ދުވަސްވަރަކީ މާތް ނަބިއްޔާ މުޙައްމަދު ﷺ މައްކާގައި ދީނަށް ގޮވާލައްވަމުން ގެންދެވިދުވަސްވަރެވެ.
ނަބީކަމާއިގެން ފޮނުއްވުނުތާ 10 ވަނަ އަހަރުގެ ޝައްވާލުމަހުގެ ދުވަހެކެވެ. ހެނދުނުހެނދުނާ ރަސޫލާ ﷺ އިސްލާމީ ދަޢްވަތުގެ މަސައްކަތްޕުޅު ފެއްޓެވިއެވެ. ރަސޫލާ ﷺ ގެ ހެޔޮ ނަސޭހަތްޕުޅުތަކުގެ އަޑު މީސްތަކުންގެ ކަންފަތްތަކާއި ހަމައަށް ފޯރިޔަ ނުދިނުމަށްޓަކައި މައްކާގެ ކާފަރުންނަށް ކުރެވުނު މަސައްކަތެއް ކުރަމުންދިޔައެވެ. ރަސޫލާ ﷺ ގެ އަރިހަށް މީހަކު ދާހެން ހީވިޔަސް އެތަނަކަށް ގޮސް ހަޅޭފަޅޭލަވާ އަޑުގަދަކުރެއެވެ.
އިރުއޮއްސޭން ކައިރިވުމުން ރަސޫލާ ﷺ ގަނޑުވަރުކޮޅާއި ދިމާއަށް މިސްރާބުޖެއްސެވިއެވެ. އޭރު އެކަލޭގެފާނުގެ ހިތްޕުޅުގައިވަނީ ބަރުކަމެވެ. އުދާސްކަމެވެ. އަބޫޠާލިބާއި ޚަދީޖާ رضي الله عنها އަވަހާރަވުމާއިއެކު މައްކާގެ ކާފަރުންގެ އުނދަގޫތައް ވަނީ ހައްދުން ނައްޓާފައެވެ. އަބޫޠާލިބަށްފަހު ހާޝިމްވަންހައިގެ ރައީސަކަށްވީ އަބޫލަހަބެވެ. އަބޫލަހަބު، ރަސޫލާ ﷺ އާއިލާއިން ބޭރުކޮށްލިއެވެ. މައްކާގެ ވެށި އޮތް ގޮތުން އާއިލާގެ ހިމާޔަތުން ބޭރަށް ނެރެލުމަކީ ކާޅުބައިގަނޑެއްގެ ތެރެއަށް ފިޔޮކެއް ދޫކޮށްލުން ކަހަލަ ކަމެކެވެ.
އަބޫޠާލިބާއި ޚަދީޖާ رضي الله عنها އަވަހާރަވުމުން ލިބިވަޑައިގެން ހިތާމަޔާއެކު އެކަލޭގެފާނު ހުންނެވީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. އޭގެ އިތުރުން އެކަލޭގެފާނުގެ އަޞްޙާބުންނަށް ތަފާތު އެކި އުނދަގޫތަކާއި އަނިޔާތައް ލިބެމުން ދަނީއެވެ.
މި ސަބަބުތަކަށްޓަކައި ރަސޫލާ ﷺ ޠާއިފަށް ދިޔުމަށް ގަސްދުކުރެއްވިއެވެ.
ރަސޫލާ ﷺ ޠާއިފަށް ވަޑައިގެންނެވީ ފައިމަގުގައި ހިންގަވާފައެވެ. އަރިހުގައި ގެންދެވީ ޒައިދު ބިން ޙާރިޘާ رضي الله عنه އެވެ.
ޠާއިފަކީ ފެން ތިޔާގި، ބަގީޗާތަކާއި ދަނޑުފަނގުތައް ގިނަ ރަށެކެވެ. އެރަށުގެ މީހުންނަކީ އަތްމަތި ތިޔާގި ފޯރުންތެރި ބައެކެވެ.
އޭރު ޠާއިފުގެ ވެރިންނަކީ ޢަމްރު ބިން އައުފުގެ ތިން ދަރީންނެވެ. ޢަބްދު ޔާލައިލާއި މަސްޢޫދާއި ހަބީބެވެ.
ނަބިއްޔާ ﷺ އެ ތިން މީހުންނާއި ވާހަކަދެއްކިއެވެ. އޭގެތެރެއިން އެކަކު ބުންޏެވެ.
