ނަޞޭޙަތާއި އިރުޝާދު
މައްކާ ޒިޔާރަތް ދަތުރު

ޘައުރު ފަރުބަދަ:

ފަރުބަދައިގެ އުސްމިން: 1405 މީޓަރު (4،635 ފޫޓު)

ޘައުރު ފަރުބަދަ ހުންނަނީ މައްކާގެ ދެކުނު ބިތުގައެވެ. އެ ފަރުބަދައިގައިވާ ހޮހޮޅައަކީ ކީރިތި ރަސޫލާ ﷺ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި ދަތުރުފުޅުގައި މުޝްރިކުންގެ ލޯތަކުން އެއްފަރާތްވެ ވަޑައިގެން އަބޫބަކުރުގެފާނާ ދެބޭފުޅުން ފިލައިވަޑައިގެން 3 ދުވަސްވަންދެން ތިއްބެވި ހޮހޮޅައެވެ.

ޘައުރު ފަރުބަދައިން ނުކުމެވަޑައިގެން ދެބޭކަލުން މަދީނާއާއި ދިމާލަށް ހިންގަވަމުން ގެންދެވިއެވެ. އެއްރޭ އެއްދުވާ މިގޮތަށް ހިންގެވުމަށްފަހު ދެބޭކަލުން ވަރުބަލިފުޅުވެވަޑައިގަތެވެ. ބޮޑުހިލަގަނޑެއްގެ ހިޔަލުގައި ރަސޫލާﷺ ވަރުބަލިފުޅުފިލުވާލެއްވުމަށް މަޑުކުރެއްވިއެވެ. އެހިނދު އަބޫބަކުރުގެފާނު ރަސޫލާﷺ ހިއްޕެވުމަށް ލަބަން ހޯއްދެވުމަށްވަޑައިގަތެވެ. ލަބަން ހޯއްދަވައިގެން އަބޫބަކުރުގެފާނު ވަޑައިގެންނެވިއިރު ރަސޫލާﷺ އޮންނެވީ އަވަހާރަފުޅުލައްޕަވާށެވެ. ދެންރަސޫލާﷺ ހޭފުޅުލައްވަންދެން އަބޫބަކުރުގެފާނު ކޮޅަށްހުންނެވިއެވެ. ރަސޫލާﷺ ހޭފުޅުލެއްވުމުން ލަބަން ކަންވާރު ދިއްކޮށްލެއްވިއެވެ. އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ރަސޫލާﷺ ލަބަން ހިއްޕެވިއެވެ. އެކަމުގެ ސަބަބުން ތިމަންކަލޭގެފާނުގެ ހައިކަމާއި ކަރުހިއްކުން ކެނޑުނެވެ.

ހިޖުރައިގެ ހާދިސާގެ އުސްއަލިތައް

ސަހާބީން ހިޖުރަކުރަން ފެށުމުން ރަސޫލާވެސް ހިޖުރަކޮށްފާނެކަމުގެ ބިރު ހީވިއެވެ. އެހެންވެ އެކަމާ މަޝްވަރާކުރަން ޤުރައިޝުންގެ ބޮޑުން ދާރުލްނަދުވާއަށް އެއްވެއްޖެއެވެ.

وَإِذۡ يَمۡكُرُ بِكَ ٱلَّذِينَ كَفَرُواْ لِيُثۡبِتُوكَ أَوۡ يَقۡتُلُوكَ أَوۡ يُخۡرِجُوكَۚ وَيَمۡكُرُونَ وَيَمۡكُرُ ٱللَّهُۖ وَٱللَّهُ خَيۡرُ ٱلۡمَٰكِرِينَ

“ ކާފިރުވިމީހުން، ކަލޭގެފާނު ހައްޔަރުކުރުމަށް، ނުވަތަ އަވަހާރަކޮށްލުމަށް، ނުވަތަ ކަލޭގެފާނު ރަށުން ބޭރުކޮށްލުމަށް ރޭވިހިނދު ހަނދުމަ ކުރައްވާށެވެ! އެއުރެން މަކަރުވެރި ނުބައި ރޭވުންތައް ރާވަތެވެ. އަދި ﷲ (އެއުރެންގެ ރޭވުންތައް، ބާޠިލުކުރައްވައި، އެއުރެންނަށް ކެހި ލިބޭނެގޮތަށް) ތަދުބީރު ކުރައްވަތެވެ. ﷲއީ މަކަރުވެރިންނަށްވުރެ، ތަދުބީރުކުރެއްވުން މޮޅު ރަސްކަލާނގެއެވެ. “

އަބުލްބަޚްތަރީ ލަފާ ދިނީ النبي ޞައްލަﷲ ޢަލައިހި ވަސައްލަމް އަވަހާރަވަންދެން ތަނެއްގައި ހައްޔަރުކޮށްފައި ބެހެއްޓުމަށެވެ. މި ބައްދަލުވުމަށް ޝައިތާނާ ނަޖުދުކަރައިގެ މީހެއްގެ ސޫރައިގައި ޙާޟިރުވިއެވެ.

މި ލަފާ އެރުވުމާއެކު ނަޖުދު ކަލޭގެ އެ ލަފާ ގޯސް ކަމުގައި ބުންޏެވެ. އެގޮތަށް ހައްޔަރުކޮށްފިނަމަ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަސްޙާބުން އައިސް މައްކާގެ މުޝްރިކުން ބަލިކޮށް އެކަލޭގެފާނުގެ ކަސްތޮޅު ހަލާކުކޮށްލައި އެކަލޭގެފާނު ސަލާމަތްކޮށްފާނޭ ކަމުގައި ބުންޏެވެ.

