ ބައިގައިވާ މީހަކު، މިސާލަކަށް ވައްކަން ކޮށްގެން ހޯދާފައިވާ ފައިސާއެއް، ފޭރިގަނެފައިވާ ފައިސާއެއް، މީހަކު ދީފިނަމަ އޭގައި ހިފުން ހުއްދައެއް ނޫނެވެ. އަދި އެފަދަ މީހަކު ދޭ ހަދިޔާއެއްވެސް އެ ހަދިޔާ ދީފައިވަނީ ވައްކަންކޮށްގެން ހޯދާފައިވާ ފައިސާއިން ނުވަތަ ފޭރިގަނެގެން ހޯދާފައިވާ ފައިސާއިން ކަން ކަނޑައެޅިގެން އެނގިހުރެ އޭގައި ހިފުން ހުއްދައެއް ނުވާނެއެވެ.
އެއާ ޚިލާފަށް ރިސޯޓެއްގައި ރޫމް ބޯއީއެއްގެ ގޮތުގައި މަސައްކަތްކުރާ މީހަކު ދޭ ފައިސާއެއްގައި، އެފަދަ މީހަކު ދޭ ހަދިޔާއެއްގައި ހިފުން ހުއްދައެވެ.
ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، މިގޮތަށް ހޯދާ ފައިސާ ޙަރާމް ވާނީ އެ ހޯދާ މީހާގެ މައްޗަށެވެ. ހުއްދަ މަގަކުން އެފަދަ ފައިސާއެއްގެ ބޭނުން، މިސާލަކަށް ހަދިޔާއެއް، އަނބިދަރީންނާ ދޭ ޚަރަދު ދިނުން ފަދަ ކަންތައްތަކުގައި، އެ ހަދިޔާ ޤަބޫލުކުރާ މީހާގެ މައްޗަށާއި، ޚަރަދުގައި ހިފާ އަނބި ދަރީންގެ މައްޗަށް އެކަމުގެ ފާފަ ނޯންނާނޭކަމުގައި ވެސް އެބޭކަލުން ދެކެވަޑައިގަންނަވައެވެ.
ޝައިޚު އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ.

“ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ކާންބޯން މަސައްކަތްކޮށްގެން ޙަރާމް އާމްދަނީ ހޯދާ މީހާ، އެ ހޯދާ އާމްދަނީގެ ފާފަވަނީ އެ އާމްދަނީ ހޯދާ މީހާގެ މައްޗަށެވެ. އަދި އެ އާމްދަނީ ހޯދާ މީހާގެ ފަރާތުން، އެފައިސާ ލިބިގަންނަ އެހެން މީހުން އެކަމުގައި ފާފަވެރިއެއް ނުވާނެއެވެ. އެއީ އޭގެ ޛާތުގައި ޙަރާމްވެފައިވާ މިސާލަކަށް ފޭރިގެން ހޯދާ ފައިސާ ކަހަލަ ފައިސާއެއް ނޫނެވެ. މި ބަސްފުޅަކީ ވަރުގަދަ ބަސްފުޅެކެވެ. އޭގެ ދަލީލަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަހުލުވެރީންނަށް ޔަހޫދީންގެ ފަރާތުން ކާތަކެތި ބައްލަވައިގަތެވެ. ޚައިބަރުގައި، ޔަހޫދީ އަންހެނަކު ހަދިޔާކުރި ބަކަރީގެ މަސް އެކަލޭގެފާނު ފަރިއްކުޅުއްވިއެވެ. އަދި ޔަހޫދީއަކު ކެއުމަށް ދިން ދަޢުވަތު ޤަބޫލުފުޅުކުރެއްވިއެވެ. ގިނަ ޔަހޫދީންނަކީ ރިބާ ކައި، ޙަރާމް މުދާ ކައިއުޅޭ ބައެއްކަން އެއީ އެނގޭ ކަމެކެވެ. އަދި ހަމަ މި ބަސްފުޅުގެ ދަލީލަކަށް، ޢާއިޝާ ރަޟިޔަﷲ ޢަންހާ އަށް ބަރީރާ ހަދިޔާކުރެއްވި (ޞަދަޤާތުގެ ގޮތުގައި ބަރީރާއަށް ލިބުނު) ކަންބަޅި އަކާ ބެހޭގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅު “އެއީ ބަރީރާއަށް ޞަދަޤާތެއް، އަހަރެމެންނަށް ހަދިޔާއެއް” ފުދެއެވެ.
(ނޯޓް: ޞަދަޤާތް ފަރިއްކުޅުއްވުމަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޙަރާމް ކަމެކެވެ. ބަރީރާއަށް މީހަކު ކުރި ޞަދަޤާތެއް، ބަރީރާ ޢާއިޝާ ރަޟިޔަﷲ ޢަންހާއަށް ހަދިޔާ ކުރެއްވީއެވެ. އޭރުން އެ ނަބިއްޔާގެ މައްޗަށް ޙަރާމްއެއްޗެއްގެ ގޮތުގައި ވީ ޞަދަޤާތް އެކަލޭގެފާނުގެ މައްޗަށް ޙަލާލު އެއްޗެއްކަމުގައިވާ ހަދިޔާއަކަށް ބަދަލުވީއެވެ.) القول المفيد على كتاب التوحيد 3 / 112
އެހެންކަމުން ރިސޯޓެއްގެ ރޫމް ބޯއީއެއްގެ ގޮތުގައި މަސައްކަތްކުރާ މީހަކު ދޭ ފައިސާއެއްގައި ނުވަތަ ހަދިޔާއެއްގައި ހިފުމަކީ އެ ހިފާމީހާގެ މައްޗަށް އޭގައި ފާފައެއް އޮތް ކަމެއް ނޫނެވެ.
މުހިއްމު ނުކުތާއެއް: މިތަނުގައި ރިސޯޓެއްގައި ރޫމް ބޯއީ އެއްގެ ގޮތުގައި މަސައްކަތް ކުރާ މީހާއޭ މި ބުނަނީ ރަލުގެ މުޢާމަލާތެއްގައި ބައިވެރިވާންޖެހޭ ގޮތަށް މިސާލަކަށް ކޮޓަރިތަކަށް ރާ ވައްދައި، ރާ ބޮއެފައި ހުންނަ ތަށިތައް ނަގައި މިފަދަ ކަންކަން ކުރަން ޖެހޭ މީހުންނަށެވެ. މީގައި ރަލުގެ މުޢާމަލާތް ކުރަން ނުޖެހޭ ރޫމް ބޯއީންނެއް ނުހިމެނޭނެއެވެ.

މަރްޖިޢު
https://islamqa.info/ar/45018

87
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top