ނަޞޭޙަތާއި އިރުޝާދު
 މަލާއިކަތް ބޭކަލުންގެ ފައުޖުތަކުން މުޅި ކައުނު ފުރިގެންދާ ރޭ

ލައިލަތުލް ޤަދްރި އަކީ އެއްހާސް މައްސަރުގެ ސަވާބާއި ދަރުމަ އެއް ރެއެއްގައި ޖަމާވެގެންވާ ރެއެކެވެ. އެއީ މަލާއިކަތް ބޭކަލުންގެ ފައުޖުތަކުން  މުޅި ކައުނު ފުރިގެންދާ ރެއެވެ. ޤަދަރާއި ޝަރަފު އުފުލިގެންވާ ރެއެވެ. މިކަން މާތްﷲ ޤަދްރު ސޫރަތުގައި ވަރަށް ތަފްޞީލުކޮށް ބަޔާންކުރައްވައިފައިވެއެވެ.

إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ ‎﴿١﴾‏ وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ ‎﴿٢﴾‏ لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ‎﴿٣﴾‏ تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ  رَبِّهِم مِّن كُلِّ أَمْرٍ ‎﴿٤﴾‏ سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ ‎﴿٥﴾‏

މާނައީ: “ހަމަކަށަވަރުން ތިމަން ﷲ އެ ޤުރުއާން ބާވައިލެއްވީ ޤަދްރިވިލޭރޭގައެވެ. އަދި ޤަދްރިވިލޭރެޔަކީ، ކޮން ރެއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮން އެއްޗެއްތޯއެވެ؟ ޤަދްރިވިލޭރޭ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. މަލާއިކަތުންނާއި، ޖިބްރީލްގެފާނު އެބޭކަލުންގެ ވެރި ރައްބުގެ އިޒުނަފުޅާއެކު، ހުރިހާ އަމުރުފުޅުތަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެއެވެ. އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށްދާންދެން، އަމާންކަމާއި ސަލާމަތްކަން ލިބިގެންވާ ރެއެކެވެ.”

ލައިލަތުލްޤަދްރި ވިލޭރޭ ގެ މާތްކަން އަންނަނިވި ޙަދީޘްގެ މާނައިންވެސް އެނގެއެވެ،

މާނައީ؛ “ތިޔަބައިމީހުންގެ ގާތަށް ރަމަޟާން މަސް އަތުވެއްޖެއެވެ. އެއީ ބަރަކާތްތެރި މަހެކެވެ. މާތްﷲ ވަނީ ތިޔަބައިމީހުންގެ މައްޗަށް އެމަހުގެ ރޯދަ ފަރުޟުކުރައްވާފައެވެ. އުޑުގެ ދޮރުކޮޅުތައް އެމަހުގައި ހުޅުވިގެންދެއެވެ. އަދި ނަރަކައިގެ ދޮރުތައް އެމަހުގައި ބަންދުވެގެންދެއެވެ. އަދި އެމަހުގައި ޝައިޠާނުންގެ ތެރެއިން މާރިދުން ކަސްތޮޅު އެޅުވެއެވެ. މާތްﷲ ގެ ޙަޟްރަތުގައި، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް އެމަހުގައި ވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެ މީހާ ހުރިހާ ހެޔޮކަމަކުން މަޙްރޫމުވެއްޖެކަން ކަށަވަރެވެ.”

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ) رواه البخاري.

މާނައީ: “ސަވާބާ އަޖުރަށް އުއްމީދުކުރާ ހާލު ލައިލަތުލް ޤަދުރިވިލޭ ރޭއަޅުކަންކޮށްފިމީހާގެ އިސްވެދިޔާ ފާފަތައް ފުއްސެވޭ ހުއްޓެވެ.”

135