ދުރު ރަށަކަށް އަރުވާލުމުގެ ލަފާވެސް ދެވުނެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޤަތުލުކޮށްލުމުގެ ލަފާދިނީ އަބޫޖަހުލެވެ. ނަޖުދު ކަލޭގެ، މި ލަފައަށް ތާއީދުކުރިއެވެ.

އެއްދުވަހަކު މެންދުރުގެ ހޫނުގަދަ ވަގުތުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އިސްތަށިފުޅު ނިވާކުރައްވައިގެން ހުންނަވާ އަބޫބަކުރުގެފާނުގެ ގެކޮޅަށް ވަޑައިގަތެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މޫނުފުޅުން ފެންނަން ހުރީ އަބުއި ކުލަވަރެކެވެ. ޚުތޫރަތްތެރިކަމުގެ ކުލަވަރެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.

.{فَإِنِّي قَدْ أُذِنَ لِي فِي الخُرُوجِ}

{ހަމަކަށަވަރުން، ތިމަންކަލޭގެފާނު ހިޖުރަކުރެއްވުމުގެ ހުއްދަ ލިބިވަޑައިގެންފިއެވެ.} އަބޫބަކުރުގެފާނު ދެންނެވިއެވެ. އޭ اللهُގެ ރަސޫލާއެވެ. އަޅުގަނޑަށް އަރިހުގައި ދެވިދާނެތޯއެވެ؟

ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. {އާދޭހެވެ.}

ހަތަރު މަސް ވަންދެން ވަކި ބާވަތެއްގެ ހުއި  ކާންދެއްވައި ފަލަ ކުރައްވާފައިވާ ދެ ޖަމަލަށް އިޝާރާތްކުރައްވާ އަބޫބަކުރުގެފާނު ވިދާޅުވިއެވެ.“ކަލޭގެފާނު މިތަނުން އެއް ސަވާރީ ޚިޔާރުކުރައްވާށެވެ.“ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

”ތިމަންކަލޭގެފާނު އަގު އަދާކުރާގޮތަށްނަމަ، އެންމެ ރަނގަޅެވެ.

ދެން ޢާއިޝަތުގެފާނާއި އަސްމާގެފާނު އެ ދެބޭކަލުންގެ ދަތުރަށް ބޭނުންވާނެ ދަބަސްތައް ތައްޔާރުކޮށްދެއްވިއެވެ.

 

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ދާންމަތިކޮޅުގައި ޢަލީގެފާނު އަވަހާރަފުޅުލެއްޕެވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގަނޑުވަރުކޮޅުން ނުކުމެވަޑައިގެންނެވިއިރު ޤުރައިޝުންގެ ތެރެއިން ހޮވާލެވުނު ޒުވާނުންތައް އެ ގަނޑުވަރުކޮޅު ކައިރީގައި ފޯރިއަށް ތިއްބެވެ. ﷲ ތަޢާލާ، އެބައިމީހުންގެ ލޯތަކުގައި ފަރުދާއެއް ލެއްވެވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެކޮޅުން ނުކުމެވަޑައިގަންނަވަމުން މުޝްރިކުންގެ ބޯތަކަށް ވެލި އެޅުއްވިއެވެ. ރައްކާތެރިކަމާއެކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގަނޑުވަރުކޮޅުން ނުކުމެވަޑައިގެން އަބޫބަކުރުގެފާނާއި ބައްދަލުކުރެއްވެވިއެވެ.

وَجَعَلۡنَا مِنۢ بَيۡنِ أَيۡدِيهِمۡ سَدّا وَمِنۡ خَلۡفِهِمۡ سَدّا فَأَغۡشَيۡنَٰهُمۡ فَهُمۡ لَا يُبۡصِرُونَ

“ އަދި ތިމަންރަސްކަލާނގެ އެއުރެންގެ ކުރިމަތިން ހުރަހަކާއި، އެއުރެންގެ ފުރަގަހުން ހުރަހެއް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންގެ ލޯތަކުގައި ފަރުދާއެއް ލެއްވީމެވެ. ދެން އެއުރެންނަކަށް ނުފެންނާނެތެވެ. “

އަމިއްލަފުޅު ވަޒަނާއި ގެދޮރާއި، އެކަލޭގެފާނުގެ  ޙަޔާތުގެ ހުރިހާ ހަނދާންތަކެއް އެބިމަކާއި ގުޅިފައިވާ މައްކާ ދޫކުރެއްވި ވަގުތު ހިތްޕުޅަށް ލިބިވަޑައިގަންނަވާނޭ ހިތާމައާއި ހިތްދަތިކަން ތަސައްވަރުކޮށްލައްވާށެވެ.

ނަމަވެސް އެހިނދު އެކަލޭގެފާނުގެ އެންމެ ގާތް ރަޙްމަތްތެރިޔާ އެކަލޭގެފާނާއި ކުރިމަތިވި އެންމެ ހިތްދަތި ވަގުތުކޮޅު އެކުގައި ހުންނެވިއެވެ. ތިންވަނަ ފަރާތަކަށް މާތް الله އެދެބޭކަލުންނާއި އެކު ވޮޑިގެންވިއެވެ. މައްކާ އާއި މެދު އެކަލޭގެފާނު ވިދާޅުވިއެވެ.

