ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނަކީ ކޮން ބައެއް؟
އެއީ އާދަމުގެ ދަރިންތަކެކެވެ. އެބައިމީހުން ވައްތަރުވާނީ މުޣޫލުންނާ (Mongols) އެވެ. މިބައިމީހުންގެ ކަންފަތްތައް ވަރަށް ބޮޑުވާނެކަމަށް ބައެއް ރިވާޔަތްތަކުގައި ވާރިދުވެފައިވިޔަސް އެކަން ޞައްޙަ ޙަދީޘަކުން ޘާބިތުވެފައި ނުވެއެވެ.
ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން އުޅެނީ ކޮން ތަނެއްގައި ހެއްޔެވެ؟
މިބައިމީހުން ބަންދުކުރެވިފައި ތިބީ އިރުމަތީ ފަރާތުގެ ރަށެއްގައެވެ. އެއީ ދެ ފަރުބަދައެއްގެ ދެމެދެވެ.
ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނާއި ޛުލްޤަރްނައިނިއާއި ބައްދަލުވިހިނދު ކަންތައްވީ ކިހިނެއް؟
ކަހުފު ސޫރަތުގައި ބަޔާންކުރައްވާފައިވާ ގޮތުގައި ޛުލް ޤަރްނައިނުވަނީ ވަރުގަދަ ހުރަހެއް ހަދާ އެބައިމީހުން ބިމުގައި ފަސާދަކުރުން ހުއްޓުވާފައެވެ. އެތަނުގައިވާ ހުރަސް ޛުލްޤަރްނައިނު ހައްދަވާފައިވަނީ އެ ދެފަރުބަދަ އެއްވަރުކުރެއްވުމަށް ފަހު ދަގަނޑު ދޮންކޮށް، އޭގެ މައްޗަށް ވިރުވާފައިވާ ރަންވަންލޮއި އޮއްސައިގެންނެވެ.
ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ކުރަނީ ކޮންކަމެއް؟
ކޮންމެ ދުވަހަކުވެސް މިބައިމީހުން ދަނީ އެ ހުރަސް ފޫއަޅުވާލުމަށްޓަކައި ކޮންނަމުންނެވެ. ކޮންމެ ދުވަހަކުވެސް ފޫއަޅުވާލަން ކައިރިވެފައިވަނިކޮށް މިބައިމީހުންގެ ބޮޑަށް ހުންނަމީހާ ބުނެއެވެ. “މާދަމާ އެނބުރި އަންނާށެވެ. މާދަމާ ފޫއަޅުވާލެވޭނެއެވެ.” އަނެއްދުވަހު އަންނައިރު އިހަށްވުރެ ވަރުގަދަކޮށް، ﷲ ތަޢާލާ އެތަން އިޢާދަކުރައްވައެވެ. ދެން ފަހެ އެބައިމީހުން ނުކުތުމަށް ﷲ ތަޢާލާ އިރާދަކުރައްވާ ވަޤުތު ގާތްވުމުން، އެބައިމީހުންގެ ބޮޑަށް ހުންނަ މީހާ ބުނެއެވެ. “ފަހުން އެނބުރި އަންނާށެވެ. ﷲގެ އިޛުނަފުޅާ ލައިގެން މާދަމާ ތިޔަބައިމީހުން (މިތަން) ފޫއަޅުވާލެވޭނެއެވެ.”
ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ނުކުންނާނީ ކިހިނެއް؟
ޤިޔާމަތް ގާތްވުމުން އެ ހުރަސް ފޫއަޅުވާލާފައި އެބައިމީހުން ނުކުންނާނެއެވެ. އަދި ވަރަށް ބާރު ދުވެލީގައި ރާޅެއްހެން ދުނިޔޭގައި ފެތުރިގަންނާނެއެވެ. އަދި ބިމުގައި ފަސާދަކުރާނެއެވެ. ކޯރުތައް ހުސްކުރަމުން ދާނެއެވެ. ޢަދަދުގެ ގޮތުން އެބައިމީހުން ނުހަނު ގިނަވާނެއެވެ. އަދި އެއްވެސް ބަޔަކަށް އެބައިމީހުންނާ ހަނގުރާމަކުރުމަށް ކުޅަދާނަކަން ލިބިގެން ނުވާނެއެވެ. ފަހެ ޢީސާ عليه السلام އަށް އަމުރުވެވޭނީ ޠޫރު ފަރުބަދައަށް ގޮސް، އެތަނުގައި ރައްކާތެރިކަން ހޯދުމަށެވެ. އެބައިމީހުންގެ ފަސާދަ ބޮޑުވުމުން ޢީސާ عليه السلام ދުޢާކުރައްވާނެއެވެ. އޭގެ ސަބަބުން އެބައިމީހުންގެ ކަރުގައި ފަންޏެއް އަޅާފައި އެބައިމީހުން މަރުވެގެންދާނެއެވެ. އަދި އެއަށްފަހު ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންގެ ފިތުނަ ނިމިގެންދާނެއެވެ.
ޔައުޖޫޖު މައުޖޫޖުގެ ކިބައިން ސަލާމަތްކޮށްދެއްވުން އެދިވަޑައިގެން ޢީސާ ޢަލައިހިއްސަލާމް އާއި މުއުމިނުން މާތް ﷲ އަށް ދުޢާ ދެންނެވުމުން މާތްﷲ އެބައިމީހުން ނެތިކުރައްވާނެ.
فيُرسِلُ اللَّهُ عليهمُ النَّغفَ في رقابِهِم، فيُصبحونَ فَرسَى كمَوتِ نَفسٍ واحِدةٍ
“ދެންފަހެ، ﷲ ގެ ނަބިއްޔާ ޢީސާ ޢަލައިހިއްސަލާމް އާއި އެކަލޭގެފާނުގެ އަޞްޙާބުން ދުޢާފުޅުކުރައްވާނެއެވެ. ދެން، ﷲ އެބައިމީހުންގެ ކަރުތަކުން ނަޣަފު އޭ ކިޔުނު ފަންޏެއް ނުކުންނާނެ ގޮތް މިންވަރުކުރައްވާނެއެވެ. ދެން އެއް ފުރާނަ މަރުވެގެންދާ ފަދައިން އެކީ އެކައްޗަކަށް އެންމެން މަރުވެދާނެއެވެ.”
ރެފަރެންސް: ޞަޙީހް މުސްލިމް 2937
ޔައުޖޫޖު މައުޖޫޖު ނެތިދިޔުމަށްފަހު، އަލުން ބިމަށް އާރޯކަން ލިބި، ބިމުގެ ބަރަކާތް އިތުރުވެގެންދާނެއެވެ.
ثمَّ يقالُ للأرضِ: أنبِتي ثمرتَكِ، وردِّي برَكَتَكِ
“ދެން ބިމަށް އެންގެވޭނެތެވެ. އިނބަގެ މޭވާތައް ނެރެ، އިނބަގެ ބަރަކާތްތައް އަނބުރާ ގެންނާށެވެ.”
ރެފަރެންސް: ޞަޙީހް މުސްލިމް 2937
މަޞްދަރު: ދިސަލަފިއްޔާގައި ޝެއިޚް ޢިމްރާން މުހައްމަދު ޢަލީ ލިޔުއްވާފައިވާ ލިޔުމެއް