ވިސްނާނުލައި، ޤަވާއިދާ ޚިލާފަށް ސައިކަލް ނުވަތަ ކާރު ދުއްވުމުގެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ މައިންބަފައިން ހިތާމައިގެ ކަނޑަކަށް ޣަރަޤު ވުމެވެ. ލޯބިވާ ފިރިމީހާ ދުށުމުގެ އިންތިޒާރުގައި ގޭގައިއިން އަނބިމީހާއަށް ކުއްލިއަކަށް ހިތާމަވެރި ފޯނު ކޯލެއް ލިބުމެވެ. އޭނާގެ ޅަ ދަރީން ޔަތީމުވެ، އެކުދީންގެ ކުރިމަގު ބަނަވުމެވެ. ޤައުމަށް ފައިދާހުރި ހަކަތަ ތަކެއް ގެއްލިގެން ދިޔުމެވެ. ބައެއް މީހުން ދުނިޔެއާ ވަކިވަނީއެވެ. އަނެއް ބަޔަކު ނުކުޅެދުންތެރިވެ، ބަޔަކު އުފުއްލަން ޖެހޭ ބުރައަކަށް ވަނީއެވެ. އާއިލާއަށް ބަރުދާސްތުކުރާންޖެހޭ ދާއިމީ ހިތާމައަކަށް ވަނީއެވެ.
ސައިކަލް ނުވަތަ ކާރު ދުއްވުމުގެ ސަބަބުން ގެއްލުމާއި ހަލާކު ކުރިމަތިވަނީ ހަމައެކަނި ތިމާއަކަށް ނޫނެވެ. މިފަދަ ޙާދިސާތަކުގެ ސަބަބުން ބައެއް ފަހަރަށް މުޅި ޢާއިލާ ފަނާވެ ނެތިވެގެން ދެއެވެ. ކުޑަކުދިންނާއި ބޮޑަތިމީހުންގެ ހެލިފެލިވުމުން އާރާސްތުވެފައިވާ ގެދޮރު، ދާއިމަށް ތަޅުލެވި ފަޅުވެގެން ދެއެވެ. މިފަދަ ޙާދިސާތަކުގައި ޝިކާރައަކަށް ވާ މީހުންގެ ތެރޭގައި ކުށެއްނެތް މަގުހުރަސްކުރާ މީހުން ހިމެނެއެވެ. ދުއްވާމީހާއަށް އޭނާގެ އުޅަނދު ކޮންޓްރޯލް ނުކުރެވިގެން އެނބުރެމުން ގޮސް މި ޖެހެނީ ޤަވާއިދާ އެއްގޮތަށް ހިނގާފައިދާ މީހެއްގެ ގައިގައެވެ. ދުނިޔެއާ މި ވަކިވަނީ އެތައްބައެއްގެ ބަފަޔެކެވެ. ނުވަތަ މަޔެކެވެ. ނުވަތަ ފިރިއެކެވެ. ނުވަތަ އަނބެކެވެ. ނުވަތަ އާއިލާ މެންބަރެކެވެ.