ނަޞޭޙަތާއި އިރުޝާދު
އުޙުދުގެ މައިދާނުން…

އަޅުގަނޑުމެން މާތްﷲ އާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަމުރުފުޅުތަކާއި ޚިލާފުވާކަމުގައިވާނަމަ ހީވެސް ނުކުރާ ފަދަ ގެއްލުންތަކާއި ކުރިމަތިލާން ޖެހިދާނެކަން އުހުދު ހަނގުރާމަފަދަ  އެތައް ހާދިސާއަކުން އެނގެއެވެ. 

އުހުދުގެ މައިދާނުގައި މުސްލިމުންގެ ވާތުން ހުރީ ރުމާތު ފަރުބަދައެވެ. މިފަރުބަދަ މައްޗަށް އެކަލޭގެފާނު 50 ތީރު އުއްކަވާ ބޭކަލުން ލެއްވިއެވެ. އެބޭކަލުންގެ ޒިންމާއަކީ ރުމާތު ފަރުބަދަ ވަށާލާފައި އައިސް މުޝްރިކުން ދީފާނެ ހަމަލާއަކުން މުސްލިމުންގެ ލަޝްކަރު ސަލާމަތް ކުރުމެވެ. 

ރުމާތު ފަރުބަދައިގައި ތިއްބެވި ބޭކަލުންނަށް އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.”ތިމަންނަމެން މޮޅުވެ ޣަނީމާ މުދާތައް ފުނިޖެހުނުކަމުގައިވީ ނަމަވެސް ތިމަންކަލޭގެފާނުގެ އަމުރު އަތުވެއްޖައުމަށް ދާންދެން ތިޔަބައިމީހުން މިފަރުބަދައިން ނުފައިބާށެވެ.” އަދި މިޙަދީޘްފުޅަށް އިތުރަށް ގަދަކަން ދެއްވާ އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިމަންމެން ބަލިވެ މިނިކާ ދޫނިތައް އައިސް ތިމަންމެން ބޯތައް ކޭކަމުގައިވިޔަސް މިތަނުން ނުފައިބާށެވެ.”

އުހުދު ހަނގުރާމައިގެ ފުރަތަމަ ކޮޅުގައި މުސްލިމުންނަށް ބޮޑު ކާމިޔާބީއެއް ލިބުނެވެ. ހަނގުރާމައިން ބަލިވާންފެށުމުން މުޝްރިކުން ފިލަންދުވަން ފެށިއެވެ. އެހިނދު މުސްލިމުން ޣަނީމާ މުދާ އެއްކުރުމަށް އަވަސްވެގަތެވެ. ރުމާތު ފަރުބަދަ މަތީގައި ތިއްބެވި 50 ބޭކަލުންގެ ތެރެއިން 10 ވަރަކަށް ބޭކަލުން ފިޔަވާ އެހެން އެންމެން ޣަނީމާ މުދާ ހޮވުމަށް އަވަސްވެގަތެވެ.

މުސްލިމުން ރުމާތު ފަރުބަދައިން ފައިބަންފެށި މަންޒަރު ޚާލިދު ބުން ވަލީދަށް ފެނިވަޑައިގަތެވެ. އެކަލޭގެފާނުގެ ގިޔާދަތުގެ ދަށުގައި އޮތް ލަޝްކަރައިގެން ރުމާތު ފަރުބަދަޔަށް އަރާވަޑައިގެން އެތަނުގައި ބާކީ ތިއްބެވި މުސްލިމުން ޝަހީދުކޮށްލިއެވެ. މި ހުރިހާ ކަމެއް ހިނގަން ފެށިއިރު މުސްލިމުންގެ ގިނަބޭކަލުން ތިއްބެވީ ޣަނީމާ މުދާ ހޮވާށެވެ. މުސްލިމުންގެ ސަފުތައް ވަނީ ރޫޅިފައެވެ. ބައެއް ބޭކަލުންވަނީ ހަނގުރާމައިގެ ހަތިޔާރުވެސް ދޫކޮށްލާފައެވެ. އެ ދަނޑިވަޅުގައި މުޝްރިކުންގެ ލަޝްކަރު، މުސްލިމުންގެ ލަޝްކަރު ވަށައިލިއެވެ. ނަތީޖާއަކަށްވީ މުސްލިމުންގެ ލަޝްކަރުން ގިނަބޭކަލުންތަކެއް ޝަހީދުވުމެވެ. 