و الله إنك لخير أرض الله و أحب أرض الله إلى الله و لولا أني أخرجت منك ما خرجت

މާނައީ:  ”މާތްﷲ ގަންދެއްވައި ވިދާޅުވަމެވެ. ތިބާއަކީ ބިންތަކުގެ ތެރެއިން އެންމެ ހެޔޮ ބިމެވެ. އަދި މާތް ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތި ބިމެވެ. ހަމަކަށަވަރުން ތިބާގެ އަހުލުވެރީން ތިމަންކަލޭގެފާނު ތިރަށުން ބޭރުނުކުރިނަމަ، ތިމަންކަލޭގެފާނު ތިރަށް ދޫކުރައްވާ ވަޑައިނުގެންނެވީމުހެވެ.“

النبي في غار ثور

ޘައުރު ފަރުބަދައިގެ ހޮހޮޅައަށް އަބޫބަކުރުގެފާނު ވަދެވަޑައިގެން ހަރުފައެއް ނުވަތަ ނުރައްކާތެރި ސޫތްޕެއް އުޅޭތޯ ބެއްލެވިއެވެ. ހޮހޮޅައިގެ އަރިމަތީގައި ހޮރަކާއި ތިރީގައި އިން ދެ ހޮރު ފެނިވަޑައިގަތެވެ. ދެން އަބޫބަކުރުގެފާނުގެ އިޒާރުން ބައެއް ވީދާލައްވައި އަރިމަތީގައި އިން ހޮރު ބައްދަވާލެއްވިއެވެ. ތިރީގައި އިން ދެ ހޮރު އަބޫބަކުރުގެފާނުގެ ދެ ފައިންޕުޅުން ބައްދަވާލެއްވިއެވެ. ދެން އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ”ވަދެވަޑައިގަންނަވާށެވެ.“

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަދެވަޑައިގެން އަބޫބަކުރުގެފާނުގެ އުނގުފުޅުގައި ބޯއަޅުއްވައިގެން އަވަހާރަފުޅު ލެއްޕެވިއެވެ.

އަބޫބަކުރުގެފާނު ފައިންޕުޅު އަޅުއްވައިގެން ހުންނެވި ހޮރެއްގެ ތެރޭގައި އޮތް ސޫތްޕެއް އެކަލޭގެފާނުގެ ފައިންޕުޅަށް ކަށިޖެހިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ހޭފުޅުލެއްވިދާނެތީ އިންތިހާއަށް ތަދުފުޅު އިޙްސާސް ކުރެއްވޭ ޙާލު، ހިރިވެސް ނުލައްވާ ކެތްތެރިކަމާއެކު ހުންނެވިއެވެ. އަބޫބަކުރުގެފާނަށް ތަދުފުޅުން ކީރިތިކުރެއްވެން ފައްޓަވައިފިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މޫނުފުޅުމައްޗަށް ކަރުނަތިކި ޖަހަންފެށިތާ އިރުކޮޅެއްނުވަނީސް ހޭފުޅުލެވިއްޖެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވާލުކުރެއްވިއެވެ. ”އަބޫބަކުރުގެފާނޭވެ. ކަލޭގެފާނަށް ކަމެއްވީތޯއެވެ.“ދެން އަބޫބަކުރުގެފާނު ކަންތައް ހިނގައިދިޔަގޮތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އޮޅުންފިލުވައިދެއްވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަބޫބަކުރުގެފާނުގެ ފައިންޕުޅަށް ކުޅުފޮދެއް ޖެއްސެވިއެވެ. އެހިނދު ތަދުފުޅު ފިލައިގެން ގޮސް، އަބޫބަކުރުގެފާނުގެ ފައިންޕުޅަށް ޝިފާލިބުނެވެ.

ޘައުރު ފަރުބަދައިގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާއި އަބޫބަކުރުގެފާނު ތިއްބެވި މުއްދަތުގައި އަބޫބަކުރުގެފާނުގެ ދަރިކަލުން ޢަބްދުﷲ  ގެފާނު އެދެބޭކަލުންނާއިއެކު ރޭގަނޑު އަވަހާރަފުޅުލައްޕަވައި އުޅުއްވިއެވެ.  ޢަބްދުﷲ ބިން އަބީބަކުރަކީ ވިސްނުންފުޅުތޫނު، ޖެހިލުންކުޑަ، ހަރުދަނާ ޒުވާން ބޭކަލެކެވެ. ފަތިސްވުމުގެ ކުރިން އެކަލޭގެފާނު މައްކާއަށް ވަޑައިގަންނަވައެވެ. އަދި މައްކާގެ މީސްތަކުންނާ ހެނދުނު ހެނދުނާ އެކަލޭގެފާނު ބައްދަލުވެ އުޅުއްވައެވެ. އެ ދެބޭކަލުން ގެއްލިގެން ހޯދުމަށް މުޝްރިކުންކުރާ މަސައްކަތުގެ ޚަބަރުދަބަރު އެއްކުރައްވައެވެ. ދެން ރޭވެ އަނދިރިވުމުން ޘައުރު ފަރުބަދަޔަށް ވަޑައިގެން ޚަބަރުތައް ދެއްވައެވެ.

އަބޫބަކުރުގެފާނު މިނިވަންކުރެއްވި ބޭކަލެއްކަމުގައިވާ ޢާމިރު ބުނު ފުހައިރާ އެ ދެބޭކަލުންނަށް ކިރުފޮދު އެރުވުމަށް ކިރު އެރިފައިވާ ބަކައްޓެއް ގޮވައިގެން ވަޑައިގެން އުޅުއްވިއެވެ.

