ސަހާބީން ހިޖުރަކުރަން ފެށުމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްވެސް ހިޖުރަކޮށްފާނެކަމުގެ ބިރުހީވިއެވެ. އެހެންވެ އެކަމާ މަޝްވަރާކުރަން ޤުރައިޝުންގެ ބޮޑުން ދާރުލްނަދުވާއަށް އެއްވެއްޖެއެވެ.
وَإِذۡ يَمۡكُرُ بِكَ ٱلَّذِينَ كَفَرُواْ لِيُثۡبِتُوكَ أَوۡ يَقۡتُلُوكَ أَوۡ يُخۡرِجُوكَۚ وَيَمۡكُرُونَ وَيَمۡكُرُ ٱللَّهُۖ وَٱللَّهُ خَيۡرُ ٱلۡمَٰكِرِينَ الأَنفَال : ٣٠
” ކާފިރުވިމީހުން، ކަލޭގެފާނު ހައްޔަރުކުރުމަށް، ނުވަތަ އަވަހާރަކޮށްލުމަށް، ނުވަތަ ކަލޭގެފާނު ރަށުން ބޭރުކޮށްލުމަށް ރޭވިހިނދު ހަނދުމަ ކުރައްވާށެވެ! އެއުރެން މަކަރުވެރި ނުބައި ރޭވުންތައް ރާވަތެވެ. އަދި ﷲ (އެއުރެންގެ ރޭވުންތައް، ބާޠިލުކުރައްވައި، އެއުރެންނަށް ކެހި ލިބޭނެގޮތަށް) ތަދުބީރު ކުރައްވަތެވެ. ﷲއީ މަކަރުވެރިންނަށްވުރެ، ތަދުބީރުކުރެއްވުން މޮޅު ރަސްކަލާނގެއެވެ. ”
އަބުލްބަޚްތަރީ ލަފާ ދިނީ النبي ޞައްލަﷲ ޢަލައިހި ވަސައްލަމް އަވަހާރަވަންދެން ތަނެއްގައި ހައްޔަރުކޮށްފައި ބެހެއްޓުމަށެވެ. މި ލަފާ އެރުވުމާއެކު ނަޖުދު ކަލޭގެ އެ ލަފާ ގޯސް ކަމުގައި ބުންޏެވެ. އެގޮތަށް ހައްޔަރުކޮށްފިނަމަ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަސްޙާބުން އައިސް މައްކާގެ މުޝްރިކުން ބަލިކޮށް އެކަލޭގެފާނުގެ ކަސްތޮޅު ހަލާކުކޮށްލައި އެކަލޭގެފާނު ސަލާމަތްކޮށްފާނޭ ކަމުގައި ބުންޏެވެ.
ދުރު ރަށަކަށް އަރުވާލުމުގެ ލަފާވެސް ދެވުނެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޤަތުލުކޮށްލުމުގެ ލަފާދިނީ އަބޫޖަހުލެވެ. ނަޖުދު ކަލޭގެ، މި ލަފައަށް ތާއީދުކުރިއެވެ.
އެއްދުވަހަކު މެންދުރުގެ ހޫނުގަދަ ވަގުތުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އިސްތަށިފުޅު ނިވާކުރައްވައިގެން ހުންނަވާ އަބޫބަކުރުގެފާނުގެ ގެކޮޅަށް ވަޑައިގަތެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މޫނުފުޅުން ފެންނަން ހުރީ އަބުއި ކުލަވަރެކެވެ. ޚުތޫރަތްތެރިކަމުގެ ކުލަވަރެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.{فَإِنِّي قَدْ أُذِنَ لِي فِي الخُرُوجِ}
{ހަމަކަށަވަރުން، ތިމަންކަލޭގެފާނު ހިޖުރަކުރެއްވުމުގެ ހުއްދަ ލިބިވަޑައިގެންފިއެވެ.} އަބޫބަކުރުގެފާނު ދެންނެވިއެވެ. އޭ اللهُގެ ރަސޫލާއެވެ. އަޅުގަނޑަށް އަރިހުގައި ދެވިދާނެތޯއެވެ؟
ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. {އާދޭހެވެ.}
ހަތަރު މަސް ވަންދެން ވަކި ބާވަތެއްގެ ހުއި ކާންދެއްވައި ފަލަ ކުރައްވާފައިވާ ދެ ޖަމަލަށް އިޝާރާތްކުރައްވާ އަބޫބަކުރުގެފާނު ވިދާޅުވިއެވެ.”ކަލޭގެފާނު މިތަނުން އެއް ސަވާރީ ޚިޔާރުކުރައްވާށެވެ.” ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
“ތިމަންކަލޭގެފާނު އަގު އަދާކުރާގޮތަށްނަމަ، އެންމެ ރަނގަޅެވެ.