”ﷲ ކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވައިފިނަމަ ތިމަންނަ ގެފުޅުގެ އުރަކޮޅު ވީދާލާނަމެވެ.“
ދެވަނަ މީހާ ބުންޏެވެ. ”އަޅެ މާތްﷲއަށް ރަސޫލުކަމާއިގެން ފޮނުއްވަން ކަލޭގެފާނު ނޫން އެހެން މީހަކު ލިބިވޮޑިނުގެންނެވީހެއްޔެވެ؟“ ތިންވަނަ މީހާ ބުންޏެވެ. ”މާތް ﷲ ގަންދެމެވެ. ކަލޭގެފާނަކީ ރަސޫލެއްނަމަ، ކަލޭގެފާނަށް ރައްދުދިނުމަކީ ބޮޑުވެގެންވާ ނުރައްކަލެކެވެ. އެހެންވެ އަހަރެން ކަލޭގެފާނާއި ވާހަކައެއް ނުދައްކާނަމެވެ. ނުވަތަ ކަލޭގެފާނަކީ މާތްﷲ އާއި މެދު ދޮގުހަދާ މީހެއް ކަމުގައިވާނަމަ ކަލޭގެފާނު ވާނީ ކަލޭގެފާނާއި ވާހަކަ ދައްކާކަށް ނުޖެހޭނެއެވެ.“
މި ޖަވާބުތައް އަޑު އެއްސެވުމަށްފަހު ރަސޫލާ ﷺ ވިދާޅުވިއެވެ. ”ކަލޭމެން ތި ގޮތުގައި ތިބިކަމުގައިވިޔަސް ތިމަންކަލޭގެފާނަށް ރައްކާތެރިވާށެވެ. އަދި މިކަން ސިއްރުކޮށްދޭށެވެ.“ އެބައިމީހުން ބުންޏެވެ. ”ކަލޭގެފާނު އެނބުރި މައްކާއަށް ވަޑައިގަންނަވާށެވެ.“ ދެން އެކަލޭގެފާނު ހިންގަވަން ފެއްޓެވުމުން އެމީހުންގެ ކުޑަކުދިންނާއި މޮޔައިން ލައްވާ ރަސޫލާ ﷺ އާއި ޒައިދުގެފާނަށް އާއި ދިމާއަށް ހިލައުކަން ފެށިއެވެ. ހަޅޭއްލަވަން ފެށިއެވެ. ނުބައިބަސް ބަހުން މަލާމާތްކުރަންފެށިއެވެ. އެބައިމީހުން އުކަމުން ދިޔަ ހިލަތަކުން ރަސޫލާ ﷺ ގެ މާތް ފައިންޕުޅުން ލޭ އޮހެރެމުންދެއެވެ. ޒައިދުގެފާނު ރަސޫލާ ﷺ ގެ ޙިމާޔަތްކުރައްވަން މަސައްކަތްކުރައްވަނީއެވެ. ޒައިދުގެފާނު ގެ ގައިކޮޅުންވެސް ލޭ އޮހެރެމުންދަނީއެވެ.
އެ އަނިޔާވެރީންގެ ބައިގަނޑު ނަބިއްޔާ ﷺ އާއި ޒައިދުގެފާނު ދޫކޮށްލައިފައި ދިޔައީ ޠާއިފާއި ތިން މޭލު ދުރުގައި އޮތް މޭބިސްކަދުރު ބަގީޗާއަކަށް ވަދެވަޑައިގަތުމުންނެވެ.
އެ ބަގީޗާގެ ވެރީންކަމުގައިވާ ޢުތުބާއާއި ޝައިބާގެ ހިތުގައި ރަސޫލާ ﷺ އާއި މެދު ހަމްދަރުދީ އުފެދުނެވެ. އެދެމީހުން އެމީހުންގެ ނަޞާރާ ޚާދިމު އައްދާސަށް ގޮވައި ގެނެސް ތައްޓަކަށް މޭބިސްކަދުރު ކޯނިތަކެއް ލައިފައި އަރިހަށް ފޮނުވިއެވެ. ރަސޫލާ ﷺ ބިސްމި ވިދާޅުވެފައި ފަރީއްކުޅުއްވާން ފެއްޓެވިއެވެ. އެ ވަގުތު ޢައްދާސް ދެންނެވިއެވެ.