ޢަބްދުﷲ ބިން އުރައިޤިތު ހޯމަވިލޭރޭ ދެ ޖަމަލު ގޮވައިގެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އަބޫބަކުރުގެފާނާއި ބައްދަލުކުރެއްވުމަށް ޘައުރުފަރުބަދަޔަށް އައެވެ.  ޘައުރު ފަރުބަދައިން ނުކުމެ ދަތުރުކުރައްވަމުންގޮސް ޤުދައިދު ވާދީއަށް ފޯރައިފިއެވެ.

ހިޖުރައިގެ ޙާދިސާއިން ލިބޭ ޢިބްރަތްތައް

«لَوْ أَنَّكُمْ كُنْتُمْ تَوَكَّلُونَ عَلَى اللَّهِ حَقَّ تَوَكُّلِهِ لَرُزِقْتُمْ كَمَا يُرْزَقُ الطَّيْرُ تَغْدُو خِمَاصًا وَتَرُوحُ بِطَانًا»

”ތިޔަބައިމީހުން ﷲ އަށް ވަކީލު ކުރުން ޙައްޤު ގޮތުގައި ވަކީލުކުރަނީނަމަ، އެކަލާނގެ ދޫނި ސޫފާސޫތްޕަށް ރިޒުޤު ދެއްވާފަދައިން، ތިޔަބައިމީހުންނަށް ވެސް، ރިޒުޤު ދެއްވީހެވެ. އެސޮރުމެން ހެނދުނު އުދުހިގެންދަނީ، ހައިބަނޑާ ތިބެގެންނެވެ. އަދި ހަވީރު އެނބުރި އަންނަނީ ބަނޑުބޮޑުވެ ތިބެގެންނެވެ.“ (رواه الترمذي)

މާތް ﷲ އަށް ވަކީލު ކުރުން ބަނާވެފައި ވަނީ ދެކަމެއްގެ މައްޗަށެވެ. އެއްކަމަކީ، އެއިލާހަށް އީމާންވެ، ފުރިހަމައަށް އެއިލާހަށް އިތުބާރާއެކު ކަންކަމުގައި ބަރޯސާވުމެވެ. އަދި ކަންކަމުގެ ސަބަބުތައް ލެއްވެވީ އެއިލާހުކަމާއި، އެކަންކަން ހިނގަނީ އެއިލާހުގެ ޤުދުރަތްތެރިކަމުންކަމަށް އީމާންވުމެވެ. ދެވަނަކަމަކީ، ކަންކަމުގެ ސަބަބަތަކުގައި ހިފައި، މަސައްކަތް ކުރުމެވެ.

 

 

ޙައްޖުގެ މަޝާޢިރުތައް

ހިޖުރައިން 10 ވަނަ އަހަރު ރަސޫލާ ﷺ ޙައްޖަށް ވަޑައިގަންނަވާކަމަށް އިޢުލާނުކުރެއްވުމާއެކު ގިނަ ބަޔަކު މަދީނާއަށް ޖަމާވިއެވެ. މަދީނާއިން ރަސޫލާ ﷺ އާއި ޞަޙާބީން ޛުލްޙުލައިފާއަށް ވަޑައިގަތެވެ. ޛުލްޙުލައިފާގައި އެއް ރޭ ކުރެއްވުމަށްފަހު އޭގެ އަނެއް ދުވަހު ބައިދާއަށް މިސްރާބު ޖެއްސެވިއެވެ.  ލައްކައެއްހާ ޞަޙާބީން ރަސޫލާ ﷺ އާއެކު ދަތުރު ކުރައްވަމުން ގެންދެވިއެވެ. ބައެއް ބޭކަލުން ފައިމަގުގައެވެ. އަނެއް ބައި ބޭކަލުން ސަވާރީގައެވެ. މުޅި ޖައްވު ގުގުމާފައިވަނީ ތަލްބިޔާގެ އަޑުންނެވެ. ބައިދާއިން މައްކާއަށް ދިއުމަށް ހޭދަވީ  އަށް ދުވަހެވެ. ރަސޫލާ ﷺ އާއި ޞަޙާބީން މައްކާއަށް ވަޑައިގެން ޠަވާފްކޮށް ޞަޢުޔުކުރެއްވިއެވެ. ކަތިލާނެ ހަދުޔު ނުގެންނަ ބޭކަލުން ތަޙައްލުލްވެ ބޯ ކޮއްޓެވިއެވެ. ހަދުޔު ގެންނެވި ބޭކަލުން ތިއްބެވީ އިޙްރާމުގައެވެ.

ޙައްޖުމަހުގެ 8 ވަނަ ދުވަހު މިނާއަށް ވަޑައިގަތެވެ. މެންދުރު ނަމާދާއި ޢަޞްރު ނަމާދާއި މަޣްރިބާއި ޢިޝާކުރެއްވީ މިނާގައެވެ. ދެން އަނެއްދުވަހު އިރުއަރައި ވަގުތުތަކެއް ވަންދެން މިނާގައި މަޑުކުރެއްވުމަށްފަހު ޢަރަފާތަށް ވަޑައިގަތެވެ. އޭރު އެކަލޭގެފާނުވަނީ އެކަލޭގެފާނަށް ޚާއްސަ ފޭލިގެކޮޅެއް ޖައްސަވަން ބައެއް ޞަޙާބީން ނަމިރާއަށް ފޮނުއްވާފައެވެ. ދެން އެކަލޭގެފާނަށްޓަކައި ޖަހާލެވިފައިވާ ފޭލިގެކޮޅުގައި މަޑުކޮށްލެއްވިއެވެ. ދެން އެދުވަހުގެ އިރު އެރުމުން އެކަލޭގެފާނު ވަޑައިގެންނެވީ ނަމިރާއާއި ޢަރަފާތާއި ދެމެދު އޮންނަ ވާދީ އެއް ކަމުގައިވާ ޢުރަނާ ވާދީއަށެވެ. އެތަނުގައި ހުންނަވާ މީސްތަކުންނަށް ދެ ޚުތުބާ ދެއްވެވިއެވެ. ރަސޫލާ ﷺ ގެ ޚުތުބާގެ މުހިއްމު އުސްއަލިތަކުގެ ތެރޭގައި ލެޔާއި، މުދަލާއި، އަބުރުގެ ޙުރުމަތް ބަޔާންކުރެއްވުމާއި މުސްލިމުންގެ ދުސްތޫރުކަމުގައިވާ ކީރިތި ޤުރުއާނުގައި ބާރަށް ހިފުމަށް ބާރުއެޅުއްވުމާއި

