ރަމަޟާން މަސް ފިޔަވައި އެންމެ ގިނައިން ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ރޯދަ ހިއްޕެވީ ޝަޢުބާން މަހުގައެވެ.
ރަމަޟާން މަހަށް އިސްތިޤްބާލުކުރުމަށް ޝަޢުބާން މަހުކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން އެންމެ މުހިއްމު ކަމަކީ ތައުބާވުމެވެ. ޝަޢުބާން މަހު ގިނަގިނައިން ޤުރުއާން ކިޔެވުމަކީ ސަލަފުންގެ އާދައެކެވެ. ދަމުނަމާދު،ވިތުރި، ޟުޙާ ނަމާދު އަދި ރަވާތިބު ސުންނަތްތައް ކުރުމަށް ނަފުސު ހޭނެވުމަށްޓަކައި ޝަޢުބާން މަހު މި ފަދަ ސުންނަތް ނަމާދުތައް ގިނަކުރާށެވެ.
ޤަޟާ ކުރަންޖެހޭ ފަރުޟު ރޯދައެއްވާނަމަ ޝަޢުބާން މަހުގައި އަވަހަށް އެ ރޯދައެއް ހިފާ ނިންމަން ވާނެއެވެ.
ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވި ދުވަހުއްސުރެން ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި މައްސަރުތަކުގެ އަދަދަކީ ﷲ ގެ ޙަޟްރަތުގައި 12 މަހެވެ. އޭގެތެރެއިން 4 މަސް ހުރުމަތްތެރިވެގެންވެއެވެ. ހަމައެއާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވޭ فلا تظلموا فيهن أنفسكم ފަހެ އެ މައްސަރުތަކުގައި ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށް ތިޔަބައިމީހުން އަނިޔާ ނުކުރާހުށިކަމެވެ. ލޮބުވެތި އަޚުން މުޙައްރަމް މަހަކީ ހުރުމަތްތެރިކުރެވިގެންވާ މައްސަރުތަކުގެ ތެރެއިން މަހެއް. 12 މަހުގެ ތެރެއިން ހުރުމަތްތެރިކުރެވިގެންވާ ހަތަރު މަހަކީ ރަޖަބްމަހާއި ޒުލްޤައިދާ މަހާއި ހައްޖުމަހާއި އަދި މުހައްރަމް މަސް.
ހުރުމަތްތެރިކުރެވިގެންވާ ހަތަރު މަހުގެ ތެރޭގައި ހިމެނޭ ރަޖަބުމަސް ފާއިތުވެގެން ގޮސްފި. ގުނަމުންމިދަނީ ޝަޢްބާންމަހުގެ ދުވަސްތައް. ޝަޢްބާންމަހަށްފަހު އޮތީ ބަރަކާތްތެރި ރަމަޟާން މަސް.
ނަބަވީ އިރުޝާދުތަކުން އެނގޭގޮތުގައި ރަޖަބާއި ރަމަޟާން މަހާއި ދޭތެރޭ ޝަޢުބާން މަސް އޮންނާތީވެ، އެ މަހުގައި ބައެއް މީހުން ޣާފިލުވެއެވެ.