”ކަލާނގެ ރަސްކަންފުޅު ގަންދީ ދަންނަވަމެވެ. ތިޔަ ވިދާޅުވީ މި ކަރައިގެ މީހުން މީގެ ކުރީން ކިޔައި އުޅޭ އެއްޗެއް ނޫނެވެ.“
ނަބިއްޔާ ﷺ ސުވާލުކުރެއްވިއެވެ. ”ކަލެޔަކީ ކޮން ރަށެއްގެ މީހަކީމު ހެއްޔެވެ؟ ކަލޭގެ ދީނަކީ ކޮބައިހެއްޔެވެ؟“
އައްދާސް ޖަވާބުދެއްވިއެވެ. ”އަޅުގަނޑަކީ ނަޞާރާއަކީމެވެ. ނައިނަވާ މީހަކީމެވެ.“
ނަބިއްޔާ ﷺ ސުވާލުކުރެއްވިއެވެ. ”ޔޫނުސް ބިން މައްތާ ރަށުގެ މީހަކީމު ދޯއެވެ؟“
އެހިނދު ޢައްދާސް ހައިރާންކަމާއިއެކު ސުވާލުކުރެއްވިއެވެ. ”ކަލޭގެފާނަށް ޔޫނުސް ބިން މައްތާ އެނގިވަޑައިގަތީ ކޮންފަދައަކުންތޯއެވެ؟“ ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.“އެކަލޭގެފާނަކީ ތިމަންކަލޭގެފާނުގެ އަޚެކެވެ. އެކަލޭގެފާނަކީ ނަބީބޭކަލެކެވެ. އަދި ތިމަންކަލޭގެފާނަކީވެސް ނަބީބޭކަލެކެވެ.“ އެހިނދު ޢައްދާސް ނަބިއްޔާ ﷺ ގެ އިސްތަށިފުޅާއި ދެ އަތާއި ދެ ފައިގައި ބޮސްދެއްވިއެވެ. އެއަށްފަހު އިސްލާމްވިއެވެ. މި ތަން ބަލަން ތިބެފައި ރަބީޢާގެ ދެ ދަރިން އެކަކު އަނެކަކަށް ބުނެފިއެވެ.“އަހަރެމެންގެ އަޅު ކުއްޖާގެ ކަންތައް ކަސިޔާރުވެއްޖެއެވެ.“ ނަބިއްޔާ ﷺ ގެ ދީނަށްވުރެ ނަޞާރާދީން މާ ރަނގަޅުވާނެކަމަށް ބުނެ ރަބީޢާގެ ދެދަރިން ޢައްދާސަށް ވަސްވާސް ދިނުމުން ޖަވާބުގައި ދެންނެވިއެވެ. “ ނަބިއްޔާ ﷺ އަށް ވުރެ ވަކި ރަނގަޅު މީހަކު މި އުޑު ދަށުގައި ނުވެއެވެ. ތިމަންނައަށް އޭނާ އެކިޔައިދިން ކަންތައްތަކަކީ ނަބީބޭކަލަކަށް ނޫނީ އެނގޭނެ ކަންތަކެއްނޫނެވެ.“
ދެން އެތަނުން ތެދުވެވަޑައިގެން އިންތިހާއަށް ދެރަފުޅުވެ ހުންނަވައި މައްކާއަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ. އެ ގޮތުން ”ޤަރުނުލް ޘަޢާލިބު“ އޭ ކިޔާ ތަނާ ހަމައަށް ވަޑައިގަތްތަނާ މާތް ﷲ އެކަލޭގެފާނުގެ އަރިހަށް ޖިބްރީލް ޢަލައިހިއްސަލާމާއި ފަރުބަދަތަކުގެ މާލާއިކާތާ ފޮނުއްވިއެވެ. އަދި ﷲ ތަޢާލާ ވަނީ ފަރުބަދަ ތަކުގެ މަލާއިކަތާއަށް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަށް ކިޔަމަންވުމަށް އަންގަވާފައި ކަމަށާއި އެކަލޭގެފާނު ބޭނުންފުޅު ކަމުގައި ވަނީނަމަ މައްކާގައިވާ ޢަޚްޝަބައިން ކިޔާ ދެ ފަރުބަދައެއް ޠާއިފުގެ އަހުލުވެރިންގެ މައްޗަށް ވައްޓާލުމުގެ އިޒުނަޔަށް އެދިވަޑައިގަތެވެ.
ފަރުބަދަތަކާ ބެހޭ މަލާއިކަތާ ވިދާޅުވިއެވެ. ”އަރަހުށި މާތް ﷲ ކަލޭގެފާނުގެ ގައުމުގެ މީހުން ކަލޭގެފާނަށް ރައްދުކުޅަ ބަސްތައް އައްސަވައި ވޮޑިގެންފިއެވެ. ކަލޭގެފާނު އަމުރުކުރައްވާށެވެ. އެމީހުންގެ މައްޗަށް އަޚްޝަބައިނެވެ. ކިޔުނު ދެ ފަރުބަދަ ވައްޓައިލާ ހުށީމެވެ.“
ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. ”ނޫނެކެވެ. ތިމަންކަލޭގެފާނު އެދިވަޑައިގަންނަވަނީ ތިޔަ ގޮތެއް ނޫނެވެ. އެބައިމީހުންގެ ބުރަކަށިތަކުން ވިޔަސް އެކަލާނގެ އެއްކައުވަންތަކަމަށް ހެކިވާ ބަޔަކު ނެރުއްވުމެވެ.“
ކުރީގެ ދިވެހި މަދަހައެއްގައި ނަބިއްޔާ ﷺ ސިފަކުރައްވައިފައިވަނީ މިފަދައިންނެވެ.“ މިފަދަ ރަޙްމަތް ހިތެއް މަޑުމޮޅި ކޮބައިތޯއޭ މިދުނިޔޭގައި “ މިއީ ތެދެއްކަން ޠާއިފުގެ ހާދިސާއިންވެސް އެނގެއެވެ.