ނަޞޭޙަތާއި އިރުޝާދު
މުޖުތަމަޢު އިޞްލާޙު ވުމުގެ އެންމެ މުހިއްމު އެއް ސަބަބު

الحمد لله.

އެންމެ މުހިއްމު އެއް ވާޖިބަކީ ހެޔޮކަންކަމަށް އަމުރު ކުރުމާއި އަދި މުންކަރާތްތައް ނަހީ ކުރުމެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ[1]   މާނައީ: ”މުއުމިނު ފިރިހެނުންނާއި މުއުމިނު އަންހެނުންނަކީ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިންނެވެ. އެބައިމީހުން ހެޔޮކަންކަމަށް އަމުރުކޮށް އަދި މުންކަރާތްތައް ނަހީ ކުރެއެވެ.“

ފަހެ ބަޔާންވެ ދިޔަ އާޔަތުގައި ﷲ ތަޢާލާ އެވަނީ ހެޔޮކަންކަމަށް އަމުރުކޮށް ނުބައި ކަންތައްތައް ނަހީ ކުރުމަކީ މުއުމިނު ފިރިހެނުންނާއި އަދި މުއުމިނު އަންހެނުންގެ ޞިފައެއް ކަމުގައި ބަޔާން ކުރައްވާފައެވެ.

އަދިވެސް އެއިލާހު ވަޙީ ކުރައްވާފައި ވެއެވެ. كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّهِ [2]

މާނައީ: ”މީސްތަކުންނަށް ނެރެވުނު އެންމެ ހެޔޮ އުންމަތް ކަމުގައި ތިޔަބައިމީހުން ވީމުއެވެ. ތިޔަބައިމީހުން ހެޔޮކަންކަމަށް އަމުރުކޮށް އަދި މުންކަރާތްތައް ނަހީ ކުރަމުއެވެ. އަދި ތިޔަބައިމީހުން ﷲ އަށް އީމާން ވަމުއެވެ.“

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. من رأى منكم منكرا فليغيره بيده، فإن لم يستطع فبلسانه، فإن لم يستطع فبقلبه، وذلك أضعف الإيمان [3]

މާނައީ: ”ތިޔަބައިމީހުންގެ ތެރެއިން މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ އެމީހެއްގެ އަތުން އެކަން މަނާ ކުރާށެވެ. އަދި އަތުން މަނާ ނުކުރެވޭނެ ނަމަ އެމީހެއްގެ ދުލުން އެކަން މަނާ ކުރާށެވެ. އަދި ދުލުން މަނާ ނުކުރެވޭނެ ނަމަ އެމީހެއްގެ ހިތުން އެކަމެއް މަނާ ކުރާށެވެ. އެއީ އިމާންތެރިކަމުގެ އެންމެ ދަށު ދަރަޖައެވެ.

ހެޔޮކަންކަމަށް އަމުރު ކުރުމާއި އަދި މުންކަރާތްތައް ނަހީ ކުރުމަކީ ވާޖިބެއްކަމާއި އަދި މިކަން ދޫކޮށްލުމުގެ ނުބައިކަން ދޭހަކޮށްދޭ އާޔަތްތަކާއި އަދި ޙަދީޘް ބަސްފުޅުތައް ވަރަށް ގިނައެވެ. ފަހެ ތިޔަބައިމީހުންގެ މައްޗަށާއި އަދި ކޮންމެ މުސްލިމު ފިރިހެނަކާއި މުސްލިމު އަންހެނެއްގެ މައްޗަށް ވާޖިބުވެގެންވަނީ ހެޔޮކަންކަމަށް އަމުރުކޮށް އަދި މުންކަރާތްތައް ނަހީ ކުރުމެވެ. އެއީ އޭގެ ސަބަބުން ބަޔަކު ރުޅިއައިސް އެއްޗެހި ކީ ކަމުގައި ވިޔަސް މެއެވެ. މިކަމުގެ މައްޗަށް ކެތްތެރި ވާން ޖެހޭނެއެވެ. އެއީ ޞަލަވާތާއި ސަލާމް ލެއްވި ރަސޫލުންނާއި އަދި ހެޔޮގޮތުގައި އެބޭކަލުންނަށް ތަބަޢަވީ މީހުންގެ މަގެވެ.

 

ﷲ ތަޢާލާ އެއިލާހުގެ ނަބިއްޔާ صلى الله عليه وسلم އާއި މުޚާޠަބު ކުރައްވައި ވަޙީ ކުރައްވާފައި ވެއެވެ.