ފިރިން އަނބިންނަށް އިޙްސާންތެރިވުމަށާއި، އަނބިން ފިރިންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް މިޚުތުބާގައި ވަސިއްޔަތް ކުރެއްވުން ހިމެނެއެވެ. ޖާހިލިއްޔަ ގޮތުގައި ބަދަލު ހިފުމުގެގޮތުން އޮހޮރެމުން ދިޔަ ލޭ، އޮހޮރުން ނިމުމަކަށް ގެންނެވުމާއި ރިބާއިން މުޅިން ދުރުވުމަށް އެންގެވުމަކީވެސް މި ޚުތުބާގެ މުހިއްމު ނުކުތާތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ދެން ޚުތުބާއިން ނިމިވަޑައިގަތުމުން، ބަންގިދޭ މީހާއަށް، ބަންގި ދިނުމަށާއި ޤަމަތް ދިނުމަށް އެންގެވިއެވެ. އެއަށްފަހު މެންދުރު ނަމާދު ކުރެއްވިއެވެ. ދެން ޤަމަތް ދެއްވައި ޢަޞްރު ނަމާދު ކުރެއްވިއެވެ. އެ ދެ ނަމާދުގެ ދެމެދަކު އެހެން ނަމާދެއް ނުކުރައްވައެވެ. (މިތަނުގައި މަސްޖިދު ނަމިރާ ބިނާކުރެވުނެވެ. މި މިސްކިތުގައި އެއްފަހަރާ 350000މީހުންނަށް ނަމާދުކުރެވެއެވެ.) ދެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަވާރީއަށް އަރައިވަޑައިގެން ޢަރަފާތަށް ވެދެވަޑައިގެން ޖަބަލުއްރަޙްމާގެ ކައިރީގައި ހުއްޓި ވަޑައިގަތެވެ. ދެން އެކަލޭގެފާނު ދުޢާ ކުރައްވަން ހުންނެވިއެވެ. މިގޮތަށް މިތާ، އިތުރު އެކަލޭގެފާނު އިރުއޮއްސި، ރަތްވިލާ މުޅިން ފިލަންދެން ހުންނެވިއެވެ.

އިރުއޮއްސި އަނދިރިވާންފެށުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަރަފާތުން މުޒްދަލިފާއަށް ދަތުރު ފެއްޓެވިއެވެ. އިތުރު އެކަލޭގެފާނުގެ ފަހަތްޕުޅުގައި ސަވާރީކޮޅުގައި ބޭންދެވީ އުސާމާ އިބްނު ޒައިދެވެ. ދެން ފަރުބަދައަކާއި ކައިރިވާ ކޮންމެ ފަހަރަކު އިތުރު އެކަލޭގެފާނު ކަނާތްޕުޅުން މީސްތަކުންނާ ދިމާއަށް އިޝާރާތްކުރައްވައި ހަމަ ހިމޭންވުމަށް އަންގަވަތެވެ. ހަނަފަސް ތަނެއް އަންނަ ކޮންމެ ހިނދަކު ތަންކޮޅެއް ހަލުވިކުރައްވަތެވެ. މިގޮތަށް ދަތުރުކުރައްވަމުން ގޮސް މުޒްދަލިފާއަށް ވަޑައިގެންނެވިއެވެ. ދެން އެތާނގައި އެއް ބަންގިއާއި ދެ ޤަމަތާއެކު މަޣްރިބު ނަމާދާއި އިޝާ ނަމާދު ކުރެއްވިއެވެ.

އެއަށްފަހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަ ލައްޕަވައިފިއެވެ. ފަޖުރުލާ ހެނދުނާއި ގާތްވުމުން ފަތިސް ނަމާދު ކުރެއްވިއެވެ. އެއަށްފަހު ޖަމަލު ކޮޅަށް އަރާވަޑައިގެން އަލްމަޝްޢަރުލް ޙަރާމް ކިޔުނު ހިސާބަށް ވަޑައިގަތެވެ. އެތާނގައި ޤިބްލައަށް ކުރިމަތިފުޅުލައްވައިގެން ދުޢާފުޅު ކުރެއްވިއެވެ. ތަކްބީރާއި ތަހްލީލް ވިދާޅުވެ ﷲ ގެ އެއްކައުވަންތަކަން ބަޔާންކޮށް ހެއްދެވިއެވެ. އަދި ރަނގަޅަށް އަލިވެ ދުނިޔެމަތިން އަނދިރިކަން ފިލައްޖައުމަށް ދާންދެން އިތުރު އެކަލޭގެފާނު އެތާނގައި މަޑުކުރެއްވިއެވެ.

