ޚަންދަޤު ހަނގުރާމައިގެ ދުވަހުގައި ރަސޫލު ﷲ (صلى الله عليه وسلم) ވަރަށް ބޮޑަށް ބަނޑުހައިހޫނުކަމުގެ ޙާލުކޮޅުގައި ވަނިކޮށް ޖާބިރު ބުނު ޢަބްދު ﷲ ދެކެވަޑައިގަތެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން ގާތަށް ގޮސް ދެންނެވިއެވެ. ”ގޭގައި އެއްވެސް ކާއެއްޗެއް ވޭހެއްޔެވެ؟ ހަމަކަށަވަރުން ﷲ ގެ ރަސޫލާ (صلى الله عليه وسلم) ބަނޑުހައިހޫނުކަމުގެ ޙާލުކޮޅުގައި ވަނިކޮށް ތިމަންކަލޭގެފާނު ދެކެފީމެވެ.“ އެވަގުތު އެކަމަނާ ޞާ އެއްގެ މިންވަރުގެ ނުމުގުރާހުރި ފުށް ގެނައެވެ. ޖާބިރުގެފާނު އެގޭގައި އޮތް ޅަ ބަކައްޓެއް ކަތިލެއްވިއެވެ. އޭރު އަނބިކަނބަލުން ފުށް މުގުރާ ނިންމާލައިފިއެވެ.
ދެން ޖާބިރުގެފާނު ކަތިލެއްވި ބަކަރީގެ މަސްތައް ކުދިކުދިކޮށް ކޮށްޓެވިއެވެ. އަދި އެއަށްފަހު ތެއްޔެއްގެ ތެރެއަށް އެއެއްޗެހިތައް އަޅާ ކައްކަން އުނދުންމައްޗަށް އުދިއެވެ. ޖާބިރުގެފާނު، ރަސޫލާ (صلى الله عليه وسلم) ގެ އަރިހަށް ގޮސް ފަރިއްކޮޅެއް ތައްޔާރުކުރަމުންދާ ވާހަކަ ސިއްރުސިއްރުން ދެންނެވިއެވެ. އެހިނދު ރަސޫލު ﷲ (صلى الله عليه وسلم) ހަރު އަޑުފުޅުން މީސްތަކުންނަށް ގޮވާ އިޢްލާން ކުރެއްވެވިއެވެ. ”އޭ ޚަންދަޤުގެ އަހުލުވެރީންނޭވެ! ޖާބިރު އަހަރުމެންނަށްޓަކައި ފަރިއްކޮޅެއް ތައްޔާރުކޮއްފި އެވެ. އެހެންކަމުން އަވަހަށް ހިންގަވާށެވެ.“ އެއަށްފަހު ރަސޫލާ (صلى الله عليه وسلم) ޖާބިރުގެފާނަށް ޙަދީޘް ކުރެއްވެވިއެވެ.” ތިމަންކަލޭގެފާނު ތިގެއަށް ވަޑައިގެންފުމަށްދާންދެން ތިބާ ކައްކަން އުދާފައިވާ މަސްއެތި އުނދުންމަތިން ނުބާލާށެވެ. އަދި ފުށްގަނޑުން ރޮށި ފިހަން ނުފަށާ މަޑުކުރާށެވެ.“ ރަސޫލާ (صلى الله عليه وسلم) އާއި ސަޙާބީން ޖާބިރުގެފާނު ގެއަށް ވަޑައިގެންފިއެވެ. ދެން މޮޑެފައިވާ ފުއްގަނޑު ހިފައިގެން ރަސޫލާ (صلى الله عليه وسلم) ގެ އަރިއަހަށް ވަޑައިގަތުމުން އެކަލޭގެފާނު އޭގައި އެކަލޭގެފާނުންގެ ކުޅުފޮދުން ހާކާލައްވަވާ އޭގައި ބަރަކާތް ލެއްވެވުމަށް ދުޢާކުރެއްވެވިއެވެ. އެއަށްފަހު އެކަލޭގެފާނު (صلى الله عليه وسلم) ކައްކަން އުދާފައިހުރި ތެއްޔަށް ކުޅުފޮދެއް ޖައްސަވާ އޭގައިވެސް ބަރަކާތް ލެއްވެވުމަށް ދުޢާ ކުރެއްވެވިއެވެ. ދެން އެކަލޭގެފާނު ޖާބިރުގެފާނުގެ އަނބިކަނބަލުންނަށް ޙަދީޘްކުރެއްވެވިއެވެ.” ކަމަނާއާއިއެކު ރޮށިތައް ފިހުމުގައި އެހީތެރިވެދޭނޭ އެހެން އަންހެނަކު ގެންނާށެވެ. އަދި މަސްތެލިން ފަހަރަކު އުނދުޅިއެއްގެ މަސް ނަގަމުން ގެންދާށެވެ. އަދި އެ މަސްއެތި އުނދުންމަތިން ނުބާލާށެވެ. މި ފަރިއްކޮޅުގައި ބައިވެރިވި