އިބުރަތްތެރި ވާހަކަ
ސުރާޤާ ބިން މާލިކުގެ ވާހަކަ

ދެ ޖަމަލުގެ ޤާފިލާއެއް ޤުދައިދު ވާދީގައި ވަރަށް ބާރަށް ދަތުރުކުރަމުންދިޔައެވެ. މި ޤާފިލާ އެކުލެވިގެންވަނީ ހަތަރު މީހުންގެ މައްޗަށެވެ.[1] އޭގެތެރެއިން އެކަކަކީ ތުނބުޅީގައި ކޮންމެވެސް ވަރަކަށް ނުރަ ޖަހާފައިހުރި ދެބައި ޢުމުރުގެ ބޭކަލެކެވެ. ވަރަށް ބޮޑު ނުރައްކަލަކުން ފިލަން ދުވާ މީހެއް ފަދައިން އެބޭކަލަކު ކުރިއަށާއި ފަހަތަށް އިރުއިރުކޮޅާ ބަލަމުންދެއެވެ. އެބޭކަލަކީ އަބޫބަކުރުގެފާނެވެ. މި ޤާފިލާގެ ލީޑަރަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ.

މި ޤާފިލާގައި އެ ދެބޭކަލުންގެ އިތުރުން ދެން ތިއްބެވީ ޢާމިރު ބިން ފުހައިރާ އާއި ޢަބްދުﷲ ބިން އުރައިޤިޠެވެ. އެ ބޭކަލުން ޤުދައިދު ވާދީގައި ދަތުރުކުރަމުން ދިޔައިރު ބަނޫމުދްލިޖުގެ ޒަޢީމް ސުރާޤާ ބިން މާލިކު ހުންނެވީ އެކަލޭގެފާނުގެ ގެކޮޅުގައި އެ ވަންހައިގެ ބަޔަކާއެކު މަޝްވަރާއެއްގައެވެ. އެ ދުވަސްވަރު ޤުދައިދު ވާދީގައި އޮތީ  ބަނޫ މުދްލިޖު ވަންހައިގެ ވެރިކަމެކެވެ.  އެހެން ތިއްބަވަނިކޮށް މީހަކު އައިސްފައި ގޮވާލިއެވެ. “އޭ ސުރާޤާއެވެ. އަހަރެންނަށް ހީވަނީ އައްސޭރިން މުހައްމަދާއި އޭނާގެ އެކުވެރިޔާ ދަތުރުކޮށްފައި އެބަދާހެންނެވެ. އަހަރެން މިއައީ އައްސޭރިފަށުންނެވެ. އަހަރެންނަށް އެ ދެމީހުން ފެނުނެވެ.”

ސުރާޤާއަށް އެއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާއި އަބޫބަކުރުގެފާނުކަން ކަށަވަރުވިއެވެ. އެކަމަކު އެކުވެރިން އެ ދެބޭކަލުންގެ ފަހަތުން ގޮސް އެ ދެބޭކަލުންގެ ޚަބަރުދީ ޤުރައިޝުން ކަނޑައަޅާފައިވާ 100 ޖަމަލުގެ އިނާމު ހޯދާފާނެތީ މަވްޟޫޢު ބަދަލުކޮށްލިއެވެ. ސުރާޤާ ވިދާޅުވިއެވެ. “ތިއީ އެ ދެބޭކަލުންނެއް ނޫނެވެ. ތި ވާނީ އެހެން ވިޔަފާރި ޤާފިލާއެއްގެ ބައެއް ކަމަށެވެ.” ސުރާޤާގެ އެކުވެރިން އޭނާގެ ބަސް ޤަބޫލުކޮށް އެ ދެބޭކަލުން ހޯދަން ދިޔުމުގެ ވިސްނުން ދޫކޮށްލިއެވެ.

އެދުވަސްވަރު މައްކާއާއި މައްކާގެ ވަށައިގެންވާ އަވަށްތަކުގެ މީހުން އެންމެ ގަދަޔަށް ދައްކަމުންދިޔައީ ޤުރައިޝުން ކަނޑައަޅާފައިވާ އިނާމުގެ ވާހަކައެވެ. މި އިނާމުގެ ދަހިވެތިކަމުގައި ވަރަށް ފޯރިޔާއެކު ގިނަ ބަޔަކު އެ ދެބޭކަލުން ހޯދުމުގެ މަސައްކަތް ކުރަމުންދިޔައެވެ.

ސުރާޤާގެ ހިތުގައި އޭނާގެ ނަސީބު ވަޒަންކޮށްލުމުގެ ޝައުގުވެރިކަން ހިނގައިގެންފިއެވެ. ވަގުތުން އޭނާގެ ޖާރިޔާއަށް އޭނާގެ އަސް ތައްޔާރުކޮށް އެ އަސް އެވެނި މިވެނި ތަނަކަށް ގެންދިޔުމަށް އަމުރުކުރިއެވެ. އަދި މިކަމުގެ ވާހަކަ އެކަކު ކައިރީގައި ނުބުނާށޭ ވިދާޅުވިއެވެ. އޭނާގެ ދުނިދަނޑި ހިފައިގެން އަހަށް ސަވާރުވެ ފުލް ސްޕީޑްގައި ނައްޓާލިއެވެ.

ވަރަށް ބާރަށް އަސް ދުއްވާފައި ދަނިކޮށް ކުއްލިއަކަށް އަސް ވެއްޓިއްޖެއެވެ. އޭނަ ދުނި ދަނޑިއަކުން ރަމަލުޖެހިއެވެ. އެކަން ކުރަންވީތޯ ނުކުރަންވީތޯ ބެލުމަށެވެ. ތިންފަހަރުވެސް އައީ އެކަން ނުކުރުމަށެވެ. އެހެންނަމަވެސް އޭނާ ކުރިޔަށް ދިޔުމަށް ނިންމިއެވެ.

ސުރާޤާގެ އަސް ޘައުރު ފަރުބަދައިގެ ހޮހޮޅައާއި ކައިރި ވަމުންދިޔައެވެ. އަބޫބަކުރުގެފާނު ބިރުފުޅުން ކީރިތި ކުރައްވަނީއެވެ. ކީރިތި ކުރައްވަނީ ކީއްވެތޯ ސުވާލުކުރެއްވިއެވެ. އަބޫބަކުރުގެފާނު ވިދާޅުވިއެވެ.” އަޅުގަނޑު ކަންބޮޑުވަނީ ކަލޭގެފާނުގެ ސަލާމަތާއިމެދުގައެވެ.”

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. “ހިތާމަފުޅު ނުކުރައްވާށެވެ. މާތްﷲ ވޮޑިގެންވަނީ އަހަރެމެންނާއި އެކުގައެވެ.” ދެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދުޢާކުރެއްވިއެވެ.

[1] ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް، އަބޫބަކުރުގެފާނު، ޢާމިރު ބުން ފުހައިރާ، عبد الله بن أريقط

31