ކޮންމެއަކަސް އިރުނާރަނީސް ލޮބްވެތި ރަސޫލާ މުޒްދަލިފާއިން ދަތުރުފުޅު ފައްޓަވައިފިއެވެ. މި ގޮތަށް ދަތުރު ކުރައްވަމުން ވާދީ މުޙައްސިރާއި އަރާ ހަމަވުމުން ތަންކޮޅެއް ބާރަށް ޖަމަލުކޮޅު ދުއްވެވިއެވެ. އަދި އެތަނުން ބޮޑު ޖަމްރާއާއި ދިމާއަށް އޮންނަ މެދު މަގު އިޚްތިޔާރު ކުރައްވައި، ސީދާ އެތަނަށް ވަޑައިގަތެވެ. އެތާނގައި ހުންނަ ގަސްދޮށަށް ޖަމަލު މަޑުކުރެއްވެވިއެވެ. ތިންވަނަ ޖަމްރާ ހުންނަނީ އެ ގަސްދޮށުގައެވެ. ދެން ވަޑައިގެން، ކޮންމެ ހިލަ ކޮޅަކަށް ތަކްބީރު ވިދާޅުވަމުން ހަތް ހިލަކޮޅު އުއްކެވިއެވެ. އެއީ ނިޔަރޮދިން ހިފާލެވޭވަރުގެ ކުދި ހިލަ ކޮޅުތަކެކެވެ. އޭރު އެކަލޭގެފާނު ހުންނެވީ އަޤަބާ ވާދީގައެވެ. އެއަށްފަހު އިތުރު އެކަލޭގެފާނު ވަޑައިގަތީ ކަތިލާ ތަނަށެވެ. އެތަނަށް ވަޑައިގެން އަމިއްލަ އަތްޕުޅުން ފަސްދޮޅަސް ތިން ޖަމަލު ކަތިލެއްވިއެވެ. އެއަށް ޢަލީގެފާނުގެ އަތްޕުޅަށް ކަތިލެއްވުމަށް ދެއްވެވިއެވެ. އަލީގެފާނު ބާކީހުރި ހަދްޔުތައް ކަތިލެއްވެވިއެވެ.

އެއަށްފަހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަވާރީއަށް އަރާވަޑައިގެން ގެފުޅަށް ވަޑައިގަތެވެ. އަދި ޙައްޖުގެ ޠަވާފްކުރެއްވިއެވެ. އެދުވަހުގެ މެންދުރު ނަމާދު މައްކާގައި ކުރައްވައިގެން ޢަބްދުލް މުއްޠަލިބު ވަންހައިގެ ބޭކަލުން މީސްތަކުންނަށް ޒަމްޒަމްފެން ދެއްވަނިކޮށް، އެބޭކަލުންގެ ގާތަށް ވަޑައިގަތެވެ. އަދި ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނަށްވެސް ފެންދޭށެވެ. ދަންނާށެވެ! މީސްތަކުން މިގޮތަށް ފެންދިނުމަކީ ޙައްޖުގެ ފަރުޟެއް ކަމުގައި ދެކި މިތަނަށް ޖަމާވެ ބައިބޯ ނުކުރާނެނަމަހީ ތިމަންކަލޭގެފާނުވެސް ތިޔަބައިމީހުންނާ ބައިވެރިވެ ވަޑައިގެން ފެންދެއްވަން ހުންނެވީހެވެ. ދެން އެބޭކަލުން އެކަލޭގެފާނަށް ބާލިދީކޮޅަކުން ފެންފޮދު އެރުވުމުން އެއިން ފެންފޮދު ހިއްޕެވިއެވެ.

މުޒްދަލިފާ ގެ ބޮޑުމިނަކީ 9630 އަކަ މީޓަރެވެ.

މިނާގައި ހުންނަ ޚައިފް މިސްކިތާއި މުޒްދަލިފާގައި ހުންނަ މަސްޖިދު އަލްމަޝްޢަރުލް ޙަރާމް ގެ ދުރުމިނަކީ 5 ކިލޯ މީޓަރެވެ. ނަމިރާ މިސްކިތާއި އަލްމަޝްޢަރުލް ޙަރާމް މިސްކިތުގެ ދުރުމިނަކީ 7 ކިލޯމީޓަރެވެ.

މަސްޖިދު އަލްމަޝްޢަރުލް ޙަރާމްގައި އެއްފަހަރާ 12000 މީހުންނަށް ނަމާދުކުރެވެއެވެ.

 

ނޫރު ފަރުބަދަ

ނޫރު ފަރުބަދަ ހުންނަނީ މައްކާގެ އިރު ދެކުނު ފަރާތުގައެވެ. އެ ފަރުބަދައިގެ ޙިރާ ހޮހޮޅަވެއެވެ. އެ ހޮހޮޅައަކީ ކީރިތި ރަސޫލާ ﷺ ރަސޫލުކަމައިގެ ފޮނުއްވުމުގެ ކުރިން އެތަނުގައި އަޅުކަމުގައި ވަރަށް ގިނަ ވަގުތު ހޭދަކުރެއްވިތަނެކެވެ. އެ ފަރުބަދައިގެ ހޮހޮޅައަށް ޒިޔާރަތްކޮށްފިމީހާއަށް އެނގިގެންދާނީ ކީރިތި ރަސޫލާ ﷺ ރަނގަޅުގޮތް ހޯއްދެވުމަށް އުފުއްލެވި ބުރަ މަސައްކަތްޕުޅެވެ.