މީހުންގެ ޢަދަދަކީ އެއްހާހެވެ. ﷲ ގަންދީ ބުނަމެވެ. މި އެންމެން ކައިނިމިގެން އެނބުރި ދިއުމަށްފަހުގައި ވެސް ތިމަންކަލޭގެފާނު އުދާފައިހުރި މަސްތެލި ކެކި ކެކި ހުއްޓެވެ. އޭގައި ފުރެންދެން މަސްހުއްޓެވެ. އަދި އޭގެން އެއްވެސް މީހަކު ކައިފައިވެސް ނުވާފަދަ އެވެ. އަހަރެމެން މޮޑެފައިވާ ފުށްގަނޑު ފިހެވި ފިހެވިހުއްޓެވެ. އޭގެން އެއްވެސް ވަރަކަށް މީހަކު ކައިފައިނުވާފަދައެވެ.“
ޚަންދަޤު ހަނގުރާމަ
މަދީނާގައި އުޅެމުންދިޔަ ޔަހޫދީ ޤަބީލާތައް ރަސޫލާ ﷺ އަށް ޣަދަރުވެރިވިއެވެ. ރަސޫލާ ﷺ އެ ޤަބީލާތައް މަދީނާއިން ނެރެލިއެވެ. މިކަމުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީން މައްކާގެ މުޝްރިކުންނާއި ގުޅި މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަކުރުމަށް ރޭވިއެވެ. މި އިއްތިހާދާއި ޣަޠްފާނު ވަންހަވެސް ގުޅުނެވެ. ޚަންދަޤު ހަނގުރާމައިގައި ބައިވެރިވި މައްކާގެ މުޝްރިކުންގެ ޢަދަދަކީ ހަތަރުހާހެވެ.300 އަހާއި 1500 ޖަމަލުގައި މައްކާއިން އައި ލަޝްކަރުގެ ވެރިޔަކީ އަބޫ ސުފްޔާނެވެ.
ކާފަރުން ބޮޑު އިއްތިހާދެއް ހަދައިގެން މުސްލިމުންނާއި ހަނގުރާމައަށް އައުމުން ރަސޫލާ ﷺ ސަހާބީންނާއި މަޝްވަރާކުރެއްވިއެވެ. ގިނަ ބޭކަލުންނަށް ފެނިވަޑައިގަތީ މަދީނާގައި ތިބެގެން ހަނގުރާމަކުރުމަށެވެ. މި ހިނދު ސަލްމާނުލް ފާރިސީ ކީރިތި ރަސޫލާ ﷺ އަށް ދެއްވެވި އިރުޝާދަކީ މަދީނާގެ އުތުރު ފަރާތުގައި ޚަންދަގެއް ކޮނެ އޭގެ ހިމާޔަތުގައި ތިބެ ހަނގުރާމަކުރުމުގެ ޚިޔާލެވެ. ރަސޫލާ ﷺ މި ލަފަޔާއިމެދު ވަރަށް ބޮޑަށް ރުހިވަޑައިގަތެވެ.
އެހެނީ މަދީނާއަށް ފަސޭހައިން ވަދެވެން އޮންނަ ހަމައެކަނި ދިމާލަކީ މަދީނާގެ އުތުރު ފަރާތެވެ. އެއީ އުހުދު ފަރުބަދަޔާއި ޖަބަލު ސަލްޢާއި ދެމެދެވެ.
ފިނި މޫސުމެވެ. ތަދުމަޑުކަން އިންތިހާއަށް ބޮޑު އަހަރެކެވެ. ރަސޫލާ ﷺ އާއި ސަހާބީން މަދީނާގެ އުތުރު ފަރާތުގައި 5544 މީޓަރު ދިގު ޚަންދަޤެއް ކޮންނަނީއެވެ. 3 މީޓަރު ފުނަށް އެ ޚަންދަޤު ކޮންނެވިއެވެ. އެ ޚަންދަގުގެ ފުޅާމިނަކީ 4 މީޓަރެވެ. ކޮންނަމުން ދިޔައިރު ބޮޑު ހިލައަކާއި ދިމާވެއްޖެއެވެ. އެއްވެސް ސަހާބީއަކަށް އެ ހިލަ ފަޅައެއް ނުލެވުނެވެ. ރަސޫލާ ﷺ އެކަމާ ކުރިމަތިލައްވާ އެ ހިލަ ފެޅުއްވިއެވެ. ރަސޫލާ ﷺ ގެ ނުބުއްވަތުގެ ތެދުކަން ބަޔާންކޮށްދޭ ހާދިސާތައް މި ހަނގުރާމައިގައި ހިނގާފައިވެއެވެ. ކުރިޔަށް ވާނޭ ކަންކަމުގެ ޚަބަރުތައް ދެއްވެވިއެވެ. މަދު ކާއެތިކޮޅަކުން ގިނަ ބަޔަކު ކައި ބަނޑުބޮޑުވެ އިތުރުވުމަކީވެސް މި ހަނގުރާމައިގައި ފާޅުވި މުޢުޖިޒާތެކެވެ.