فَاصْبِرْ كَمَا صَبَرَ أُولُو الْعَزْمِ مِنَ الرُّسُلِ [4]

މާނަައީ: ”ރަސޫލުބޭކަލުންކުރެ ހިތްވަރުފުޅުގަދަ ޢަޒުމު ވަރުގަދަބޭކަލުން (އުލުލް ޢަޒުމުގެ ބޭކަލުން) ކެތްތެރިވެވަޑައިގެންނެވި ފަދައިން ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ!“

 

އަދިވެސް ވަޙީ ކުރައްވާފައި ވެއެވެ. وَاصْبِرُوا ۚ إِنَّ اللَّهَ مَعَ الصَّابِرِينَ [5] މާނައީ: ”އަދި ތިޔަބައިމީހުން ކެތްތެރި ވާށެވެ. ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއި އެކުއެވެ.“

ޙިކުމަތްތެރި ލުޤްމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވިއެވެ. يَا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ وَاصْبِرْ عَلَىٰ مَا أَصَابَكَ [6] މާނައީ: އޭ ދަރިފުޅާއެވެ! ތިބާ ނަމާދު ޤާއިމު ކުރާށެވެ. އަދި ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީ ކުރާށެވެ. އަދި ދިމާވާ ކަންކަމުގެ މައްޗަށް (ދަތިތަކާ މުޞީބާތްތަކަށް) ކެތްތެރި ވާށެވެ.

 

މުޖުތަމަޢު އިޞްލާޙު ވުމާއި އަދި އެގޮތުގެ މަތީގައި ދެމިއޮތުން ވަނީ ﷲ ގެ ޙަޟްރަތުގައެވެ. އަދި އެއަށްފަހު ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީ ކުރުމުގައެވެ. މުޖުތަމަޢު ފަސާދަވެ، ބައިބައިވެ އަދި ޢާންމު ޢުޤޫބާތައް ހުށައެޅިގެންދާ އެންމެ ބޮޑު އެއް ސަބަބަކީ ހެޔޮކަންކަމަށް އަމުރު ނުކުރުމާއި އަދި މުންކަރާތްތައް ނަހީ ނުކުރުމެވެ.

 

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. إن الناس إذا رأوا المنكر فلم يغيروه أوشك أن يعمهم الله بعقابه [7]

މާނައީ: ”ހަމަކަށަވަރުން މީސްތަކުންނަށް މުންކަރާތެއް ފެނި އެކަން މަނާ ނުކޮށްފި ކަމުގައިވާނަމަ، އެބައިމީހުންގެ މައްޗަށް ﷲ ގެ ޙަޟްރަތުން ޢާންމުވެގެންވާ ޢުޤޫބާތެއް އައުން ގާތްވެގެންވެއެވެ.“ ބަނޫ އިސްރާއީލުގެ ޢަމަލަކާއި ގުޅޭގޮތުން ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނަށް އިންޛާރު ކުރައްވައި ވަޙީ ކުރައްވާފައި ވެއެވެ.

 

لُعِنَ الَّذِينَ كَفَرُوا مِن بَنِي إِسْرَائِيلَ عَلَىٰ لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ – كَانُوا لَا يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ ۚ لَبِئْسَ مَا كَانُوا يَفْعَلُونَ [8]

މާނައީ: ”ދާވޫދު عليه السّلام އާއި ޢީސާ عليه السّلام ގެ ދޫފުޅުމަތީން ބަނޫ އިސްރާއީލް އިންނަށް ލަޢުނަތް ލެއްވިއްޖެއެވެ. އެއީ އެމީހުންގެ އުރެދުމުގެ ސަބަބުންނާއި އަދި އެމީހުން ހައްދުފަހަނަޅައިގަތުމުގެ ސަބަބުންނެވެ. އެބައިމީހުން ވީ  އެބައިމީހުން ކޮށްއުޅުނު މުންކަރާތްތައް ނަހީ ނުކުރާ ބައެއް ކަމުގައެވެ. އެބައިމީހުން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ!“

 

އެންމެހާ މުސްލިމުންނަކީވެސް މި ވާޖިބު އެންމެ ހެޔޮ ގޮތުގައި އަދާކުރާ ބައެއް ކަމުގައި ލެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދަންނަވަމެވެ. އަދި މުސްލިމުންގެ އެންމެހާ ކަންކަން އިޞްލާޙު ކޮށްދެއްވުން އެދެމެވެ. އަދި ﷲ ތަޢާލާގެ ނުރުއްސެވުމަށް މަގުފައިވާ ކޮންމެ ކަމަކުން ރައްކާތެރިކަމަށް އެދެމެވެ. އެއިލާހަކީ ހަމަކަށަވަރުން އަޑުއައްސަވާ އަދި އަޅުތަކުންގެ ދުޢާ އިޖާބަކުރައްވާ އިލާހެވެ.

 

نشر في المجلة العربية في باب (فاسألوا أهل الذكر)، (مجموع فتاوى ومقالات الشيخ ابن باز 6/344)

[1] سورة التوبة 71

[2] سورة آل عمران 110

[3] رواه مسلم في صحيحه

[4] سورة الأحقاف 35

[5] سورة الأنفال 46

[6] سورة لقمان 17

[7] مسند أحمد وسنن أبي داود والترمذي وابن ماجه

[8] سورة المائدة 79,78

 

1