ٱقۡرَأۡ ގެނެސްދިން އަލިވިލުން

ކީރިތި ޤުރުއާނަކީ މާތް ﷲ ގެ ވަޙީ ބަސްފުޅެވެ. އެއީ އިންސާނުން ޖާހިލުކަމުގެ އަނދިރިކަމުން އީމާންކަމުގެ އަލިކަމަށް ގެނެސްދިން އިލާހީނޫރެވެ. އެއްކައުވަންތަކަމުގެ މި ދޯދިތަކުގެ އަލިވިލެންފެށީ ނޫރު ފަރުބަދައިގެ ހިރާ ހޮހޮޅައިންނެވެ.

މީލާދީ ސަނަތުން 610 ވަނަ އަހަރުގެ ރޭ ތަކުގެ ތެރެއިން ރެއެކެވެ. ރަސޫލާ ﷺ އިންނެވީ 634 މީޓަރު މަތީގައި ހިރާ ހޮހޮޅައިގައެވެ. އެއީ އޭރު މައްކާގެ މީހުން ދިރިއުޅުނު ސަރަހައްދާއި 4 ކިލޯމީޓަރު ދުރުގައި ހުރި ހޮހޮޅައެކެވެ. ރަސޫލާ ﷺ މާތް ﷲގެ ކުޅަދުންވަންތަކަމާއިމެދު ވިސްނާ ފިކުރުކުރައްވަނީއެވެ. މިހެން އިންނަވަނިކޮށް 600 ވަރަފުޅު ލިބިގެންވާ ބިޔަ މަޚްލޫޤެއް މުޅި އުދަރެސް ބައްދާލައިފިއެވެ. އެ ވަރަފުޅުތަކުން މުތާއި އަލިމަހުގެ ވިދުމުން އަރާފަދަ ކުލަތައް އަރަމުން ދިޔައެވެ. އެ އާދަޔާޚިލާފު މަޚްލޫޤަކީ ޖިބްރީލް عليه السلام އެވެ. އުޑުތަކުގެ އަމީން، ޖިބްރީލް عليه السلام އެކަލޭގެފާނުގެ ގައިކޮޅުގައި ބާރަށް ބައްދަވާ ފިއްތަވާލެއްވުމަށްފަހު ވިދާޅުވިއެވެ. ”اقرأ ކިޔަވާށެވެ“. އެހިނދު ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. ما أنا بقارئ ތިމަންކަލޭގެފާނީ ކިޔަން ދަންނަ ބޭކަލެއްނޫނެވެ. އަނެއްކާ އެއަށްވުރެ ބާރަށް ބައްދަވާ ފިއްތަވާލެއްވުމަށްފަހު ވިދާޅުވިއެވެ. ”اقرأ ކިޔަވާށެވެ“. އެހިނދު ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. ما أنا بقارئ ތިމަންކަލޭގެފާނީ ކިޔަން ދަންނަ ބޭކަލެއްނޫނެވެ. ތިންވަނަ ފަހަރުވެސް ޖިބްރީލް عليه السلام ވިދާޅުވިއެވެ. ”اقرأ ކިޔަވާށެވެ“. އެހިނދު ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. ما أنا بقارئ ތިމަންކަލޭގެފާނީ ކިޔަން ދަންނަ ބޭކަލެއްނޫނެވެ. އެހިނދު ޖިބްރީލްގެފާނު ނަބިއްޔާ ﷺ އަށް މާތްﷲގެ ވަޙީ ބަސްފުޅު ފޯރުކޮށްދެއްވިއެވެ.

ٱقۡرَأۡ بِٱسۡمِ رَبِّكَ ٱلَّذِي خَلَقَ ١ خَلَقَ ٱلۡإِنسَٰنَ مِنۡ عَلَقٍ ٢ ٱقۡرَأۡ وَرَبُّكَ ٱلۡأَكۡرَمُ ٣ ٱلَّذِي عَلَّمَ بِٱلۡقَلَمِ ٤ عَلَّمَ ٱلۡإِنسَٰنَ مَا لَمۡ يَعۡلَمۡ ٥ العَلَق :

މި އާޔަތްތަކުގެ މާނައަކީ:

”ކަލޭގެފާނު ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ނަންފުޅުން (ފަށްޓަވައިގެން) ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ. އެކަލާނގެއީ އުފައްދަވާ، ހެއްދެވި ރަސްކަލާނގެއެވެ.

ގަނޑުގެންފައިވާ ލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ.

ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ. އަދި ކަލޭގެފާނުގެ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެއީ ދީލަތިވަންތަކަން އެންމެ ބޮޑު ރަސްކަލާނގެއެވެ.

އެކަލާނގެއީ ޤަލަމުން އުނގަންނައި ދެއްވި ރަސްކަލާނގެއެވެ.

އިންސާނާ ނުދަންނަ ކަންތައް އެ އިންސާނާއަށް އެކަލާނގެ އުނގަންނައިދެއްވިއެވެ.“

މި އާޔަތްތަކަކީ އެންމެ ފުރަތަމަ ބާއްވައިލެއްވުނު ކީރިތި ޤުރުއާނުގެ އާޔަތްތަކެވެ.

މުއުމިނުންގެ ހިތްތައް މައްކާއާއި ގުޅިފައިވެއެވެ. ޒަމާންތައް ފާއިތުވަމުންދާއިރުވެސް މައްކާގެ ޢިއްޒަތާއި އަމަންއަމާންކަމާއި ހެޔޮކަމާއި ބަރަކާތަށް ބަދަލެއް ނާދެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

أَوَلَمۡ نُمَكِّن لَّهُمۡ حَرَمًا ءَامِنٗا يُجۡبَىٰٓ إِلَيۡهِ ثَمَرَٰتُ كُلِّ شَيۡءٖ رِّزۡقٗا مِّن لَّدُنَّا وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ

މާނައީ: ”އަމާންކަން ލިބިގެންވާ ޙަރަމެއް ތިމަންރަސްކަލާނގެ އެއުރެންނަށްޓަކައި ނުލައްވަން ހެއްޔެވެ؟ އެތަނަށް ތިމަންރަސްކަލާނގެ ޙަޟްރަތުން ލިބެނިވި ރިޒުޤެއްގެ ގޮތުގައި ހުރިހާ ބާވަތެއްގެ މޭވާ ގެނެވެއެވެ. އެހެނެއްކަމަކު އެއުރެންކުރެ ގިނަމީހުން އެކަމެއް ނުދަނެތެވެ.“

މައްކާއަކީ މި ބިންމަތީގައިވާ އެންމެ މާތް އަދި އެންމެ ބަރަކާތްތެރި ބިމެވެ.