އުހުދު ހަނގުރާމައިން ލިބޭ ފިލާވަޅަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުމުގެ މުހިއްމުކަމެވެ. 

ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި މާތް ﷲ އާއި އެކަލާނގެ ރަސޫލާ   އަށް ކިޔަމަންތެރިވުމަށް އަމުރުކުރެވިފައިވެއެވެ.

މާތްﷲ ވަޙީކުރައްވައިފައިވެއެވެ.

ﵟيَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلۡأَمۡرِ مِنكُمۡﵞ ﵝالنِّسَاء : ﵙﵕﵜ

“އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށާއި ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ!”

އުފާވެރިކަމާއި ކާމިޔާބު ލިބޭނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަމުރުފުޅުތަކަށް ކިޔަމަންވެގެންނެވެ. މިކަން ބަޔާންކުރައްވާ މާތްﷲ ވަޙީކުރައްވާފައިވެއެވެ.

ﵟوَمَن يُطِعِ ٱللَّهَ وَرَسُولَهُۥ فَقَدۡ فَازَ فَوۡزًا عَظِيمًا ٧١ﵞ ﵝالأَحۡزَاب : ﵑﵗﵜ

“ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން ބޮޑުވެގެންވާ ނަސީބުލިބުމަކުން އެމީހާއަށް ނަސީބު ލިބިއްޖެއެވެ.”

ޙަޔާތަށް ބާއްޖަވެރިކަމާއި، ހަމަޖެހުމާއި އުފާވެރިކަމުގެ ރޯޅިތައް ޖެހެން އެދޭނަމަ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެނެސްދެއްވި ހިދާޔަތަށް ތަބަޢަވާށެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ.

ﵟفَمَنِ ٱتَّبَعَ هُدَايَ فَلَا يَضِلُّ وَلَا يَشۡقَىٰ ١٢٣ﵞ ﵝطه : ﵓﵒﵑﵜ

“ދެން ތިމަންރަސްކަލާނގެ ތެދުމަގަށް ތަބަޢަވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު މަގުފުރެދިގެނެއްނުދާނެއެވެ. އަދި އަބާއްޖަވެރިއެއްވެސް ނުމެވާނޭމެއެވެ.”

މާތްﷲ ގެ އަމުރުފުޅުތަކަށާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ބަސްފުޅުތަކާއި ޚިލާފަށް އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓާނަމަ ޙަޔާތް އަބާއްޖަވެރިވެގެންދާނެއެވެ. ނާކާމިޔާބުވެގެންދާނެއެވެ. ހެޔޮމަގުން ކަސިޔާރުވެގެންދާނެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ.

ﵟوَمَن يَعۡصِ ٱللَّهَ وَرَسُولَهُۥ فَقَدۡ ضَلَّ ضَلَٰلٗا مُّبِينٗا ٣٦ﵞ ﵝالأَحۡزَاب : ﵖﵓﵜ

“އަދި ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ.”

ކީރިތި ޤުރުއާނަށް މޫނު އަނބުރާލައިފިމީހާ ގެ ޙަޔާތް ދަތިވެގެންދާނެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ.

ﵟوَمَنۡ أَعۡرَضَ عَن ذِكۡرِي فَإِنَّ لَهُۥ مَعِيشَةٗ ضَنكٗا ﵞ ﵝطه : ﵔﵒﵑﵜ

“އަދި ތިމަންރަސްކަލާނގެ ޤުރުއާނަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން އެމީހަކަށް އޮތީ ދަތި ދިރިއުޅުމެކެވެ.”

5