މުސްލިމުންގެ ލަޝްކަރުގެ ޢަދަދަކީ ތިންހާހެވެ.
އަޝްޖަޢު ވަންހައިގެ ނުޢައިމް ބުނު މަސްޢޫދުގެ އުކުޅު ދަންނައެވެ. މީނާ އިސްލާމްވުމަށްފަހު ރޭގަނޑު ދަންވަރުގެ ވަގުތުގައި ރަސޫލާ ﷺ ގެ އަރިހަށް ވަޑައިގެން އިސްލާމްވިކަމުގެ ޚަބަރު ދެއްވިއެވެ. އަދި އޭނާ އިސްލާމްވިކަން ޤައުމުގެ މީހުންނަށް ވަންހަނާކޮށްފައިވާކަމުގައިވެސް ވިދާޅުވިއެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ”ހަނގުރާމައިގައި މަކަރު ހެދުން ހުއްދަވެގެންވެއެވެ.“ މި ބަސްފުޅު އަޑުއިވުމާއިއެކު ނުޢައިމް ބުނު މަސްޢޫދުގެ ސިކުނޑީގައި ކުރިޔަށްދާންވީގޮތުގެ ތަސްވީރު ކުރެހިގެންދިޔައެވެ. އޭނާ ޔަހޫދީ ޤަބީލާތަކުގެ ކައިރިޔަށްގޮސް މައްކާގެ ލަޝްކަރު ޔަހޫދީން އެކަނިކޮށްފައި ފިލަންއުޅޭކަމުގެ ޚަބަރުދިނެވެ. އެހެންވެ އެންމެ ރައްކާތެރި ގޮތަކީ ޔަހޫދީން އެކަނި ކޮށްފައި ނުދާނެކަމުގެ ގެރެންޓީއަކަށް 70 މީހުން ހޯދުންކަމުގައި ބުންޏެވެ. އަނެއްކޮޅުން މައްކާގެ މުޝްރިކުންގެ ގާތަށް ގޮސް ނުޢައިމުބުނީ ޔަހޫދީން އެބައިމީހުންނަށް ކުރެވުނު ކަންތަކުގެ މޮޔަހީވެގެންއުޅޭ ވާހަކައެވެ. އެހެންވެ މުހައްމަދުގެފާނުގެ ރުހުން ލިބޭނޭ މަގެއް ހޯދޭތޯ ޔަހޫދީން ބަލަމުންދާ ވާހަކަ ޤުރައިޝުން ގާތު ބުންޏެވެ.
ގަދަފިނީގެ ވައެއް ފޮނުއްވުން
ރަސޫލާ ﷺ އާއި ސަހާބީން ޚަންދަޤުގެ މައިދާނުގައި މިފަދައިން ދުޢާކުރެއްވިއެވެ. اللهم منزل الكتاب سريع الحساب اهزم الأحزاب وانصرنا عليهم މާނައަކީ: ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިނބަ ރަސްކަލާނގެއީ ފޮތް ބާއްވައިލެއްވި ރަސްކަލާނގެއެވެ. އަދި ހިސާބު ބެއްލެވުން އަވަސްވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އެ ޖަމާޢަތްތައް ބަލިކުރައްވާ ނިކަމެތި ކުރައްވާނދޭވެ. އެބައިމީހުން ބަލިކުރައްވާ އެބައިމީހުންގެ މައްޗަށް އަޅަމެންނަށް ނަޞްރުދެއްވާނދޭވެ!“ މި ދުޢާ އިޖާބަކުރައްވާ މާތް ﷲ ގަދަ ފިނީގެ ވައެއް ފޮނުއްވިއެވެ. މި ވައިގެ ސަބަބުން އެބައިމީހުންގެ ފޭލިގެތައް ހަލާކުވެ ހިތްތަކަށް ބިރުވެރިކަން ވަނެވެ.
يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا نِعْمَةَ اللَّهِ عَلَيْكُمْ إِذْ جَاءَتْكُمْ جُنُودٌ فَأَرْسَلْنَا عَلَيْهِمْ رِيحًا وَجُنُودًا لَّمْ تَرَوْهَا ۚ وَكَانَ اللَّهُ بِمَا تَعْمَلُونَ بَصِيرًا ﴿٩﴾
އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ލަޝްކަރުތަކެއް ތިޔަބައިމީހުންނާ ހަމަޔަށް އައިހިނދު، ﷲ ތިޔަބައިމީހުންނަށް ދެއްވި ނިޢްމަތް ތިޔަބައިމީހުން ހަނދާންކުރާށެވެ! ފަހެ، އެހިނދު އެއުރެންގެ މައްޗަށް ގަދަ ވަޔަކާއި، ތިޔަބައިމީހުންނަށް ނުފެންނަ ލަޝްކަރުތަކެއް ތިމަންރަސްކަލާނގެ ފޮނުއްވީމެވެ.
ޚަންދަޤު ހަނގުރާމައިގެ ހިޞާރު ދެމިގެންދިޔައީ މަހެއްހާ ދުވަހަށެވެ.
ރަޙްމާންވަންތަ އިލާހުގެ ޢަރުޝިކޮޅު ގުޑުންއަރައިގެން ދިޔަ ޙާދިސާއެއް
ދެން އެއަށްފަހު ސަޢުދު ބުނު މުޢާޛު ފަރުވާ ލިބިގަތުމަށް މަސްޖިދުއްނަބަވީ ގެ ކައިރީގައި ހެދިފައިވާ ފަރުވާދޭ މަރުކަޒަށް އެނބުރި ވަޑައިގެންފިއެވެ. އެހައިތަނުން ޚަންދަޤު ހަނގުރާމައިގައި މުޝްރިކެއްގެ ތީރު ހެރިގެން ފަޅައިގެންދިޔަ ލޭ ނާރުން ލޭތައް އޮހޮރެން ފަށައިފިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم އާއި ޢުމަރުގެފާނާއި އަބޫބަކުރުގެފާނު ސަޢުދުގެފާނު ކައިރިއަށް ވަޑައިގެންފިއެވެ. އޭރު އެތާނގައި މުސްލިމުންތައް ރޮނީއެވެ. ސަޢުދު އެގޮތުގައި ލޭ މަނާނުވެ އޮންނަވަނިކޮށް ރޭވެ އަނދިރިވެއްޖެއެވެ. ރޭގަނޑުގެ ވަގުތެއްގައި ސަޢުދުގެފާނު ޝަހީދުވެއްޖެއެވެ. އޭރު ސަޢުދުގެފާނު އުމުރުފުޅަކީ 37 އަހަރެވެ. އެއަށްފަހު އެކަލޭގެފާނު އެކަލޭގެފާނުންގެ ޢާއިލާގެ ގާތަށް ގެންދެވުނެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم އެރޭ އަވަހާރަފުޅު ލެއްޕެވުމަށްފަހު ހެނދުނު ތެދުވެވަޑައިގެންނެވި ހިނދު، ސަލާމްލެއްވި ޖިބްރީލް، ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގެން، އުޑުގެ އަހުލުވެރިން، ސަޢުދުގެފާނު ޝަހީދުވުމުގެ ސަބަބުން އުފާކުރެއްވިކަމުގެ ޚަބަރު ދެއްވިއެވެ.
އަދި އެކަލޭގެފާނު އަވަހާރަވުމުގެ ސަބަބުން މާތްﷲގެ ޢަރުޝިއަށް ލޮޅުން އަރައިގެން ދިޔަ ވާހަކައިގެ ޚަބަރުވެސް ޖިބްރީލް ޢަލައިހިއްސަލާމް ދެއްވިއެވެ. މިއީ މުސްނަދު އަހުމަދުގައި އައިސްފައިވާ ރިވާޔަތެކެވެ.
ފަތިސްނަމާދުކުރެއްވުމަށްފަހު ސަޢުދު ވަޅުފުޅުލެއްވުމަށް މީސްތަކުންނާއިގެން ”އަލްބަޤީޢު“ ގަބުރުސްތާނަށް ވަޑައިގެންނެވުމަށްޓަކައި ނުކުމެ ވަޑައިގެންނެވިއެވެ. އުފުއްލަވައިގެން ސަޢުދު ގެންދެވުނު ވަގުތު މީސްތަކުން އެއްބަޔަކު އަނެއްބަޔަކަށް ބުނަންފެށިއެވެ. ސަޢުދުގެފާނުގެ ސަންދޯއް ހާދަހާވާ ލުޔެވެ. އެ އަޑު އައްސަވާފައި ކީރިތި ރަސޫލާ صلى الله عليه وسلم އަސްޙާބުންނާއި މުޚާތަބުކުރައްވައި ހަދީސްކުރެއްވިއެވެ.ހަމަކަށަވަރުން މަލާއިކަތުން ތިއްބެވީ ސަޢުދު އުފުއްލަވައިގެންނެވެ.
މަޞްދަރުތައް:
އައްރަޙީޤުލްމަޚްޠޫމު
[ސަޙީހް ބުޚާރީ – ބާބު ޣަޒަވާތު]