ނަބީކަމާއި ރަސޫލުކަން ޚަތިމުކުރައްވަން ﷲ ޚިޔާރުކުރެއްވި މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އުފަންވެވަޑައިގަތީ އަދި ޢުމުރުފުޅުގެ ބޮޑުބައި ހޭދަކުރެއްވީ މައްކާގައެވެ. ކުޅަދާނަވެގެންވާ މީހާ ޢުމުރުން އެއްފަހަރު ޙައްޖުކުރުމަކީ އިސްލާމްދީނުގެ ރުކުނެކެވެ.

ޙައްޖުގެ މަޝާޢިރުތައް ހުރީ މައްކާގައެވެ. މުސްލިމުންގެ ޤިބްލައަކީ މައްކާގައިވާ ކަޢްބަތުﷲ ގެފުޅެވެ. އެހެންކަމުން މައްކާއާއި ބެހޭ މަޢުލޫމާތު ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ޢާއިޝާ އައްރާޖްހީ މިސްކިތް

ލޮކޭޝަން: ނަސީމް އަވަށް، މައްކާ

މިސްކިތް ހުޅުވުނު ތާރީޚް: 1434ހ. ؛ 2013މ

މިސްކިތުގެ ޖާގަ: 47000 މީހުން

ފަންގިފިލާގެ ޢަދަދު: 6 ފަންގިފިލާ

ޚައިފު މިސްކިތް

ޚައިފު މިސްކިތް ހުންނަނީ މިނާގައެވެ. ޖަމަރާތުތަކުގެ ތެރެއިން ޚައިފު މިސްކިތާއި އެންމެ ކައިރީ އެންމެ ކުޑަ ޖަމުރާއެވެ. މި މިސްކިތުގައި 70 ނަބީބޭކަލުން ނަމާދުކުރެއްވިއެވެ.

ޕަބްލިކް ޓްރާންސްޕޯޓް؛

https://apps.apple.com/sa/app/makkah-transit-mobile-app/id1609922603

ރޫޓް 1:  ޚާލިދިއްޔާ

ރޫޓް 2:

ރޫޓް 3: ކަޢުކިއްޔާ، ޝައުޤިއްޔާ،މިސްފަލަ

ރޫޓް 4: މި ބަސް ޢަޒީޒިއްޔާ ތެރެއިން ދަތުރު ކުރާނެ. ޢަޒީޒިއްޔާއިން ކުދައި އަށްވެސް މިބަހުގައި ދެވޭނެ. މި ބަސްތަކުގައި ޙަރަމްފުޅަށްވެސް ދެވޭނެ. މި ބަސްތައް ނިމޭ ޕޮއިންޓަކީ ޙަރަމްފުޅުކައިރީގައި އޮންނަ އަޖްޔާދު އަލްމަސާފީ އަވަށް.

ރޫޓް 5: މި ބަސްތައް ދަތުރުކުރާނީ ޢަވާލީ އަވަށު ތެރޭގައި

ރޫޓް 6: ޙަރަމްފުޅުން ރާޖްހީ މިސްކިތަށް ދާން ބޭނުންނަމަ ނަގާނީ ރޫޓް 6 ގެ ބަސްތައް. މި ބަސްތަކުގައި އުއްމުލް ޤުރާ ޔުނިވަރސިޓީއަށްވެސް ދެވޭނެ. މެޓަރނިޓީ ހޮސްޕިޓަލަށްވެސް ދެވޭނެ. ޢުއްމުލް ޤުރާ ޔުނިވަރސިޓީއިން ފަށާ 6 ވަނަ ރޫޓްގެ ބަސްތައް ނިމޭ ޕޮއިންޓަކީ ޙަރަމައިން ޓްރެއިން ސްޓޭޝަން.

ރޫޓް7: މި ބަސްތަކުގައި ޝައުޤިއްޔާ އަވަށަށް ދެވޭނެ

ރޫޓް8: މި ބަސްތަކުގައި މަޢާބިދާ އަވަށަށް ދެވޭނެ. މި ބަސްތައް ނިމޭނީ އުއްމުލް ޖޫދު އަވަށަށް. މި ބަސްތަކުގައި ދެ ޙަރަމްފުޅުގެ ދާރުލް އާސާރަށް ދެވޭނެ. (ގެފުޅުގެ އުރަކޮޅު ވިޔާ ފެކްޓަރީ ހުންނަނީ ދެ ޙަރަމްފުޅުގެ ދާރުލްއާސާރާއި ޖެހިގެން)

ރޫޓް9: މި ބަސްތަކުގައި މައްކާ މޯލަށް ދެވޭނެ. މި ބަސްތަކުގައި ޝަރާއިޢު އަވަށަށްވެސް ދެވޭނެ.

ރޫޓް 10:

ރޫޓް11:

ރޫޓް12:

https://youtu.be/K4rbziisJqs

9