ދެން ޢާއިޝަތުގެފާނާއި އަސްމާގެފާނު އެ ދެބޭކަލުންގެ ދަތުރަށް ބޭނުންވާނެ ދަބަސްތައް ތައްޔާރުކޮށްދެއްވިއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ދާންމަތިކޮޅުގައި ޢަލީގެފާނު އަވަހާރަފުޅުލެއްޕެވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގަނޑުވަރުކޮޅުން ނުކުމެވަޑައިގެންނެވިއިރު ޤުރައިޝުންގެ ތެރެއިން ހޮވާލެވުނު ޒުވާނުންތައް އެ ގަނޑުވަރުކޮޅު ކައިރީގައި ފޯރިއަށް ތިއްބެވެ. ﷲ ތަޢާލާ، އެބައިމީހުންގެ ލޯތަކުގައި ފަރުދާއެއް ލެއްވެވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެކޮޅުން ނުކުމެވަޑައިގަންނަވަމުން މުޝްރިކުންގެ ބޯތަކަށް ވެލި އެޅުއްވިއެވެ. ރައްކާތެރިކަމާއެކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގަނޑުވަރުކޮޅުން ނުކުމެވަޑައިގެން އަބޫބަކުރުގެފާނާއި ބައްދަލުކުރެއްވެވިއެވެ.
وَجَعَلۡنَا مِنۢ بَيۡنِ أَيۡدِيهِمۡ سَدّا وَمِنۡ خَلۡفِهِمۡ سَدّا فَأَغۡشَيۡنَٰهُمۡ فَهُمۡ لَا يُبۡصِرُونَ يس : ٩
” އަދި ތިމަންރަސްކަލާނގެ އެއުރެންގެ ކުރިމަތިން ހުރަހަކާއި، އެއުރެންގެ ފުރަގަހުން ހުރަހެއް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންގެ ލޯތަކުގައި ފަރުދާއެއް ލެއްވީމެވެ. ދެން އެއުރެންނަކަށް ނުފެންނާނެތެވެ. ”
އަމިއްލަފުޅު ވަޒަނާއި ގެދޮރާއި، އެކަލޭގެފާނުގެ ޙަޔާތުގެ ހުރިހާ ހަނދާންތަކެއް އެބިމަކާއި ގުޅިފައިވާ މައްކާ ދޫކުރެއްވި ވަގުތު ހިތްޕުޅަށް ލިބިވަޑައިގަންނަވާނޭ ހިތާމައާއި ހިތްދަތިކަން ތަސައްވަރުކޮށްލައްވާށެވެ.
ނަމަވެސް އެހިނދު އެކަލޭގެފާނުގެ އެންމެ ގާތް ރަޙްމަތްތެރިޔާ އެކަލޭގެފާނާއި ކުރިމަތިވި އެންމެ ހިތްދަތި ވަގުތުކޮޅު އެކުގައި ހުންނެވިއެވެ. ތިންވަނަ ފަރާތަކަށް މާތް الله އެދެބޭކަލުންނާއި އެކު ވޮޑިގެންވިއެވެ. މައްކާ އާއި މެދު އެކަލޭގެފާނު ވިދާޅުވިއެވެ.
و الله إنك لخير أرض الله و أحب أرض الله إلى الله و لولا أني أخرجت منك ما خرجت
މާނައީ: “މާތްﷲ ގަންދެއްވައި ވިދާޅުވަމެވެ. ތިބާއަކީ ބިންތަކުގެ ތެރެއިން އެންމެ ހެޔޮ ބިމެވެ. އަދި މާތް ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތި ބިމެވެ. ހަމަކަށަވަރުން ތިބާގެ އަހުލުވެރީން ތިމަންކަލޭގެފާނު ތިރަށުން ބޭރުނުކުރިނަމަ، ތިމަންކަލޭގެފާނު ތިރަށް ދޫކުރައްވާ ވަޑައިނުގެންނެވީމުހެވެ.”